Roadha Mihaaru

ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފު: އުޝާމް

ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރު އުފެދުނު ފަހުން މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެޅި ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފުކޮށް އެނގޭ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ދުވަސްވަރު ސާފު: އުޝާމް
އިފްރާޒް އަލީ
އިފްރާޒް އަލީ

07 މާޗް 2025

ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރު އުފެދުނު ފަހުން މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެޅި ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފުކޮށް އެނގޭ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޖޭއެސްސީން ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 އަށް އަދި ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވައިފަ އެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން 8 ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާއިރު، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށް، ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށްފައިވެ އެވެ. އަދި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި 33 ފަނޑިޔާރަކަށް ނަސޭހަތް ދީފައިވެ އެވެ.

މި ސަރުކާރުގައި، ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ޖޭއެސްސީން ފިޔަވަޅު އަޅާފައި ވަނީ ފަސް ފަނޑިޔާރުންނަށެވެ. އެއީ ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނާއި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ދެ ފަނޑިޔާރުންނެވެ.

"2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު،" އުޝާމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

"ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން 'ސުލޫކީވުން' ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން."

އުޝާމް މި ހިސާބުތައް މި އާންމުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އިރު މެންބަރަކު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އެ މައްސަލަ ބަލަން ފެށުމާ އެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކުގަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު އެ ބަލަނީ ކޮން މައްސަލައެއް ކަމެއް މިއަދާ ހަމަޔަށް އެ ފަނޑިޔާރުންނަކަށް އޭސީސީއަކުން ނާންގަ އެވެ.

އެކަމަކު ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރުގެ މަހާޒްގެ މައްސަލައެއް ބަލަމުންދާކަން އަންގައިފަ އެވެ. އެ ބޭފުޅުން އެ ތުހުމަށް އިންކާރު ކުރައްވާފައި ވާއިރު ދެން ސަސްޕެންޑްކުރި ފަނޑިޔާރު ސުއޫދު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.