Roadha Mihaaru
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި ފަހަރު ރަންދެލި

ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި ފަހަރު ރަންދެލި

04 ޖެނުއަރީ 2020

މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނައިން ސާވިސް ޗާޖު ދިން ރާއްޖޭގެ ރިސޯޓުތަކުގެ ލިސްޓުގެ ކުރިއަށް ޝެވަލް ބްލާންކް ރަންދެލި އަރައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނައިން ސާވިސް ޗާޖު ދިން ރާއްޖޭގެ ރިސޯޓުތަކުގެ ލިސްޓުގެ ކުރިއަށް ޝެވަލް ބްލާންކް ރަންދެލި އަރައިފި އެވެ.

އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދިނީ 1،903 ޑޮލަރު (29،348ރ.) އެވެ. މިއީ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 11،677ރ. އިތުރު އަދަދެކެވެ. ރަންދެލި ރިސޯޓު، ނޮވެމްބަރު މަހު ހިމެނުނީ ސާވިސް ޗާޖުގެ ލިސްޓުގެ ދެވަނައިގަ އެވެ.

ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މިދިޔަ ނޮވެމްބަރު މަހު އޮތް ވެލާ ޕްރައިވެޓް އައިލެންޑް، ޑިސެމްބަރު މަހު ތިންވަނަ އަށް ވެއްޓިފަ އެވެ. ވެލާ އިން 1،329 ޑޮލަރު (20،497ރ) ނޮވެމްބަރު މަހު ދީފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ އަދަދަކީ 931.84 ޑޮލަރު (14،368ރ.) އެވެ.

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 948.67 ޑޮލަރު (14،628ރ.) ބަހައިގެން ލިސްޓުގެ ދެވަނައިގައި އޮތީ ސެއިންޓް ރެޖިސް ވޯއްމުލި ރިސޯޓެވެ. އޭގެ ކުރީ މަހު ވޯއްމުލި ރިސޯޓުން ބަހާފައިވަނީ 789.81 ޑޮލަރު (12،178ރ.) އެވެ.

ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރި ނަމަވެސް ގިނަ ރިސޯޓުތަކުން އެކަމެއް ނުކުރެ އެވެ. ރާއްޖެގައި 151 ރިސޯޓު ހިންގަ އެވެ. އެކަމަކު، މިދިޔަ މަހު ވެސް ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރީ އެންމެ 75 ރިސޯޓުންނެވެ.

މުވައްޒަފުންނަށް ސާވިސް ޗާޖު ބަހާ ގޮތުގެ ލިސްޓް ތައްޔާރު ކުރަނީ، ރިސޯޓުތަކުގެ މުވައްޒަފުން ދޭ މައުލޫމާތުގެ މައްޗަށް "މޯލްޑިވްސް ސާވިސް ޗާޖް" ވެބްސައިޓުންނެވެ. ރަންދެއްޔާއި ވެލާ އަދި ވޯއްމުލި ރިސޯޓަކީ މި ވެބްސައިޓުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ރިސޯޓުތަކެވެ. މީގެ އިތުރުން މި ލިސްޓުގެ ކުރީގައި އުޅެނީ އިތާފުށި ރިސޯޓެވެ. އެ ރިސޯޓުން މިދިޔަ މަހު ވަނީ ސާވިސް ޗާޖުގެ ގޮތުގައި 901 ޑޮލަރު (13،893ރ.) ބަހައިފަ އެވެ.

ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރި ނަމަވެސް ގިނަ ރިސޯޓުތަކުން އެކަމެއް ނުކުރެ އެވެ. ރާއްޖެގައި 151 ރިސޯޓު ހިންގަ އެވެ. އެކަމަކު، މިދިޔަ މަހު ވެސް ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރީ އެންމެ 75 ރިސޯޓުންނެވެ.

ރިސޯޓުތަކުން އެކަށީގެންވާ މިންވަރަކަށް ސާވިސް ޗާޖު ނުދޭ މައްސަލަ އަކީ ފެށުނީއްސުރެ ހައްލު ނުކުރެވި އޮތް ކަމަކަށް ވާއިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ފަހުން މީޑިއާ ގައި ދެއްކެވި ވާހަކައެއްގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ވަނީ ފާޅުގައި އޭނާއާ ދެކޮޅަށް ތެދުވެ، އިސްތިއުފާ އަށް ގޮވަން ފަށައިފަ އެވެ.

ރަންދެއްޔާއި ވެލާ އަދި ވޯއްމުލި ރިސޯޓަކީ ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރާ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ރިސޯޓުތަކެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި ނިއުސް ބްރީފިންއެއްގައި "މިހާރު" ން ކުރި ސުވާލެއްގެ ޖަވާބުގައި އަލީ ވިދާޅުވެފައި ވަނީ ރާއްޖޭގެ ކީ ވިޔަފާރިތައް ނުވަތަ ރިސޯޓުތަކަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ބަލައިލާއިރު ވެސް ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށެވެ.

އެ ވާހަކައާ ގުޅިގެން، ރިސޯޓު މުވައްޒަފުންގެ ފިއްތުންތައް ބޮޑުވުމުން ފަހުން ޓުވިޓާގައި މިނިސްޓަރު އަލީ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދިނުމާއި ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ އޮޑިޓުން ފާހަގަވި ރިސޯޓުތަކުގެ މައްސަލަ ބަލައި، ޑިއު ޕްރޮސެސް ފުރިހަމަކޮށް، ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިސޯޓުތަކުގެ ބައެއް މުވައްޒަފުން އަލީއާ ދެކޮޅަށް ނުކުތަސް މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ އިސް ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ އަލީ ދިފާއު ކުރައްވައި ތައުރީފު އޮއްސަވައިލައްވައިފަ އެވެ.