Roadha Mihaaru
ކާޑުގެ އަގު ބޮޑުކުރި މައްސަލަ މަޖިލީހުން ބަލަނީ

ކާޑުގެ ބާވަތްތައް އަގު ބޮޑުކުރި މައްސަލަ މަޖިލީހުން ބަލަން ނިންމައިފި

05 އޮކްޓޯބަރ 2016

ސަރުކާރުން ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީ ހަމައެކަނި ފަގީރުންނަށް އެކަނި ހާއްސަކޮށް، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީ ހަމައެކަނި ފަގީރުންނަށް އެކަނި ހާއްސަކޮށް، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މި މައްސަލަ ބަލަން ފޮނުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމާއި މާފަންނު ހުުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމްް ޝަރީފް (މަވޯޓާ ޝަރީފް) އެވެ.

އެ މައްސަލަ މާދަމާ އޮންނަ ކޮމެޓީ ބައްދަލުވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމަކު ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ ގެނެސް ވިއްކުމުގައި ވީހާ ވެސް އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރާ އެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށް، އެ ތަކެތި އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުމުގެ މަސައްކަތް މި ފެށީ ޕީޕީއެމް މެމްބަރުން ހިމެނޭ ގޮތަށް އެކި ސިޔާސީ ޕާޓީތަކާއި ކައުންސިލްތަކުން ކާޑުގެ އަގަށް ގެނައި ބަދަލާ ދެކޮޅު ހަދަމުން ދަނިކޮށެވެ. އަދި ބައެއް ރަށްރަށުގައި އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެ ގޮތުން، މާލެ އާއި އައްޑޫގައި މުޒާހަރާކޮށްފައި ވާއިރު، އިއްޔެ ވަނީ ފުވައްމުލަކުގައި ހުންނަ އެސްޓީއޯގެ ފިހާރައެއް ބަންދުކޮށް، އެ ތަނުގެ ބޭރުގައި ބަޔަކު އަޑު އުފުލާފަ އެވެ. އަދި މިކަމާ ދެކޮޅަށް، އިދިކޮޅު އިއްތިހާދުން ވެސް ވަނީ ބޮޑު އެއްވުމެއް މާލޭގައި ބާއްވަން ނިންމައިފަ އެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.

ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލޭން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު މި އަށް ވުރެ ބޮޑުވާނެ އެވެ.

ކާޑުގެ ސަބްސިޑީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަގީރުންނަށް އެކަނި ދިނުމަށް ސަރުކާރުން ނިންމައި އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައި ވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240ރ. އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ. ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެކެވެ.