Roadha Mihaaru
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފި

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފި

13 ޖެނުއަރީ 2020

މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާ ވެސް ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާ ވެސް ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްވެ ހުންނަވައިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެކަން އިއުލާން ކުރެއްވިއިރު، ހިމަބިހި ޖެހިގެން އުމުރުން ތިން އަހަރުގެ ކުއްޖަކަށް ފަރުވާ ދިނުމަށް ފަހު، ދޫކޮށްލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ. އަދި އުމުރުން 30 އަހަރުގެ މީހަކަށް ވެސް ހިމަބިހި ޖެހިގެން މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށާއި އުމުރުން 17 އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން އައިޖީއެމްއެޗުގައި ޓެސްޓް ހެދުން މިހާރު ކުރިއަށް ގެންދާ ކަމަށް އެޗްޕީއޭ އިން މިއަދު ބުންޏެވެ.

މިއަދުގެ ނިއުސް ބްރީފިންގައި، ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި ޖެހިފައިވާ އެންމެ މީހަކު ފެނުނަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުން އެކަމުގައި އަމަލު ކުރަމުން ދަނީ "އައުޓްބްރޭކް" އެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، އެ ވިސްނުމުގައި ކަންކަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި، މި ފަހަރު ހިމަބިހި ޖެހިގެން ފުރަތަމަ ފެނުނު ތިން އަހަރުގެ ކުއްޖާ އާއި 30 އަހަރުގެ މީހާއާ އެއްވެސް "ކޮންޓެކްޓެއް" ނެތެވެ. އެކަމަކު ފިރިހެން މީހާ ވެސް ދިރިއުޅެނީ، ކުޑަ ކުއްޖާ އަށް ހިމަބިހި ޖެހުނުކަމަށް ޝައްކުކުރާ ހުޅުމާލޭގަ އެވެ. ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ހިމަބިހި ޖެހުނު ފުރަތަމަ ކުއްޖާގެ ވެސް ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް ވެސް ހިމަބިހި ޖެހޭނެ އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދުގެ ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިސްޓަރު އަމީން ވިދާޅުވީ މި ވަގުތަށް ބޭނުންވާ ވެކްސިން ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އިތުރަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމުގެ ކަންކަން ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި އެ އެއްޗެހި ރާއްޖެ ގެންނަން ގިނަވެގެން ނަގާނީ 10 ދުވަސް ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ތިން އަހަރުގެ ކުއްޖާ މި ފަހުން ރާއްޖެ އިން ބޭރަށް ދިޔަކަން އެނގެން ނެތް ކަމަށާއި އެހެންވެ، ހިމަބިހި ރާއްޖެ އަށް މި ފަހަރު ފެތުރުނު ގޮތް ބަލަމުން އަންނަ ކަމަށެވެ. އެއީ ކަމާ ގުޅޭ ޓެސްޓުތަކަށް ފަހު އެވެ.

ހިމަބިހިން ސަލާމަތްވުމާ ގުޅިފައި ވަނީ ވެކްސިން ޖެހުމާއި ވެކްސިން ޑޯޒް ފުރިހަމަ ކުރުން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވެކްސިން ޖެހުމަށް މިއަދު ހަވީރު 4:00 އިން ފެށިގެން ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.

ވެކްސިން ޖަހަން ފަށާނީ، މި ފަހަރު ހިމަބިހި ޖެހުނު ތިން އަހަރުގެ ކުއްޖާ އެންމެ ފުރަތަމަ ފެނުނު ސަރަހައްދުންނެވެ.

މި ފަހަރު އެންމެ ފުރަތަމަ ހިމަބިހި ޖެހުނު ތިން އަހަރުގެ ކުއްޖާ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް، ދިޔަ ސަރަހައްދުގެ ތެރޭގައި، ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގައިި ހުރި ކެފޭތަކާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެ އެވެ. އެޗްޕީއޭ އިން ވަނީ އެ ދުވަސްތަކުގައި، އެ ސަރަހައްދަށް ދިޔަ މީހުންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަނުކުރާ މީހުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި، ތިން އަހަރުގެ ކުއްޖާ ދިޔަ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަށް އެޗްޕީއޭގެ ޓީމުތައް ޒިޔާރަތްކޮށް މީހުންގެ ގަޔަށް ވެކްސިން ޖަހާނެ އެވެ. އަދި ވެކްސިންގެ ކަވަރޭޖް ފުރިހަމަ ކުރުމަށް ކުރިއަށް އޮތް ތިން މަސް ދުވަހަށް ހަރަކާތްތަކެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހިމިބިއްސަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް ފެނިގެން، މާލޭގައި ނަމަ އައިޖީއެމްއެޗް އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ހޮސްޕިޓަލަށް ދައްކަން ސިއްހީ އިދާރާތަކުން އިލްތިމާސް ކުރެ އެވެ.

"މިކަމުގައި [ހިމަބިހި] އިތުރަށް ފެތުރިގެންދާ ވަރަށް ތައްޔާރުވުމަށްޓަކައި މާލޭގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަނާ ވާހަކަދެކެވި، މިހާލަތުގައި އަޅުގަނޑުމެންގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް،" އަމީން ވިދާޅުވި އެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި؛ ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.