Roadha Mihaaru

ކުޑަކުއްޖާގެ ރޭޕުގެ މައްސަލަ ރަނގަޅަށް ބަލައިދިނުމަށް ރައީސް އެދިވަޑައިގެންފި

ގއ. ކަނޑުހުޅުދޫގައި ރޭޕްގެ ޝިކާރައަށްވި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބަލައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެދިވަޑައިގެންފި އެވެ.

ރޭޕް މައްސަލަ ރަނގަޅަށް ބަލަން ރައީސް އެދިވަޑައިގެންފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

18 ޖެނުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ރޭޕްގެ ޝިކާރައަށްވި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބަލައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެދިވަޑައިގެންފި އެވެ.

ކަމާބެހޭ އިދާރާތަކުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ކުއްޖާ އަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮދިނުމުގެ އިތުރުން ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ރައީސް ވަނީ ކުޑަ ކުއްޖައާ މެދު ހިންގި އެ އަމަލު ކުށްވެރިކުރައްވައިފަ އެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިި އެވެ.

ރޭޕްގެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެ ރަށުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ބަންދަށް އެ އަތޮޅު ގެމަނަފުށީ ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، މައްސަލަ ތަހުގީގުކުރުމަށް މާލެ ގެނެސް މިހާރު ވަނީ ދޫނިދޫ އަށް ގެންގޮސްފަ އެވެ.

މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ ކުއްޖާގެ ބައްޕަ ރޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

އެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ފޮޓޯތައް އާންމުވެފައިވާ އިރު، ގިނަ ބައެއްގެ ނުރުހުން ވަނީ އެ ކަން ކުރި މީހުންނަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ގިނަ ބަޔަކު ސިފަ ކުރި ގޮތުގައި ދެ އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައަކީ ޖަނަވާރުންގެ އަމަލެކެވެ.

ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ރޭ ނެރުނު ބަޔާނުގައި ބުނީ ރޭޕްގެ ބޮޑު ތުހުމަތުކުރެވެނީ ކުއްޖާގެ ކާފަ އަށް ކަމަށެވެ. ބައްޕައާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، އެ ކުއްޖާގެ މަންމަ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދިއުމުން ކުއްޖާ ދިރިއުޅުނު މާހައުލު ރައްކާތެރި ތަނަކަށް ނުވާތީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާ އިން، ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން ވެސް، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި، ކުއްޖާ ނުދިން މައްސަލަ އެވެ.

މުނި ކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.