Roadha Mihaaru
އެޗްއީއޯސީގައި މަސައްކަތްކުރާނެ ޑޮކްޓަރުން ހޯދަނީ

އެޗްއީއޯސީގައި މުސާރަ އަށް މަސައްކަތް ކޮށްދޭނެ ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފި

16 މެއި 2021

ފާޑުކިޔުންތައް އަމާޒުވުމުން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މުސާރައަށް މަސައްކަތް ކޮށްދޭނެ ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން ރޭ އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާޑުކިޔުންތައް އަމާޒުވުމުން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މުސާރައަށް މަސައްކަތް ކޮށްދޭނެ ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން ރޭ އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓުންގެ ތެރެއިން ގޭގައި ތިބޭ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި އެ މީހުންނަށް ފަރުވާ ދިނުމަށް އެޗްއީއޯސީގައި މަސައްކަތް ކުރާނެ ވަގުތީ 10 ޑޮކްޓަރުން ބޭނުންވާ ކަމަށެވެ.

އެކަމަށް އެދޭ ފޯމު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ.

ރާއްޖެއިން ބޭރުގެ ޑޮކްޓަރުންނަށް ބޮޑު މުސާރައާއެކު ވަޒީފާ ހުޅުވާލުމަށް ފަހު، އެޗްއީއޯސީގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ޑޮކްޓަރުން ހޯދަން މި ފަހުން އިއުލާނު ކުރުމުން ހެލްތު މިނިސްޓްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބިދޭސީ ޑޮކްޓަރުން ހޯދަން އިއުލާނުކުރީ ދިވެހިން ނުލިބުނު މަގާމުތަކަށް ކަމަށެވެ.

މި ފަހަރު މުސާރައަކަށް ހަމަޖައްސާފައިވަނީ މަސައްކަތްކުރާ ގަޑިއިރަކަށް 88.50ރ. އެވެ. މަސައްކަތް ކުރާނެ ވަގުތު ހަމަޖައްސަން ޖެހޭނީ ދެ ފަރާތުން އެއްބަސްވާ ގޮތަށެވެ.

އެ ޑޮކްޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުންނަށް ޒިޔާރަތް ކޮށްގެން ފަރުވާދޭން ޖެހިއްޖެ ނަމަ އޭގެ ހުރިހާ ކަމެއް ކުރުމާއި ބަލިން ރަނގަޅުވާ މީހުންގެ ރިކަވަރީ އެސެސްމަންޓް ހެދުމާއި ފެސިލިޓީތަކަށް ބަދަލުކުރަންޖެހޭ ބަލި މީހުން އެ ތަންތަނަށް ގެންދިއުން ހިމެނެ އެވެ.

އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ ޑޮކްޓަރުން ހޯދަން އިއުލާނުކުރީ ކޮވިޑުގެ އާ ރާޅާއެކު ސިއްހީ ދާއިރާ އަށް ނުކަތާ ވަރަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ޕޮޒިޓިވްވަމުންދާތީ އެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 43،000 އިން މައްޗަށް އަރާފައިވާއިރު، އެކްޓިވް ކޭސްތައް ވެސް ވަނީ 15،000 ހުރަސްކޮށްފަ އެވެ.