Roadha Mihaaru
ކޮރޯނާވައިރަސް: އެންމެން މާސްކް އަޅާނެކަމެއް ނެތް!

ކޮރޯނާވައިރަސް: އެންމެން މާސްކް އަޅާނެ ކަމެއް ނެތް!

01 ފެބުރުއަރީ 2020

ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނިގެން އުޅޭ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ރައްްކާތެެރިވުމުގެ ގޮތުން ރާއްޖޭގައި ވެސް އެންމެން މާސްކް އަޅަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް، ބައެއް ޑޮކްޓަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނިގެން އުޅޭ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ރައްްކާތެެރިވުމުގެ ގޮތުން ރާއްޖޭގައި ވެސް އެންމެން މާސްކް އަޅަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް، ބައެއް ޑޮކްޓަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސް ހާއްސަކުރީ، މި ވައިރަސްއާ ގުޅިގެން މީގެ ކުރިން އެންމެ އާންމުކޮށް އަރުއްވާ ސިޔާސީ ބޭފުޅުންގެ ބަދަލުގައި އައިޖީއެމްްއެޗްގެ ދެ ޑޮކްޓަރަކާއި އެޗުޕީއޭގެ ޑޮކްޓަރަކަށެވެ.

އޭގެ ތެރެއިން އެޗުޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާސްކް އަޅަން ޖެހޭނީ ބަލި ޖެހިފައިވާ މީހުންނާއި ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި އެމީހުންނާ ގާތުން މަސަައްކަތް ކުރާ މީހުންގެ އިތުރުން ބޮޑެތި އެހެން ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުން ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ހާލަތްތަކުގައި އަޅަން ޖެހޭނީ ވެސް ތަފާތު މާސްކްތަކެވެ.

"ހަމަ ނޯމަލް ސާޖިކަލް މާސްކް، އެއީ ބަލިހުންނަ މީހުން، އަލާމާތްތައް ހުންނަ މީހުން، އޭގެ މާސްކެއް އަޅައިގެން އުޅޭށޭ،" އޭނާ އިލްތިމާސްކުރެއްވި އެވެ.

އެކަމަކު ޗައިނާ އިން އައި ދިވެއްސަކު ކަރަންޓީންކޮށް، އޭނާގެ ލޭގެ ސާމްޕަލް ޓެސްޓްކުރަން ބޭރަށް ފޮނުވި ހަބަރާ އެކު މާލޭގައި ގިނަ އަދަދެއްގެ ބަޔަކު މިހާރު ގެންދަނީ މާސްކް ގަންނަމުންނެވެ. ބައެއް ފިހާރަތަކުން މިހާރު ވަނީ މާސްކް ހުސްވެފަ އެވެ. އެސްޓީއޯގެ ބޭސްފިހާރަތަކުން ވިއްކަނީ ކޮންމެ މީހަކަށް ތިން މާސްކެވެ.

ޑރ. އަފްޒަލްގެ އިތުރުން އެތެރެ ހަށީގެ ބަލިތަކުގެ ޑރ. މުހައްމަދު އަލީ އާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. މޫސާ ހުސައިން ވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތެވެ.

ބަލިޖެހިފައި ފެތުރުމުގެ ފުރުސަތު އޮންނަ ހާލަތްތައް

ނޮވެލް ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޑޮކްޓަރުން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު

ނޮވެލް ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޑޮކްޓަރުން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު

ކޮރޯނާވައިރަސްގެ އަލަށް ފެނިގެން އުޅޭ ވައިރަސް ފެތުރޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މޫސަ ވިދާޅުވީ ބަލިޖެހިފައިވާ ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ހުންނަ އިމާރާތެއްގެ ކައިރީގައި ދިރިއުޅުމަކީ ނުރައްކަލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން މީހެއްގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު އޮންނާނީ ވައިރަސް ހުރި މީހަކާ ގާތްގަނޑަކަށް ތިން ފޫޓަށް ކައިރިވުމުންނެވެ.

"ހަގީގަތުގައި ބަލި ޖެހިފައިވާ މީހާގެ ވަށައިގެން ތިން ފޫޓުގެ ދުރުމިނެއްގައި ބަލި ފެތުރުމުގެ ފުރުސަތު މި އޮންނަނީ،" ޑރ. މޫސަ ވިދާޅުވި އެވެ.

"ބައެއް ކަހަަލަ ބަލިތައް ހުންނާނެ ވައިގެ ތެރޭގައި ޖަރާސީމު ހިފާފައި، ވައިގެ ތެރޭގައި ފްލޯޓްވާ ކަހަލަ ބަލިތައް. އެކަމަކު މިއީ އޭގެ ބައްޔެއް ނޫން."

ކޮރޯނާވައިރަސް އަރަނީ ހަށިގަނޑުގައި އެ ވައިރަސް ހުރި މީހަކު، ވާހަކަ ދެއްކުމުން، ނޭވާލުމުން، ކެއްސުމުން، ނުވަތަ ކިނބިހިއެޅުމުން ބުރައިގެން ދާ ކުޅުންނެވެ. މިސާލަކަށް، ހިމަބިހި ފަދަ ބަލިތަކުގެ ވައިރަސް، ވައިގެ ތެރޭގައި ސަތޭކައެއްހާ ފޫޓަށް ވެސް ދަތުރުކުރެ އެވެ. ނުވަތަ މޭޒެއް ކަހަލަ ތަނެއްގައި، ހަލާކުނުވެ، އެތައް ގަޑިއިރެއް ހޭދަވެ އެވެ. މިހާރު ފެނިގެން އުޅޭ ވައިރަސް އެއާ ތަފާތެވެ. އެހެންކަމުން ތިން ފޫޓެއްހާ ދުރުގައި ހުންނަ މީހެއްގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ،

މި ދުވަސްވަރު، ގެޔަކަށް އެމްބިއުލެންސެއް ގޮސް، މީހަކު އެރުވިޔަސް ސޯޝަލް މީޑިއާގައި ޝައްކުތައް އުފައްދަ އެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދޭ މީހުން މިދުވަސްވަރު އެކި ބަލިމީހުންގެ ކައިރިއަށް ދަނީ މާސްކް އަޅައިގެން ކަމަށް ވާތީ، އެމްބިއުލެންސެއް ދިޔަސް އާންމު ބައެއް މީހުން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.

އެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވެސް ދިވެހި ޑޮކްޓަރުން ވާހަކަ ދެއްކެވި އެވެ. އެގޮތުން ޑރ. މޫސަ ވިދާޅުވީ ކޮރޯނާވައިރަސްއަށް ޝައްކު މީހަކު ގެންދާއިރު އެމީހަކާ އެހެން މީހުން ކައިރިވުމުގެ ފުރުސަތު، ސިއްހީ އެހީތެރިން ނުދޭނެ ކަމަށެވެ.

އޭނާ ގޮވާލެއްވީ މައްސަލައާ ގުޅޭ ސުވާލެއް އޮތް ނަމަ ހާއްސަ ހޮޓްލައިންއާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށެވެ.

"ހަގީގަތުގައި ބިރުގަންނަންވީ ސަބަބެއް ނެތް އެގޮތަކަށް،" ޑރ. މޫސަ ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ފެނުނު މީހުންގެ އަދަދު މިހާރު ވަނީ 11،700 އަށް ވުރެ މައްޗަށް އަރާފަ އެވެ. މަރުވި މީހުންގެ އަދަދު އުޅެނީ 250 އަށް ވުރެ މަތީގަ އެވެ.

ރާއްޖެއިން އެ ބައްޔަށް ޝައްކުވެގެން ކަރަންޓީން ކުރި އުމުރުން 20 އަހަރުގެ ޒުވާނަކާއި އިތުރު ދެ މީހެއްގެ ލޭގެ ސާމަޕަލް އިންޑިއާއަށް ވަނީ ފޮނުވައިފަ އެވެ. ނަތީޖާ ލިބެން 48 ގަޑިއިރު ނަގާނެ އެވެ.