Roadha Mihaaru
ދެ ދުވަހުގެ ޓެސްޓުތަކުގައި ހިމަބިހި ޖެހުނު މީހަކު ނެތް

ވޭތުވެދިޔަ ދެ ދުވަހު ޓެސްޓް ކުރި އެކަކު ވެސް ހިމަބިއްސަށް ޕޮޒިޓިވްއެއް ނޫން: މިނިސްޓަރު

16 ޖެނުއަރީ 2020

ހިމަބިހީގެ އަލާމާތްތައް ފެނިގެން ވޭތުވެދިޔަ ދެ ދުވަހު ޓެސްޓް ކުރި އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހިމަބިހީގެ އަލާމާތްތައް ފެނިގެން ވޭތުވެދިޔަ ދެ ދުވަހު ޓެސްޓް ކުރި އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަ ބިހީގެ އަލާމާތްތައް އަށް މީހެއްގެ ގައިން ފެނިގެން މިއަދުވެސް ޓެސްޓް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަކަށް ވެސް ބަލި ޖެހިފައިވާ ކަމަށް ޓެސްޓުތަކުން ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ އެ ބަލި ނުފެތުރޭ ކަމަށް އަދި ނިންމޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި މި މަހުގެ ތެރޭގައި އަލުން ފެނުނު ފަހުން، ބައްޔަށް ޕޮޒިޓިިވް ވީ ޖުމްލަ ތިން މީހެކެވެ. އެއީ ކުޑަކުއްޖަކާއި ބޮޑު ދެ މީހެކެވެ. އޭގެތެރެއިން އެއްވެސް މީހެއްގެ ހާލު ގޯސް ނޫން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވާ ނަމަ އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަކި ތަނެއްގައި ބައިތިއްބައިގެން ޓެސްޓްކޮށް ފަރުވާދޭނެ މަރުކަޒެއް ހުޅުމާލޭގައި މިހާރު ވަނީ ގާއިމްކޮށްފަ އެވެ.

"ހާލަތު ގޯސްވެ ގިނަ މީހުން ޓެސްޓް ކުރަން ޖެހޭ ހާލަތަށް އައިސްފިނަމަ ވެސް ޓެސްޓް ކުރެވޭނެ. އަޅުގަނޑުމެން މަސައްކަތް މިކުރަނީި އެ ތަނުން މިއަދުން މިއަދަށް ހިދުމަތް ދެވޭވަރު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލެއިން އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ މާލެއަށް ގެނައުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އަމީން ވިދާޅުވީ ހިމަބިހި ޖެހުނު މީހުން ދިރިއުޅޭ ސަރަހައްދުގެ މީހުންނަށާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ 75 ޕަސެންޓް މީހުންނަށް ވެކްސިން ދީ ފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން ވެސް ހިމަބިހީގެ އަލާމާތެއް ފެނިފައި ވޭތޯ ބަލަން، ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަނާއި ހެލްތު މިނިސްޓްރީ ގުޅިގެން މިހާރު އަންނަނީ މަސަައްކަތް ކުރަމުންނެވެ.

ކުޑަކުދިންނަށް ވެކްސިން ދީފައިވޭތޯ ބެލުމުގެ މަސައްކަތް މުޅި ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަމަށާއި އެ މައުލޫމާތުތައް އަންނަ ހަފްތާގައި ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަލުން ފެންނަން ފެށުމާ ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ވެކްސިން ޖެހުމަށް އެންމެންނަށް އިލްތިމާސް ކޮށްފަ އެވެ.