Roadha Mihaaru
މަރު ކޮމިޝަންގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ: ޝަހީމް

މަރު ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭ: ޝަހީމް

10 ޖެނުއަރީ 2020

ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އުފައްދަވަފައިވާ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އުފައްދަވަފައިވާ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާކޮށްދިނުމަށް އެދި ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވުމުން ތަހުގީގު ފުރިހަމަކުރުމަށް އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ކޮމިޝަނުން ވަނީ ތަހުގީގުކުރަން ފުލުސް އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.

މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ "މިހާރު" އަށް އިއްޔެ ވިދާޅުވީ ޝަހީމްގެ މައްސަލަ ފުލުހަށް ހުށަހެޅީ ޕީޖީގެ ލަފައަކަަށް ކަމަށެވެ.

ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުކޮމިޝަނުގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް އޭނާ އަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ބާތިލުވާނެ ކަމަށް މިހާރު ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެއީ އެއްވެސް އަގެއް ހުރި އެއްޗެއްް ނޫނެވެ،" ޓްވީޓްގައި ޝަހީމް ވިދާޅުވި އެވެ.

ކޮމިޝަނަށް ކުރިއްސުރެ ޝަހީމް ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ އަފްރާޝީމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވަން ވެގެން ކަމަށާއި ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. ޑރ. އަފްރާޝީމްގެ މަރާއި އެހެން މައްސަލަތައް ވެސް ތަހުގީގު ކުރި އިރު ކޮމިޝަންގެ ރައީސަކަށް ހުންނެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދަށް ޝަހީމް ވަކިން ބޮޑަށް ފާޑުވިދާޅުވި އެވެ.

"ސުއޫދު އެސްސީން އަޒުލުކުރަން ޖެހޭ. އޭނާ އަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މީހެއް، ތަހުގީގު ފުރިހަމަ ނުކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް ހުށަހެޅި ތާރީހެއް ނޭނގެ އެވެ.

އަފްރާޝީމްގެ ރިޕޯޓު އާއްމުވުމާ އެކު، އޭނާގެ މަރާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އެޅުނު އެއް ބޭފުޅަކީ ޝަހީމެވެ. ސަބަބަކީ އަފްރާޝީމް، އަވަހާރަކޮށްލި ރޭ ޓީވީއެމްގެ ޕްރޮގްރާމަށް އަރާވަޑައިގަތުމާ ގުޅޭ ގޮތުން ޝަހީމް ދެއްވި ބަޔާނާއި ހެކީގެ ގޮތުގައި ހޯދި މެސެޖްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.

އެކަމަކު މި ތުހުމަތު ދޮގުކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ ކޮމިޝަނަށް އޭނާ ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަފްރާޝީމަށް، އިލްމުވެރިންނާ އެއް މޭޒަކުން ބައްދަލުވެވޭ ގޮތާއި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދެއްވީ އޭނާ އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ. އަދި ދައުވާކުރަން ފޮނުވީ ސިޔާސީ މުސްތަގުބަލް ދުއްވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.