Roadha Mihaaru
ރިލްވާނާއި ޔާމީންގެ އާއިލާގެ ހިތްހަމަނުޖެހުން ރައީސަށް!

ރިލްވާނާއި ޔާމީންގެ އާއިލާގެ ހިތްހަމަނުޖެހުން ރައީސަށް!

28 ޖެނުއަރީ 2020

ވަަގަށް ނަގައި މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ގަތުލުކޮށްލި ޔާމީން ރަޝީދަށް އިންސާފު ހޯދައި ދެއްވާނެ ކަމުގެ ވައުދާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތަސް އެ މަގަށް ސަރުކާރު މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށާއި ދޮގު އުއްމީދެއްގެ ފަހަތުން ދުވަން ނުހަދައި ހަގީގަތް ހާމަކޮށްދޭން އެ ދެ އާއިލާ އިން އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަަގަށް ނަގައި މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ގަތުލުކޮށްލި ޔާމީން ރަޝީދަށް އިންސާފު ހޯދައި ދެއްވާނެ ކަމުގެ ވައުދާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތަސް އެ މަގަށް ސަރުކާރު މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށާއި ދޮގު އުއްމީދެއްގެ ފަހަތުން ދުވަން ނުހަދައި ހަގީގަތް ހާމަކޮށްދޭން އެ ދެ އާއިލާ އިން އެދިއްޖެ އެވެ.

ރިލްވާނާއި ޔާމީންގެ އާއިލާ އިން ރައީސަށް ފޮނުވައި އާއްމުކުރި ސިޓީގައި ބުނެފައި ވަނީ ރިލްވާން ގެއްލުވާލިތާ ހަ އަހަރު ފުރި، ޔާމީން ރަޝީދު ގަތުލުކޮށްލިތާ ތިން އަހަރު ފުރޭއިރު ދެ އާއިލާ އަދިވެސް ތިބީ ވޭނުގައި ކަމަށެވެ. އެ ވޭން، އިހްސާސްކުރެއްވުމުން ރައީސްގެ ލޯފުޅުން ވެސް ކަރުނަ އޮހުނު ކަން ސިޓީގައި ހަނދާން ކޮށްދީފައިވެ އެވެ.

އެ ރޭ [ރައީސް] ވިދާޅުވި ބަސްފުޅުން އަޅުގަނޑުމެންނަށް ނުހަނު ބޮޑު އުއްމީދެއް ލިބުނެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެ ހިތާމަވެރި ދެ ހާދިސާ ވެސް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ވޯޓު ހޯއްދަވަން ވިދާޅުވި ބަސްތަކެއްގެ ގޮތުގައި ބަދަލުވެގެންދާ ތަނެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ކޮމިޝަނެއް އުފެއްދުމުން، ވައުދު ފުރިހަމަވީ ކަމަކަށް ނުދެކޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ކޮމިޝަން އުފެދި މިހާތަނަށް ވެސް އިންސާފުގެ ކޮޅެއް ނުފެނި ލަސްވާތީ އާއިލާ އިން ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ރިލްވާން އަދި ޔާމީންގެ މަރުގެ މޭސްތިރިން ކަމަށް ތުހުމަތުކުރާ ބައެއްގެ މައްޗަށް ދައުވާ އުފުލަން ކޮމިޝަނުން ފޮނުވުމުން، ތަހުގީގު ފުރިހަމަ ނުވާތީ އެ މައްސަލަތައް އަނބުރާ ފޮނުވާލާފައިވާ ކަން އާއިލާ އިން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަތައް އަލުން ޕީޖީ އަށް ފޮނުވާނެ ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އާއިލާ އިން ގޮވާލާފައި ވަނީ އަފްރާޝީމާއި ރިލްވާނާއި ޔާމީންގެ މައްސަލަތައް ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ބޭރުގެ އިންވެސްޓިގޭޓަރުންނާއި ވަސީލަތްތައް ބޭނުން ކުރުމަށެވެ.

"މީގެ ކުރިން ވެސް އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް ތިިބި އެތައް ފަރާތްތަކެއް އެބަތިއްބެވެ. ސަރުކާރަށް މިކަމެއް ނުވިއެއް ނޫންތޯ އެވެ،" ސިޓީގައި އާއިލާ އިން ބުނެފައިވެ އެވެ.

އިންސާފު ނުލިބި ލަސްވަމުންދާ މައްސަލައިގައި ރިލްވާނާއި ޔާމީންގެ އާއިލާގެ ކަންބޮޑުވުންތައް ހުރި ނަމަވެސް ސަރުކާރުން އެންމެ ފަހުން ވެސް ބުނެފައި ވަނީ ރިޔާސީ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، އާ ރައީސަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް އެބަދާ ކަަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ. އެ ކޮމިޝަން އުފެއްދިތާ ކުރީކޮޅު އާއްމުކުރި ގޮތުގައި، ތަހުގީގުކުރަން ޖެހޭ މައްސަލަތަކުގެ އަދަދު އޭރު އުޅެނީ 29 ގަ އެވެ.