Roadha Mihaaru
އެކްސިޑެންޓެއްގައި ދެ މަރު: ދިޔަ އަށް 66،666ރ.

ކަނޑުމަތީ އެކްސިޑެންޓެއްގައި ދެ މީހެއްގެ މަރު: މަރުގެ ދިޔަ އަށް 66،666ރ. ދައްކަން ދެ މީހަކަށް ހުކުމްކޮށްފި

13 ޖެނުއަރީ 2020

މީގެ 12 އަހަރު ކުރިން، ހުޅުމާލޭ ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވި މައްސަލައިގައި، އެ ދެ އުޅަނދު ދުއްވި ދެ މީހުން ކުށްވެރިވާ ކަމަށް ނިންމައި، މަރުގެ ދިޔައިގެ ގޮތުގައި 66،666ރ. ދައްކަން އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 12 އަހަރު ކުރިން، ހުޅުމާލޭ ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވި މައްސަލައިގައި، އެ ދެ އުޅަނދު ދުއްވި ދެ މީހުން ކުށްވެރިވާ ކަމަށް ނިންމައި، މަރުގެ ދިޔައިގެ ގޮތުގައި 66،666ރ. ދައްކަން އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ، 2008 ގައި ހުޅުމާލެ އިން ހުޅުލެއާ ދިމާލަށް ދަތުރުކުރި ދޯންޏަކާއި ހުޅުމާލޭ ޖެޓީ ސަރަހައްދުން ސަފާރީއަކާ ދިމާލަށް ދަތުރުކުރި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި، ޑިންގީގައި ތިބި ތިން މީހަކު މޫދަށް ވެއްޓި، އޭގެ ތެރެއިން ދެ މީހަކު މަރުވި އެވެ. އެ ވަގުތު، ޑިންގީ ދުއްވި މުހައްމަދު ގާސިމާއި ދޯނި ދުއްވި މުހައްމަދު އަބްދުﷲ މައްޗަށް ދައުލަތުން ކުރީ އޭރު އަމަލުކުރި ގާނޫނުލްއުގޫބާތުގެ ދަށުން އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރި ހުކުމުގައި ވަނީ އެ ހާދިސާގައި އެ ދެ މީހުންގެ އިހުމާލު އޮތް ކަން ގާސިމްގެ އިއުތިރާފުންނާއި ހެކިތަކުން ސާބިތުވާތީ، އެ ދެ މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިި، މަރުވި ދެ މީހުންގެ ތެރެއިން އެކަކުގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ މަރުގެ ދިޔައިގެ ގޮތުގައި އެއިން ކޮންމެ މީހަކު 66،666ރ. ހަ މަސް ތެރޭގައި ދެއްކުމަށެވެ އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހުގެ ރޯދަ ހިފަން އަންގާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ ހާދިސާ ހިނގިއިރު، އަމަލުކުރި ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން އަމުރަށް ނުކިޔަމަންތެރިވެ، ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެކަމަށް އޮންނަ އަދަބެކެވެ. އަދި އިސްލާމީ ޝަރީއަތުގައި އެފަދަ މަރުތައް ހިމެނެނީ ގަސްދަކާ ނުލައި ކުރާ ކަމަކުން މީހަކު މަރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށްވާތީ އޭގެ އަދަބަކީ މަރުގެ ދިޔަ އަދި ކައްފާރާ ދިނުން ކަމަށް ހުކުމުގައިވެ އެވެ.

ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައި ދެވެނީ އެއް ލައްކަ ރުފިޔާ ކަމަށް ވިޔަސް، މި ފަހަރުގެ ހާދިސާ ހިނގާފައިވަނީ ހުރުމަތްތެރިވެގެންވާ މަހެއްގައި ކަމަށް ވާތީ މަރުގެ ދިޔައިގެ މިންވަރު އިތުރުވާނެ ކަން އިސްލާމީ ޝަރީއަތުގެ ނައްސުތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، މަރުގެ ދިޔައިގެ ގޮތުގައި ޖުމްލަ 133،333ރ. ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި، އެ އަދަދު ދައުވާ ލިބުނު ދެ މީހުންނަށް ބަހައިލުމުން އެއިން ކޮންމެ މީހަކު ދައްކަން ޖެހޭނީ 66،666ރ. ކަމަށް ގާޒީ އަލީ ރަޝީދު ހުސައިން ކުރެއްވި ހުކުމުގައިވެ އެވެ.