Roadha Mihaaru
"ކަޅަކި" ގެ ޓީމް ޝޫޓިން އަށް ލަންކާ އަށް

"ކަޅަކި" ގެ ޓީމް ޝޫޓިން އަށް ސްރީ ލަންކާ އަށް

14 ޖެނުއަރީ 2020

ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ފިލްމު "ކަޅަކި" ގެ ޝޫޓިން އަށް ކާސްޓާއި ކްރޫ އަންގާރަ ދުވަހު ސްރީ ލަންކާ އަށް ފުރައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ފިލްމު "ކަޅަކި" ގެ ޝޫޓިން އަށް ކާސްޓާއި ކްރޫ އަންގާރަ ދުވަހު ސްރީ ލަންކާ އަށް ފުރައިފަ އެވެ.

އެ ގައުމުގައި ބޮޑު ބައި ޝޫޓްކުރާ މި ފިލްމަކީ ޔޫއްޕެގެ ސްކްރީންޕްލޭއަކަށް ހަދާ ބިރުވެރި ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެގެ އިތުރުން އައިމިނަތު ރިޝްފާ އާއި އަލީ ސީޒަނާއި މުހައްމަދު ފައިސަލް އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

"ކަޅަކި" ގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި މި ފަހުން ނުކުތް ވަރަށް ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ ދަބަ އެވެ.

ފިލްމުގެ ކާސްޓާއި ކްރޫ ޝޫޓިން އަށް ލަންކާ އަށް ދިޔަ ނަމަވެސް ފިލްމުގެ މަސައްކަތްތަކާ ބެހޭ މާ ބޮޑު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

"ކަޅަކި" ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެއްގެ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާންކުރުމުގެ ކުރިން މި ފިލްމަކީ 2017 އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާންކުރި ފިލްމެކެވެ. އޭރު ފިލްމުގެ ކާސްޓް ވެސް ތަފާތެވެ. އެކަމަކު އޭގެ ފަހުން ފިލްމުގެ އެއްވެސް އަޑެއްބަޑެއް ނީވި އޮއްވައި، ފަހުން ނިއުމާ ގެނެސްދޭ ފިލްމެއްގެ ގޮތުގައި ފިލްމު ހަމަޖެހިގެން ދިޔައީ އެވެ.

ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާންނުކުރާ "ކަޅަކި" އަކީ ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ނިއުޒޯ ފިލްމްސް އިން ގެނެސްދޭ ފިލްމެކެވެ. އެ ތައްގަނޑުގައި އެންމެ ފުރަތަމަ ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު އެޅުވި ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ.

ނިއުޒޯ ފިލްމްސް އިން އިއުލާކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ރަވީ ފާރޫގް ޑައިރެކްޓްކުރާ "ގޯނާ" ވެސް ހިމެނެ އެވެ.

"ކަޅަކި" ގެ މަސައްކަތް ފެށި އިރު، ޔޫއްޕެ ޑައިރެކްޓްކޮށް މި އަހަރު ގެނެސްދޭނެ ފުރަތަމަ ފިލްމަކީ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އެވެ.