Roadha Mihaaru
މިނިސްޓަރުގެ ބޮޑު ތުހުމަތެއް: އަސްލު މައްސަލައަކީ ޓީމް

މިނިސްޓަރުގެ ތުހުމަތު ޓީމަށް: މައްސަލަ އުފެއްދީ ފައިސާ ނަގަން މަޖުބޫރު ކުރުވާ ސިޓީ ނުދީގެން!

01 ޖެނުއަރީ 2020

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށާއި އެއީ އޭނާ މެދުވެރިވެގެން، އެ ޖަމިއްޔާ އަށް މާލީ ފައިދާވާ ކަންތައްތަކަކަށް މަގުފަހިކޮށް ނުދެއްވައިގެން ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށާއި އެއީ އޭނާ މެދުވެރިވެގެން، އެ ޖަމިއްޔާ އަށް މާލީ ފައިދާވާ ކަންތައްތަކަކަށް މަގުފަހިކޮށް ނުދެއްވައިގެން ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

ރިސޯޓްތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖާ ގުޅޭ ގޮތުން މިނިސްޓަރު އަލީ މިދިޔަ ހަފުތާގައި ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. އެ ފާޑުކިއުންތަކާ ގުޅުވައި ޓީމުން ނެރުނު ބަޔާނެއްގައި، މިނިމަމް ވޭޖް ކަނޑަނާޅާއި ލަސްވަމުން ދިއުމާއި މުވައްޒަފުންގެ ހައްގުތައް ކަށަވަރު ނުވެ ލަސްވަމުންދާ ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އަލީއާ ދެކޮޅަށް ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ހަރަކާތްތަކެއް ފަށާފައި ވަނިކޮށް، އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު އުފެދިގެން އުޅޭ އަސްލު މައްސަލަ ގުޅިފައި ވަނީ ޓީމާއި އެ ޖަމިއްޔާގެ ބައިވެރިވުމާ އެކު އުފައްދައިގެން އުޅޭ ލޭބާ ޕާޓީއާ ކަމަށެވެ. އެ މީހުން ބޭނުންވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން އެ މީހުންނަށް ވަކި ވަރަކަށް ފައިސާ ދޭން މަޖުބޫރުވާ ގޮތަށް، އޭނާގެ ސިޓީ އެކެވެ. ޓީމުން ފައިސާ ނަގަން ބޭނުންވަނީ، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރު (100ރ.) ގެ މަގުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރުކުރުވާ ސިޓީއެއް އަޅުގަނޑު ނުދޭނަން،" އަލީ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ރިސޯޓުތަކުގެ މުވައްޒަފުންގެ އަދަދަށް ބަލައި، ކޮންމެ މީހަކަށް ވާ ވަރަށް ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ކަމުގެ ޝަކުވާ ރިސޯޓުތަކުން މީގެ ކުރިން ވެސް ކުރި އެވެ. އަދި ބައެއް ރިސޯޓުތަކުން އެ ޝަކުވާ ޓޫރިޒަމް މިިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް އެނގިފައި ވެ އެވެ.

މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އަލީ ވިދާޅުވެފައި ވަނީ ރިސޯޓުތަކުގައި ސާވިސް ޗާޖު ދޭ މިންވަރާއި ދިވެހި މުވައްޒަފުންނަށް ތިބޭ މިންވަރު ރަނގަޅު ކަމަށެވެ.

"ހަމަ ރާއްޖޭގެ ކީ ވިޔަފާރިތައް ނުވަތަ މިއަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ކުންފުނިތަކަށް އަދި ބޭރުގެ ކުންފުނިތަކަށް ބަލައިލާއިރު ވެސް ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު،" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

އެކަމާ ގުޅިގެން ބައެއް މުވައްޒަފުން ރުޅި ގަދަވެ، އަލީގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ. އަދި މަގާމުން އޭނާ ދުރުކޮށްދޭން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުން ސާވިސް ޗާޖު ދިނުމާއި އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ އޮޑިޓުން ފާހަގަވި ރިސޯޓުތަކުގެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ރިސޯޓެއްގެ މެނޭޖްމެންޓާއި މުވައްޒަފަކާ އެރޭންޖްމެންޓެއް ހެދުމަށް މިނިސްޓްރީން ހުރަސް ނާޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހޮނޑާފުށި ރިސޯޓު ބަދުނާމުކުރާ ކަމުގެ ތުހުމަތާ އެކު އެތަނުގެ ވަޒީފާ އިން ވަކި ކުރި މައްސަލައެއްގައި ވެސް މުވައްޒަފުންގެ ރުޅި ވަނީ އިތުރަށް ގަދަވެފަ އެވެ. އަދި އެ ރިސޯޓުގައި މުވައްޒަފެއްގެ ގައިގައި އެތަނުގެ ބިދޭސީ މުވައްޒަފަކު ޖަހައި މާރާމާރީ ހިންގި މައްސަލައެއް މިއަދު ވަނީ ފެންމަތިވެފަ އެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ބިރު ދެއްކުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.