Roadha Mihaaru
ފްލައިން ސްކޫލްގެ ބޯޓެއް ރަންވޭމައްޗަށް "ވެއްޓިއްޖެ"

ގަން ފްލައިން ސްކޫލްގެ ބޯޓެއް ރަންވޭ މައްޗަށް "ވެއްޓިއްޖެ"

04 ޖެނުއަރީ 2020

އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ތަމްރީނުތަކަށް ބޭނުންކުރާ ކުޑަ މަތިންދާބޯޓެއް، ގަން އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މައްޗަށް މިއަދު "ވެއްޓިއްޖެ" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ތަމްރީނުތަކަށް ބޭނުންކުރާ ކުޑަ މަތިންދާބޯޓެއް، ގަން އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މައްޗަށް މިއަދު "ވެއްޓިއްޖެ" އެވެ.

އޭރު އެ ބޯޓުގައި ތިބީ ބިދޭސީ ދަރިވަރަކާއި އިންސްޓްރަކްޓަރެއް ކަމަށް އެނގިފައި ވެ އެވެ. މި އެކްސިޑެންޓުގައި އެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

މިއަދު ހަވީރު 4:00 ހާއިރު އެ ހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބެއް ސާފެއް ނުވި ނަމަވެސް ބޯޓު "ވެއްޓެން" މެދުވެރިވީ ލޭންޑިން ގިޔަރުގައި މައްސަލައެއް ޖެހިގެން ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ހާދިސާގައި ބޯޓުގެ ކުރީކޮޅު ރަންވޭ މަތީގައި ޖެހި، ބޯޓުގެ ކުރިމަތީގައި އިންނަ ބުރަފަތި ވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ.

ބޯޓު "ވެއްޓުމާ" އެކު ގަން އެއާޕޯޓުގެ އެކި ޑިޕާޓްމަންޓްތަކުން މިހާރު އަންނަނީ އިމަޖެންސީ ހާލަތުގައި ހަރަކާތްތެރިވަމުންނެވެ.

ގަމުގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޓިކްސް (އޭއޭއޭ) ގެ ބޯޓެއް 2015 ގައި ވެސް ހަމަ މިފަދަ ގޮތަށް ރަންވޭ މައްޗަށް ވެއްޓިފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް މިފަދަ ޓްރޭނިން ބޯޓެއްގެ އިންޖީނު ފެއިލްވެގެން ކަނޑަށް ވެއްޓިފައިވެ އެވެ.