Roadha Mihaaru
7،000 ފްލެޓް ނިންމާ ލޯނުގެ ޔަގީންކަން ލިބިއްޖެ

7،000 ފްލެޓް ނިންމަން 45 މިލިއަން ޑޮލަރުގެ ލޯނު ވަރަށް އަވަހަށް ހަމަޖެހޭނެ: އެޗްޑީސީ

16 ޖެނުއަރީ 2020

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 7،000 ފްލެޓުގެ ހުރިހާ މަސައްކަތެއް ނިންމަން 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް މިދިޔަ އަންގާރަދުވަހު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 7،000 ފްލެޓުގެ ހުރިހާ މަސައްކަތެއް ނިންމަން 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް މިދިޔަ އަންގާރަދުވަހު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. މި މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވެސް ވަނީ ލޯނެއް ނަގައިފަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.

ބޮޑު އާބާދީއަކަށް އަމާޒުކޮށްގެން ހަދާ 7،000 ފްލެޓަށް މި ސަރުކާރުން ވެސް ލޯނެއް ނަގާ އިރު، ފްލެޓްތައް ނިންމަން އެއްބަސްވުމުގައި އޮތް މުއްދަތު ވެސް ހަމަވެއްޖެ އެވެ.

ކަނޑައެޅި ތާރީޚަށް މަސައްކަތް ނުނިމި ލަސްވީ، ސުހެއިލް "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެކި ސަބަބުތައް މެދުވެރިވެގެންނެވެ. އެހެންވެ ކޮންޓްރެކްޓަރަށް ވަނީ އިތުރު މުއްދަތެއް ދީފަ އެވެ. މިހާރު އެއްބަސްވެފައި އޮތް ގޮތުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި، ކުރީގެ އެއްބަސްވުމުގައި އޮތް މަސައްކަތްތައް ނިންމަން ޖެހެ އެވެ.

ކުރީގެ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަން ރާވައި، އެ ކުންފުންޏާ ހަވާލުކުރީ ފްލެޓްތަކުގެ ފިނިޝިން ނުހިމަނަ އެވެ. ކުރިން އޮތް ގޮތުން ނަމަ، ތަށިމުށި ޖެހުމާއި ކުލަލުމާއި ދޮރުތައް ހަރުކުރުން ފަދަ ކަންކަން ކުރިއަށް ގެންދާނީ ފްލެޓްތައް ލިބޭ މީހުންނެވެ. އެކަމަކު މި ސަރުކާރުގެ ނިންމުމަކީ، އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަކޮށްފައި ފްލެޓްތައް ހަވާލުކުރުމެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި، 45 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ އެ މަސައްކަތްތައް ނިންމާށެވެ.

"ސިންގަޕޯގެ ކްރެޑިޓް ސުވިސް އިން އެ ލޯނު އަދި މުޅިން ހަމަނުޖެހިގެން މިއުޅެނީ. އަޅުގަނޑުމެންނަށް އަނެއްހެން ޔަގީންކަން ލިބިފައި އޮތީ. ޕޭޕަވޯކްސް މަސައްކަތް މިހާރު ދަނީ،" ސުހެއިލް ވިދާޅުވި އެވެ.

ލޯނު ހަމަޖެހި، ފްލެޓްތަކުގެ ހުރިހާ މަސައްކަތްތަކެއް ނިންމަން މުއްދަތެއް ނަގާނެ އެވެ. އެޗްޑީސީން ލަފާކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅެވޭ ވަރަށް ފްލެޓްތައް ނިންމާލެވޭނީ މި އަހަރުގެ ފަހުކޮޅަށެވެ.

ސުހެއިލް ވިދާޅުވީ 7،000 ފްލެޓަށް ބޭނުންވާ ތަށިމުއްޓާއި ދޮރުތައް އެއްފަހަރާ ހޯދުން ފަސޭހަ ކަމަކަށް ނުވާތީ އެއީ ވެސް ކުރިން އޯޑަރު ދީގެން ހައްދަން ޖެހޭ އެއްޗެހި ކަމަށެވެ. އެ ފްލެޓްތަކަށް ގާތްގަނޑަކަށް 15،000 ދޮރު ބޭނުންވެ އެވެ.

"ސިންގަޕޯގެ ކްރެޑިޓް ސުވިސް އިން އެ ލޯނު އަދި މުޅިން ހަމަނުޖެހިގެން މިއުޅެނީ. އަޅުގަނޑުމެންނަށް އަނެއްހެން ޔަގީންކަން ލިބިފައި އޮތީ. ޕޭޕަވޯކްސް މަސައްކަތް މިހާރު ދަނީ،" ސުހެއިލް

ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް އަދި ލުއި ހައްލަކަށް ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން ޑިޒައިނަށް ބަދަލު ގެނެސް ފްލެޓްތަކުގެ އަދަދު މަދުކުރަން ވެސް މި ސަރުކާރުން ވިސްނި އެވެ. އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަށް މަދުވާނެ އެވެ. މިގޮތަށް ބަދަލުކުރަން ހިޔާލު ހޯދުމަށް ފަހު ކަމާ ބެހޭ އިދާރާތަކުން މަޝްވަރާކޮށް މިހާރު ނިންމާފައި ވަނީ އަދަދު މަދު ނުކުރުމަށެވެ.

ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 25،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމިޓީއެއް އެކުލަވާލި އެވެ.

އެ ކޮމިޓީން އެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ. އެކަމަކު ފްލެޓްތަކުގެ ހައްގުވެރިން ހޯދަން މިހާރު އަންނަނީ ގޭގެއަށް ޒިޔާރަތްކުރަމުންނެވެ.

ކުރިން އޮތީ ކޮމިޓީގެ މަސައްކަތް މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމުމަށެވެ. ފްލެޓް ކޮމިޓީގެ މަސައްކަތް މިހާ ދިގުލައިގެން ދިޔައީ، އެ ކޮމިޓީން ބުނިގޮތުގައި، ހަތް ކެޓަގަރީން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތައް ވަކިކޮށް، އެ ފޯމުތަކާ އެކު ހުށަހަޅާފައި ހުރި ލިޔެކިޔުންތައް ހަމަކޮށް، ތަރުތީބުކުރާށެވެ. އެ މުއްދަތުގެ ތެރޭގައި، ފްލެޓްތަކާ ގުޅިގެން ހުށަހެޅި ޝަކުވާތައް ވެސް ވަކިވަކިން ބެލި ކަމަށް ކޮމިޓީން ބުންޏެވެ.