Roadha Mihaaru
653 ކައުންސިލަރުން އިންތިހާބުކުރާނެ

ލޯކަލް ކައުންސިލް އިންތިހާބުގައި 653 ކައުންސިލަރުން އިންތިހާބުކުރަން ނިންމައިފި

22 އޮކްޓޯބަރ 2016

އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތީން އެ ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދާއި ދާއިރާތައް އާންމުންނަށް ފެންނާނެހެން ގެޒެޓް އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި މިއަދު ވަނީ އާއްމު ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ. އިލެކްޝަންސް އިން ބުނީ މިފަހަރުގެ އިންތިހާބުގައި ކޮންމެ ރަށު ކައުންސިލަކުން އިންތިހާބު ކުރާނީ ތިނެއް ނުވަތަ ފަސް ކައުންސިލަރުން ކަމަށެވެ. އެއީ 3000 އިން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ތިން ކައުންސިލަރުން، އަދި 3،000ން މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ފަސް ކައުންސިލަރުންނެވެ. މިގޮތުން ފަސް ކައުންސިލަރުން އިންތިހާބުކުރާނީ 13 ރަށެއްގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އިލެކްޝަންސް އިން ބުނީ އަތޮޅޮ ކައުންސިލްތަކަށް އިންތިހާބުކުރާނީ ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އަތޮޅެއްގައި ނަމަ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރު ކަމަށެވެ. އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އަތޮޅެއް ނަމަ މުޅި އަތޮޅުން ވޯޓުލައިގެން ހޮވާ ތިން ކައުންސިލަރުން ކައުންސިލުގައި ތިބޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ސިޓީތަކުގައި އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލް މެންބަރެވެ. އެ ގޮތުން މާލެ ސިޓީގައި 13 މެންބަރުން، އައްޑޫ ސިޓީގައި ހަތް މެންބަރުން އަދި ފުވައްމުލަކު ސިޓީގައި ތިން މެމްބަރުން އިންތިހާބުކުރާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.