Roadha Mihaaru
އެމްޑީއޭ ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލް އިންތިހާބުގައި އެމްޑީއޭ ޓިކެޓަށް ފުރުސަތު ހުޅުވާލައިފި

26 އޮކްޓޯބަރ 2016

އަންނަ ޖެނުއަރީ 14 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ ޖެނުއަރީ 14 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފި އެވެ.

އެމްޑީއޭއިން ކުރި އިއުލާނެއްގައި ވަނީ އެ ޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ މީހުން ފޯމް ފުރިހަމަ ކުރުމަށް ފަހު، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެމްޑީއޭ އޮފީހަށް ހުށަހެޅުމަށެވެ.

ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭއިން ވާދަކުރާ ދާއިރާތަކަށް ކުރިމަތިލާން ޖެހޭ އަދަދަށް ވުރެ އިތުރަށް މީހުން ކުރިމަތިލައިފި ނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށް އެމްޑީއޭގެ އިއުލާނުގައިވެ އެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީހެއް އެ ޕާޓީން އިއުލާނެއް ނުކުރެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް ދެ ފެކްޝަނަކަށް ބެހިފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ އެކު ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށް އެމްޑީއޭ އިން ވަނީ ބުނެފަ އެވެ. އެ ޕާޓީން ގަބޫލުކުރަނީ އަސްލު ޕީޕީއެމަކީ ރައީސް ޔާމީންގެ ޒައާމަތުގައި ހިނގަމުން އަންނަ ޕީޕީއެމް ފެކްޝަން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އިންތިހާބުކުރާނީ 653 ކައުންސިލަރުންނެވެ. އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ.

އެމްޑީއޭގެ އިތުރުން ޕީޕީއެމާއި، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވެސް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.