Roadha Mihaaru
ވޯޓު ލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި

ވޯޓު ލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި

10 އޮކްޓޯބަރ 2016

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓު ލާ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު ގެޒެޓުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓު ލާ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު ގެޒެޓުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށަކުން ވޯޓު ލާ މީހުންގެ މައުލޫމާތު ހިމެނޭ އެ ލިސްޓު މިއަދު އާއްމު ކުރުމާއެކު، އެއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިހަ ދުވަހަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ލިސްޓު އީސީގެ ވެބްސައިޓުގައި ވެސް ވަނީ ޝާއިއުކޮށްފަ އެވެ.

އިންތިހާބުތަކުގައި ވޯޓު ލާ މީހުންގެ ލިސްޓުގައި އާއްމުކޮށް ދިމާވާ މައްސަލަތަކަކީި ބައެއް މީހުންގެ ނަން އޭގައި ނުހިމެނުމާއި މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޭގައި ހުރުމެވެ. އެކަމަކު އެ ފަދަ ކަންކަމަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުވެ، ފުރިހަމަ ލިސްޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.

އަންނަ ޖެނުއަރީ 14ގައި ބާއްވާ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 26ގައި ހުޅުވާލާނެ އެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އިންތިހާބުކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު 655 އަށް މަދުވާނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބޭ މެމްބަރުންގެ އަދަދަކީ 1077 އެވެ. އެހެންކަމުން އެއީ 422 ކައުންސިލަރުން މަދުވުމެވެ. ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބީ 945 މީހުންނެވެ. އެކަމަކު އާ ގާނޫނުގެ ދަށުން އެ އަދަދު 585 އަށް ކުޑަވާނެ އެވެ. އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މިހާރު 132 އަށް އަރާއިރު ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މެމްބަރުންގެ އަދަދު 70 އަށް ކުޑަވާނެ އެވެ.