Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

20 ޖެނުއަރީ 2020

"މައިދާން" އަށް ވަގުތު ދެވެން ނެތިގެން، އެ ފިލްމުގެ ބަތަލާގެ ރޯލަށް ސޮއިކުރި އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް ފިލްމު ދޫކޮށްލުމުން އޭނާގެ ބަދަލުގައި ފިލްމަށް އެހެން ބަތަލާ އަކު ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"މައިދާން" އަށް ވަގުތު ދެވެން ނެތިގެން، އެ ފިލްމުގެ ބަތަލާގެ ރޯލަށް ސޮއިކުރި އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް ފިލްމު ދޫކޮށްލުމުން އޭނާގެ ބަދަލުގައި ފިލްމަށް އެހެން ބަތަލާ އަކު ހަމަޖައްސައިފި އެވެ.

އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމަށް މި ފަހަރު ވެސް ނެގީ ދެކުނުގެ ބަތަލާއެކެވެ. އެއީ ނެޝަނަލް އެވޯޑް ހޯދާފައިވާ ޕްރިޔަމަނީ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިޔާމަނީ އަކީ ކަންގަނާ ރަނާވަތު ކުޅެމުން އަންނަ ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.

ކީރްތީ "މައިދާން" ދޫކޮށްލި އިރު، އެ ފިލްމަކީ އޭނާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމެވެ. ކީރްތީ އަކީ މިދިޔަ އަހަރު އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ބަތަލާ އެވެ.

"މައިދާން" އަކީ މިދިޔަ އަހަރު "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކުރާ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގައި ކިޔައިދޭނީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ އެވެ.

"މައިދާން" ރިލީޒްކުރާނީ މި އަހަރު ނޮވެމްބަރު 27 ގަ އެވެ.

"ހަސީން ދިލްރުބާ" ގެ ޝޫޓިން ފަށައިފި

ތާޕްސީ ޕައްނޫ އާއި ވިކްރަންތު މަސީ ލީޑް ރޯލް ކުޅޭ ތުރިލާ ހަސީން ދިލްރުބާ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށް، ވިނިލް މެތިއު ޑައިރެކްޓްކުރާ ފިލްމެކެވެ. ވިނިލް އަކީ 2014 ގައި ޕަރިނީތީ ޗޯޕްޅާ އާިއ ސިދާތު މަލްއުތުރާ ކުޅުނު "ހަސީ ތޯ ޕަސީ" ގެ ޑައިރެކްޓަރެވެ.

"ހަސީން ދިލްރުބާ" އަކީ މި އަހަރުގެ ސެޕްޓެމްބަރު 18 ގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

ޝަބާނާ އެކްސިޑެންޓްވެގެން ފަރުވާ ދެނީ

އިންޑިއާގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީ އެކްސިޑެންޓްވެގެން ފަރުވާދޭން ފަށައިފި އެވެ.

ހޮނިހިރު ދުވަހު ހަވީރު އޭނާ އެކްސިޑެންޓްވީ މުމްބާއީއާ 60 ކިލޯމީޓަރު ދުރުގައިވާ ކާލާޕޫރްގެ ހައިވޭއެއްގަ އެވެ. އެކްސިޓެންޓްވީ ޝަބާނާ ޑްރައިވަރާ އެކު ދަތުރުކުރި ކާރު ޓްރަކެއްގެ ޖެހިގެންނެވެ. މި ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ޝަބާނާ އަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އުމުރުން 69 އަހަރުގެ ބަތަލާ އަށް ފަރުވާ ދެމުން އަންނަނީ ނަވީ މުމްބާއީގެ އެމްޖީއެމް ހޮސްޕިޓަލްގަ އެވެ.

ޅެންވެރިޔާ ޖާވިދު އަޚްތަރާ ކައިވެނިކޮށްގެން އުޅޭ ޝަބާނާ އަކީ ޑައިރެކްޓަރުން ކަމަށްވާ ފަރްހާން އަޚްތަރާއި ޒޯޔާ އަޚްތަރުގެ ދޮންމަންމަ އެވެ.

ޝާހްރުކާއި ރަންބީީރުގެ ފިލްމެއް

ޝާހްރުކް ޚާނާއި ރަންބީރު ކަޕޫރާ އެކު، ޑައިރެކްޓަރު ކަރަން ޖޯހަރު ފިލްމެއް ހަދަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ވެސް މިފަދަ އަޑުތަކެއް އަރާފައިވެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ކަރަން މިހާރު ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ "ތަޚުތު" އަށް ފަހު، އޭނާ ޑައިރެކްޓްކުރާ ފިލްމުން ޝާހްރުކާއި ރަންބީރު ފެނުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު މިއީ އަދި ކަށަވަރު ވާހަކައަކަށް ނުވެ އެވެ.

އެ ދެ މީހުން ކުރިން ވެސް ވަނީ ކަރަންގެ ފިލްމަކުން އެކީގައި ފެނިގެންގޮސްފަ އެވެ. އެއީ 2016 ގެ "އޭ ދިލް ހޭ މުޝްކިލް" އިންނެވެ.

ރަންބީރު ލޯޑް ރޯލް ކުޅުނު އެ ފިލްމުގައި ޝާހްރުކް ފެނުނީ ހާއްސަ ފެނިލުމަކުންނެވެ.

އޭނާ އަކީ ކަރަންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ އެކްޓަރެވެ. އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ޚުޝީ، ކަބީ ޢަމް"، "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.