Roadha Mihaaru
ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ދެނީ

ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން ނެގުމުގެ ފުރުސަތު ދެނީ

16 ޖޫން 2020

ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، ބޭނުންވާ ބަޔަކަށް ނަން ނެގުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ކޮމިޝަނުން ވަނީ މަޝްވަރާ ކޮށްފައި ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާ އެކު، އިންތިޚާބުގައި ކުރިއަށް ނުދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނުގަ އެވެ.

"ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ލަސްތަކެއް ނުވެ އެ ފުރުސަތު ދޭނަން،" އަކްރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން ހޮވާނެ އެވެ. މި އިންތިޚާބަށް އެމްޑީޕީން 877 ގޮނޑި އަށް، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފަ އެވެ.

ނަން އަނބުރާ ނެގުމުގެ ފުރުސަތު އޮތަސް ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ ގޮނޑިތަކަކަށް އިތުރަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެހެންކަމުން، ބައެއް ކައުންސިލްތަކުގައި އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މެމްބަރުން މަދުވުން އެކަށީގެންވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ވޯޓު ކުރިއަށް ގެންދެވޭނެ އެކަށީގެންވާ މާހައުލެއް ނެތުމުންނެވެ. ގާނޫނުއަސާސީ އިސްލާހުކޮށް، ކައުންސިލަރުންގެ ދައުރު ދަންމާފައިވާއިރު އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ނުނިންމަ އެވެ.

އިންތިޚާބު ބޭއްވެންދެން އަމަލުކުރަން ފާސްކުރި ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައި ނިންމަން ޖެހެ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ތާރީޚް ކަނޑައަޅަނީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކޮށްފަ އެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ އެވެ. ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް ފާސްކޮށްފައިވާ އިރު، ކައުންސިލްތަކަށް މިހާރު ދީފައިވާ ގާނޫނީ ބޮޑެތި ބައެއް ބާރުތައް އެ ބިލުން ވަނީ ހަނިކޮށްފަ އެވެ.