Roadha Mihaaru
ފިންގަޕްރިންޓް މައްސަލަ އިލެކްޝަނާ އެއްކޮޅަށް ނިމިއްޖެ

ކުރީގެ މެމްބަރުން ފިންގަޕްރިންޓް ހުށަހަޅަން އެންގި އެންގުން ކޯޓުން ބާތިލެއް ނުކުރި

03 އޮކްޓޯބަރ 2016

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޕާޓީތަކުގައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަން އިއުލާން ކުރުމުން، އެ މައްސަލަ ކޯޓަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީންނެވެ.

އެ ޕާޓީން ހުށަހެޅި މައްސަލާގައި ވަނީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން އޮތް ޕާޓީީތަކުގެ ގަވާއިދުގައި ޕާޓީތަކަށް ސޮއި ކުރާއިރު، ފިންގަޕްރިންޓް ހުށަހަޅަން ނުޖެހޭ ކަމަށެވެ. އެހެންވެ ޕާޓީތަކުގެ ގާނޫނު 2013، އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ނުޖެހޭނެ ކަމަށް އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.

މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރެވެން ނެތް ކަމަށް މިދިޔަ ބުރާސްފަތިދުވަހު ކޯޓުން ހުކުމްކުރީ އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކުރި މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާތީ އެވެ.

ހުކުމުގައި ވަނީ ގާނޫނު އައުމުގެ ކުރިން ސޮއިކުރި މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާތީ، އިލެކްޝަންސް ކޮޮމިޝަންގެ އެ ނިންމުން ބާތިލް ނުކުރެވޭނެ ކަމަށެވެ.

ޕާޓީތަކުގެ ގާނޫނު 2013 އަށް އަމަލުކުރަން ފެށިއިރު، އެ ގާނޫނު އައުމުގެ ކުރިން ސޮއިކުރި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަންޖެހޭނެ ކަމަކަށް ބުނެފައެއް ނެތެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމީ ގާނޫނު އައުމުގެ ކުރިން ސޮއިކުރި މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަންޖެހޭނެ ކަމަށާއި ހުށަނާޅައިފި ނަމަ ޕާޓީން ވަކިކުރާނެ ކަމަށެވެ.

އެހެންވެ އެ މައްސަލަ އެމްޑީޕީން ކޯޓަށް ހުށަހަޅައި، މައްސަލަ ހިނގަމުން ދަނިކޮށް ޕާޓީތަކުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށް، އެ ގާނޫނު އައުމުގެ ކުރިން ސޮއިކުރި މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ އެވެ.

ކުރީގެ މެމްބަރުން ފިންގަޕްރިންޓް ހުށަހަޅަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ޖުމްހޫރީ ޕާޓީން ވަނީ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް މިހާރު ހުށަހަޅައިފަ އެވެ.