Roadha Mihaaru
"ކާޑު އަގުހެޔޮކުރޭ، ރައީސް ވަނީ ހައްދުފަހަނައަޅާފައި"

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ޖެހޭ، ރައީސް ވަނީ ހައްދުފަހަނައަޅާފައި: މުސްތަފާ

06 އޮކްޓޯބަރ 2016

ރައީސް އަބްދުﷲ ޔާމީން ވަނީ "ހައްދުފަހަނައަޅައި ގޮސްފައި" ކަމަށާއި ސަރުކާރުން ގޮތް ދޫކުރުމަށްފަހު، ކާޑުގެ އަގު ހެޔޮ ކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން ވަނީ "ހައްދުފަހަނައަޅައި ގޮސްފައި" ކަމަށާއި ސަރުކާރުން ގޮތް ދޫކުރުމަށްފަހު، ކާޑުގެ އަގު ހެޔޮ ކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރުން ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ފަހިކޮށް ނުކޮށްދީ ކާޑުގެ އަގު ބޮޑު ކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ، ސަރުކާރުގެ ނިންމުން އަލުން އަނބުރާ ރުޖޫއަކޮށްދެއްވުމަށާއި މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެމްބަރުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނާ ބައިއަތު ހިއްޕެވުމަށް ވެސް މުސްތަފާ ގޮވާލެއްވި އެވެ.

ކާޑުގެ އަގު ދެ ގުނަ ބޮޑުކުރަން ސަރުކާރުން ނިންމި ކުއްލި ނިންމުމާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެނޫން އެހެން ގޮތެއް ހޯއްދަވައިދެއްވަން ކުރީގެ ރައީސް މައުމޫން މީގެ ކުރިން ވަނީ އެދިވަޑައިގެންފަ އެވެ.

"ރައީސް [ޔާމީން] މިހާރު އެ ހުންނެވީ ހައްދުފަހަނަ އަޅާގޮސްފައި، ޕާޓީގެ ރައީސާ އެއްކޮޅަށް ޕީޕީއެމް ޓިކެޓުގައި މަޖިލީހަށް ވަޑައިގެންނެވި ހުރިހާ މެމްބަރުން ވަޑައިގަތުމަށް ދަންނަވަން،" މުސްތަފާ ވިދާޅުވި އެވެ.

"އުންމީދު ކުރަން ސަރުކާރުން ގޮތް ދޫކޮށް ކުރީގެ އަގުގައި ކާޑު ދޫކުރާނެ ކަމަށް،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވަނީ އެސްޓީއޯއަކީ ރައްޔިތުންނަށް އަގުހެޔޮކޮށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ޖެހޭ ކުންފުންޏެއް ކަމަށް ވިދާޅުވެ، އެ ކުންފުންޏަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އެސްޓީއޯއިން ރާއްޖޭގެ ހުރިހާ ވިޔަފާރިތަކެއް މޮނޮޕޮލީކޮށްގެން ތިބެ، ޕެޓްރޯލާއި ޑީސަލާއި ޖެޓް ފިއުލް އިމްޕޯޓް ކުރަމުން އަންނަ ކުންފުންޏަކުން ސަރުކާރުން ކާޑުގެ ބާވަތްތަކުން ދެ ގުނަ ބޮޑުކުރާކަށް ޑިމާންޑް ކުރަން ނުޖެހޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި (އެސްޓީއޯއިން އޮތީ) ރާއްޖޭގެ ހުރިހާ ބިންތަކެއް ހިސޯރުކޮށްގެން،" އެސްޓީއޯ ހިނގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާއަކީ ކޮންމެ ރޯދަ މަހަކު ކާޑުގެ ބާވަތްތައް ދާއިރާގައި ދިރިއުޅޭ މީހުންނަށް ފޮނުވަމުން އަންނަ ހަމައެކަނި މެމްބަރެކެވެ. އަދި ކާޑުގެ އަގުތަކަށް ގެނައި ބަދަލުގެ ސަބަބުން ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭތީ އިތުރު ވިސްނުމަކަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ކުއްލިއަކަށް ކާޑުގެ ބާވަތްތަކުންނާއި ކަރަންޓުގެ އަގު ބޮޑު ކުރުމުން ރައްޔިތުންގެ ދިރިހުރުމުގެ ހާލަތު ކުއްލިއަކަށް ދަށަށް ދިއުމާ ގުޅިގެން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވާނެ މަގެއް ކޮށައިދެމުން ނުދާ ކަމަށް ބުނެފައިވެ އެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފާސްވުމުން، މަޖިލީހުގެ މެމްބަރުން އެ މައްސަލަ އަށް އެއް ގަޑިއިރު ވަންދެން ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް ޖަލްސާގައި ވާހަކަ ދައްކަވަން ބޭނުންވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދީ ނިމެންދެން މިހާރު ވަނީ ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ ގެނެސް ވިއްކުމުގައި ވީހާ ވެސް އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރާ އެކު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް، އެ ތަކެތި އެތެރެ ކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުމުގެ މަސައްކަތް މި ފެށީ ކާޑުގެ އަގަށް ގެނައި ބަދަލާ ދެކޮޅަށް ޕީޕީއެމް މެމްބަރުން ހިމެނޭ ގޮތަށް އެކި ސިޔާސީ ޕާޓީތަކާއި ކައުންސިލްތަކުން ތެދުވެފައި ވަނިކޮށެވެ. އަދި ބައެއް ރަށްރަށުގައި އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.