Roadha Mihaaru
ގޫގުލްގެ އަމިއްލަ ފޯނު ދައްކާލައިފި، ވަރަށް ފުރިހަމަ

ގޫގުލްގެ އަމިއްލަ ފޯނު ދައްކާލައިފި، ވަރަށް ފުރިހަމަ

05 އޮކްޓޯބަރ 2016

މީގެ ކުރިން އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ފޯނު ޑިޒައިންކުރި ގޫގުލްގެ އަމިއްލަ ޑިޒައިނަށް ހެދި "ޕިކްސެލް" އިއްޔެ ދައްކާލައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މީގެ ކުރިން އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ފޯނު ޑިޒައިންކުރި ގޫގުލްގެ އަމިއްލަ ޑިޒައިނަށް ހެދި "ޕިކްސެލް" އިއްޔެ ދައްކާލައިފި އެވެ.

ޕިކްސެލްގެ 5 އިންޗީގެ ސްކްރީން ފޯނާއި 5.5 އިންޗީގެ ސްކްރީންގެ ފޯނެއް ވަނީ ހަދައިފަ އެވެ. މީގެ ކުރިން ނެކްސަސްގެ ނަމުގައި ފޯނު ހެދި ގޫގުލް އިން ސީދާ ކުންފުނީގެ ބްރޭންޑުގައި މިފަހަރު ފޯނު ހަދާފައި ވަނީ އެޕަލް އިން އައިފޯނު އުފެއްދުމުގައި ވެސް އަމަލުކުރާ ގޮތަށެވެ. އެގޮތުން ޑިޒައިނިންގެ ހުރިހާ ކަމެއް ކުންފުނީގެ އެތެރޭގެ ކަމެއްގެ ގޮތުގައި ކޮށްފައި ވާއިރު އެސެމްބުލް ކުރުމުގެ ހުރިހާ ކަމެއް ކުރީ އެހެން ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

"ގޫގުލް އެސިސްޓެންޓް" ހިމަނައިގެން ފުރަތަމަ ހެދި މި ފޯނުގައި ގޫގުލް އެސިސްޓެންޓް މަސައްކަތްކުރަނީ އެޕަލްގެ ޑިވައިސްތަކުގައި ސިރީ ވެސް މަސައްކަތްކުރާ ގޮތަށް ހޯމް ބަޓަނަށް އޮބާލުމުންނެވެ.

ކުރީގެ ނެކްސަސް ފޯނާ ހިލާފަށް ޕިކްސެލް ފޯނުގެ ފަހަތުގައި ވަނީ ބިއްލޫރި އެވެ. އަދި ކޭސް ހަދާފައި ވަނީ އެލްމިނިއަމުންނެވެ.

ޕިކްސެލްގެ ތިން ކުލައެއް ލިބޭނެ އެވެ. އެއީ ކުއައިޓް ބްލެކް، ރިއަލީ ބްލޫ އަދި ވެރީ ސިލްވަ އެވެ.

އާ ފޯނުގެ ކެމެރާގައި 12.3 މެގަޕިކްސެލްގެ ސެންސައެއް ހިމަނާފައި ވާއިރު ގޫގުލް އިން ބުނީ މިއީ ސްމާޓްފޯނެއްގައި މިހާތަނަށް ހަރުކޮށްފައިވާ އެންމެ ފެންވަރު ރަނގަޅު ކެމެރާ އަށް ވާނެ ކަމަށެވެ. އެގޮތުން ފޮޓޯ އަވަހަށް ކެޕްޗާކުރުމުގެ ގާބިލްކަން އެހެން އެއްވެސް ފޯނެއްގައި ނެތްހާ ރަނގަޅަށް ތަރައްގީކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕިކްސެލް ގަންނަ މީހުންނަށް ފޮޓޯ އާއި ވީޑިއޯ ފުލް ރިޒޮލޫޝަންގައި ގޫގުލް ފޮޓޯ އެޕް މެދުވެރިކޮށް ކިތަންމެ ބައިވަރެއް ވެސް ސްޓޯކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ ދޭނެ އެވެ.

އެންޑްރޮއިޑް ފޯނުތަކުގައި މިހާރު ފައްކާކުރަމުން އަންނަ، މަގުބޫލުކަން ހޯދަމުން އަންނަ އަވަހަށް ބެޓެރީ ޗާޖުކުރެވޭ ފީޗާ ޕިކްސެލްގައި ވެސް ވަނީ ހިމަނައިފަ އެވެ. އެގޮތުން ހަތް ގަޑިއިރުގެ ޗާޖު 15 މިނެޓުން ކުރެވޭނެ އެވެ.

ޕިކްސެލްގެ ފޯނުގެ 32 ޖީބީ އަދި 128 ޖީބީ ހުރެ އެވެ. އަގުތައް ފެށެނީ 649 ޑޮލަރުންނެވެ. ގޫގުލް އިން އާ ފޯނެއްގެ އިތުރުން ގޭތެރެއަށް ހާއްސަ ޝައުގުވެރި ޑިވައިސްތަކެއް ވެސް ވަނީ އަލުން ތަރައްގީކޮށް ދައްކާލައިފަ އެވެ.