Roadha Mihaaru
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"

ފްލައިން ސްކޫލްގެ ދަރިވަރުން އަނެއްކާ ވެސް "މަގުމަތިވެފައި"

23 ސެޕްޓެމްބަރ 2021

އައްޑޫ ފްލައިން ސްކޫލް ހިންގަން އެވިޑް ކޮލެޖުން ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އަނެއްކާވެސް ދަރިވަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ފްލައިން ސްކޫލް ހިންގަން އެވިޑް ކޮލެޖުން ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އަނެއްކާވެސް ދަރިވަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެ އެވެ.

ގަމުގައި ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެއޮރޮނޯޓީކްސް (އޭއޭއޭ) އާއި އެވިޑާ ދެމެދު ޖޫން މަހު ހެދި އެއްބަސްވުން ބާތިލުކުރީ މިދި ހަފުތާގަ އެވެ. އެ ކޮލެޖުން ފްލައިން ސްކޫލް ހިންގަން ހަވާލުވުމުން ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެކަމަކު މައްސަލަ އަށް އެކަށީގެންވާ އަލިމަގެއް ނުހޯދި އުޅެނިކޮށް، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުން ބާތިލުކުރުމުން ދަރިވަރުން މިހާރު އަނެއްކާ ވެސް ތިބީ ވާނުގަ އެވެ.

ފްލައިން ސްކޫލްގެ ދަރިވަރަކު ބުނި ގޮތުގައި އެވިޑާ އެކު އުންމީދުތުތަކެއް އާވި ނަމަވެސް އެ ހުރިހާ ކަމެއް ވެސް ދިޔައީ ފަނުފުލުންނެވެ. އެހެންވެ ދަރިވަރުން މިކަން ސިފަކުރަނީ އެ މީހުން އަނެއްކާ ވެސް ގޮތްހުސްވެ "މަގުމަތިވުމުއްގެ" ގޮތުގަ އެވެ.

"ވަރަށް ވެސް ބޮޑު ހިތްދަތިކަމެއް. އަހަރެމެންނަށް މިއޮތީ ޖޮއިންވި ފަހުން ބޮޑު ބޮލުގެރިހުމަކާ ކުރިމަތިވެފައި. ބޮޑު ހޭދަކޮށްފައި ހަދާ ކޯހަކަށް ޕައިލެޓް ޓްރޭނިން ކޯސްވާތީ ވާނުވާ ނޭނގޭ ގޮތަށް ކަންކަން ކުރިމަތިވުމަކީ މާލީ ގޮތުން ވެސް އުފަލަން ޖެހިފައިވާ ބޮޑު ބުރައެއް،" ދަރިވަރަކު ބުންޏެވެ.

ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރު ފަޒީލް.

ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރު ފަޒީލް.

ދަރިވަރުންތަކެއް ބުނި ގޮތުގައި ފްލައިން ސްކޫލާއި އެވިޑާ ދެމެދު ހެދި އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވައިލުމާ ގުޅިގެން ދެން މިކަމަށް އަނެއްކާވެސް ހައްލެއް ހޯދައިދޭން މެނޭޖްމަންޓްގައި ވާނީ އެދިފަ އެވެ.

މިކަމާ ބެހޭ ގޮތުން ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެވިޑަށް ކަންތައް ދިމާވި ގޮތުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން ވަރަށް އަވަހަށް ރަސްމީކޮށް ބަޔާނެއް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

އެވިޑުން މި މަހުގެ 18 ގައި އެއްބަަސްވުން ބާތިލުކުރީ ފްލައިން ސްކޫލް ހިންގަން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ހަރަދުތަކެއް ވެސް ކުރުމަށް ފަހު އެވެ. އެވިޑުން އެއްބަސްވުން ބާތިލުކުރަން ނިންމީ އެކަމަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާތަކުން ލިބެން ޖެހޭ އެއްވެސް އެހީތެރިކަމެއް ނުލިބި އެއްބަަސްވުން ބާތިލުކުރުން ނޫން ގޮތެއް ނެތިގެންނެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދު ވެސް ވިދާޅުވެފައި ވަނީ އެއްބަސްވުން އުވާލަން ޖެހުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބި، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވެން ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ކިޔެވުން ކުރިއަށް ގެންދެވޭތޯ މަސައްކަތްކޮށް، ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނުން ފައިސާ ވެސް ހަރަދުކޮށްފައިވެ އެވެ. އޭއޭއޭ އިން 2010 ގައި ގަމުގައި ހިންގަން ފެށި ފްލައިން ސްކޫލްގެ މަސައްކަތް ފެށި ފަހުން އެތަނުގެ މައްސަލަތައް ބޮޑުވެ، އެކަމުގެ ގެއްލުން އަބަދު ވެސް އެންމެ ބޮޑަށް ކުރިމަތިވާ ބަޔަކީ ދަރިވަރުންނެވެ. ނަމަވެސް މިކަމަށް މިހާތަނަށް ސަރުކާރުގެ ތެރެއިން އެކަށީގެންވާ ހައްލެއް ހޯދައި ދީފައި ނުވުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.