Roadha Mihaaru
ފިންގަޕްރިންޓް ނެތް މީހުންގެ ލިސްޓު މާދަމާ ފޮނުވަނީ

އޮކްޓޯބަރު 11ގެ ކުރިން އިނގިލީގެ ނިޝާން ހަމަކުރަން ޖެހޭ، ލިސްޓު މާދަމާ ޕާޓީތަކަށް ފޮނުވަނީ

24 އޯގަސްޓް 2016

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، އިނގިލީގެ ނިޝާން ނުޖަހައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން އޮކްޓޯބަރު މަހުގެ 11 ގެ ކުރިން ހަމަކުރަން މާދަމާ ޕާޓީތަކަށް ލިސްޓު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، އިނގިލީގެ ނިޝާން ނުޖަހައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން އޮކްޓޯބަރު މަހުގެ 11 ގެ ކުރިން ހަމަކުރަން މާދަމާ ޕާޓީތަކަށް ލިސްޓު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މި އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކުރާ މީހުންނަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިނގިލީގެ ނިޝާން ނެތް މެމްބަރުންގެ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖަހައި އޮކްޓޯބަރު 11ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މުއްދަތަށް އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މުއްދަތަކީ، މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރަން އިސްލާހުގައި ކަނޑައަޅާފައިވާ މުއްދަތު ކަން ވެސް އަކްރަމް ފާހަގަކުރެއްވި އެވެ.

"ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ނެތް މެމްބަރުންގެ ލިސްޓެއް ވެސް ޕާޓީތަކަށް މާދަމާ އަޅުގަނޑުމެން ފޮނުވާނަން. އޭރުން ފިންގަޕްރިންޓް ހަމަކުރަން ފަސޭހަވެގެންދާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިނގިލީގެ ނިޝާނާ އެކު ޕާޓީތަކުން ކުރިން ހުށަހަޅާފައިވާ ފޯމުތައް އެ ކޮމިޝަނުން އަންނަނީ ޕްރޮސެސްކުރަމުންނެވެ. އެހެންވެ އިނގިލީގެ ނިޝާނާ އެކު ކުރިން ހުށަހަޅާފައިވާ ފޯމުތައް އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ މެދު އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޕާޓީން ބުނެފައި ވަނީ ކުރީގައި ހިނގާފައިވާ ކަންކަމަށް ފަހުން ގާނޫނު ހަދައިގެން އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތައް 2005 ގައި އުފައްދައި ޕާޓީތަކަށް މެމްބަރުން ވަނީ އޭރު އޮތް ގާނޫނުގެ ދަށުން ކަމަށާއި ޕާޓީތަކަށް ވަދެވޭނީ އިނގިލީގެ ނިޝާން ޖަހައިގެން ކަމަށް އޭރު އަމަލުކުރި ގަވާއިދާއި އުސޫލްތަކުގައި ނެތް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އިސްލާހުގެ ބޭނުމަކީ އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަކިކުރުމެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކީ މިހާރު އެމްޑީޕީ ނަމަވެސް އިލެކްޝަނުން ދޭ މުއްދަތުގައި ފިންގަޕްރިންޓް ހަމަނުކޮށްފި ނަމަ އެ ޕާޓީގެ 20،000 އަށް ވުރެ ގިނަ މެމްބަރުން ވަކިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހުރިހާ ފޯމެއް ފިންގަޕްރިންޓާ އެކު ހުށަހަޅާފައި ވަނީ ޕީޕީއެމާއި އެމްޑީއޭ އިންނެވެ.