Roadha Mihaaru

ސިވިލް ކޯޓުގައި އަށް މަހަށް ވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ ތިން މައްސަލަ

މިދިޔަ މަސް ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި އޮތީ އަށް މަސް ދުވަސްވީ، އެންމެ ތިން މައްސަލަ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުގައި އޮތީ އަށް މަސްވީ އެންމެ ތިން މައްސަލަ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

03 އޮކްޓޯބަރ 2016

މިދިޔަ މަސް ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި އޮތީ އަށް މަސް ދުވަސްވީ، އެންމެ ތިން މައްސަލަ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު، އެ ކޯޓުގައި ނުނިމި ހުރި 851 މައްސަލައިގެ ތެރޭގައި އަށް މަހަށް ވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ ތިން މައްސަލަ އެވެ.

ސިވިލް ކޯޓުން މަސައްކަތް ކުރީ މި އަހަރުގެ ތިން ވަނަ ކުއާޓާ ނިމޭއިރު، އެ ކޯޓުން ގޮތެއް ނުނިންމައި، އަށް މަސް ދުވަސްވީ އެއްވެސް މައްސަލައެއް ނުބޭއްވުމަށެވެ.

ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ސިވިލް ކޯޓުން ވަނީ 2،400 އަށް ވުރެ ގިނަ މައްސަލަ ނިންމައިފަ އެވެ. އެއީ މިދިޔަ މަހުގެ ނިޔަލަށް ޝަރީއަތަށް ހުށަހެޅި 2،086 މައްސަލަ އާއި މިދިޔަ އަހަރު ނިމުނުއިރު ޝަރީއަތް ހިނގަމުންދިޔަ 1،200 މައްސަލައިގެ ތެރެއިން ނިމުނު އަދަދެވެ.

ޝަރީއަތަށް މައްސަލަ ދިއުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ އޮންނަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މިދިޔަ މަހުގެ ނިޔަލަށް 1،200 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު، އޭގެ ތެރެއިން 47 ޕަސެންޓް މައްސަލައިގެ ޝަރީއަތް ހިންގަން ނުޖެހި، މައްސަލަ ވަނީ ސުލްހަ ކޮށްފަ އެވެ.

ސިވިލް ކޯޓުން ބުނީ މި ކުއާޓާގައި ލިބިފައި ވަނީ މިހާތަނަށް ހޯދިފައިނުވާ ވަރުގެ ކާމިޔާބީއެއް ކަމަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ސިވިލް ކޯޓުން މަސައްކަތް ކުރީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިންމުމަށެވެ. އެކަން ކާމިޔާބުވި ކަން ތަފާސްހިސާބުން ދައްކަ އެވެ.

ސިވިލް ކޯޓުން ބުނީ ހަތަރު ވަނަ ކުއާޓާގައި އެ ކޯޓުން މަސައްކަތް ކުރާނީ އެއްވެސް ގާޒީއެއްގެ އަތުގައި 40 މައްސަލަ އަށް ވުރެ ގިނަ މައްސަލަ ނުބޭއްވުމަށް ކަމަށެވެ.

ކޯޓުތަކުގައި ހުރި ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް މާލެ އާއި އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް ފަނޑިޔާރުންގެ ވަފުދުތައް ރަށްރަށަށް އަންނަނީ ފޮނުވަމުންނެވެ.