Roadha Mihaaru
މެރެތަން ފުރިހަމަކުރައްވައި ފަސްޓްލޭޑީ ތާރީހުގެ ތެރެއަށް

މެރެތަން ފުރިހަމަ ކުރައްވައި ފަސްޓްލޭޑީ ތާރީހުގެ ތެރެއަށް

25 ޖެނުއަރީ 2020

ފަސްޓްލޭޑީ ފަޒްނާ އަހުމަދު، ޓީއެފްޖީ ރަންގައިި މިއަދު މެރަތަނެއް ފުރިހަމަކުރައްވައި ތާރީހުން ޖާގަ ހޯއްދަވައިފި އެވެ. މިއީ ރާއްޖޭގެ ފަސްޓް ލޭޑީއެއް މެރަތަން ފުރިހަމަކުރެއްވި ފުރަތަމަ ފަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަސްޓްލޭޑީ ފަޒްނާ އަހުމަދު، ޓީއެފްޖީ ރަންގައިި މިއަދު މެރަތަނެއް ފުރިހަމަކުރައްވައި ތާރީހުން ޖާގަ ހޯއްދަވައިފި އެވެ. މިއީ ރާއްޖޭގެ ފަސްޓް ލޭޑީއެއް މެރަތަން ފުރިހަމަކުރެއްވި ފުރަތަމަ ފަހަރެވެ.

ޖުމްލަ 42 ކިލޯމީޓަރަަށް ދުވަންޖެހޭ މެރަތަން އެކަމަނާ ފުރިހަމަކުރައްވާފައިވަނީ ޓީއެފްޖީން ލ. ގަމުގައި ބާއްވާ އިވެންޓުގެ ތެރޭގަ އެވެ. ފިރިކަލުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފަސް ކިލޯ މީޓަރުގެ ދުވުން ފުރިހަމަކުރައްވައިފަ އެވެ.

ފަސްޓްލޭޑީ މެރަތަން ފުރިހަމަކުރެއްވީ ފަސް ގަޑިއިރާއި 39 މިނެޓުންނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ދުނިޔޭގައި ވެސް ފަސްޓްލޭޑީއަކު އެންމެ އަވަހަށް މެރަތަނެއް ފުރިހަމަ ކުރެއްވި ފުރަތަމަ ފަހަރެވެ.

ގަވައިދުން ކަސްރަތުކުރައްވަން ވަރަށް ކުރީއްސުރެ ޓީއެފްޖީ އަށް ވަޑައިގަންނަވާ އެ ދެ ބޭފުޅުން މިދިޔަ އަހަރު ވެސް، ލާމުގައި ބޭއްވި އިވެންޓުގައި ބައިވެރިވެވަޑައިގަތެވެ.

މެރަތަންގެ ތަމްރީނުގެ ބައެއްގެ ގޮތުގައި އެކަމަނާ ވަނީ މިދިޔަ މަހު ތައިލެންޑުގެ ޗިއަންމައިގައި ހާފު މެރަތަނެއް ފުރިހަމަކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް ހާފު މެރަތަންތަކެއް ފުރިހަމަކުރައްވާފައިވާ ފަސްޓް ލޭޑީ، މެރަތަނަށް ތައްޔާރުވުުމަށް ކޮންމެ ހުކުރު ދުވަހަކު ދިގު ދުވުން ފުރިހަމަކުރައްވަ އެވެ. އެ ދުވުންތަކުގައި 30 ކިލޯމީޓަރާ ހަމައަށް ދުވެވަޑައިގަންނަވާނެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދަށް ފަހު ދުވުމަށް ނުކުމެވަޑައިގަންނަވާނެ އެވެ.

ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެން، މެރަތަން ފަދަ ދުވުންތައް ފުރިހަމަ ކުރެއްވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާއްމުކަމެއް ނޫނެވެ. އެހެންވެ ފަސްޓްލޭޑީ ފަޒްނާ މިފަހަރު މި ވަނީ ތާރީހުން ޖާގަ ހޯއްދަވައިފަ އެވެ.