Roadha Mihaaru
ކޮމިއުނީޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބީއެމްއެލް ކޮމިއުނީޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

02 ފެބުރުއަރީ 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ދޭ ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި އެ ޕްރޮޖެކްޓަކަށް ބީއެމްލެން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ފެބްރުއަރީ 15 އެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ގޮތުން މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓް ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ ރައްޔިތުންނާއި ބޭންކާ އޮތް ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ފަންޑެއް ކަމަށެވެ. އަދި މި ފަންޑުގެ ސަބަބުން ގިނަ ޕްރޮޖެކްޓުތަކެއް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާއިތުވެދިޔަ އަހަރު އަޅުގަނޑުމެން ވާނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކޮށްފައި. އަދި މީގެ އިތުރުން ކޮމިއުނިޓީ ފަންޑުގެ އެހީގައި 20 ރަށަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ،" ޓިމް ސޯޔާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް 1 މިލައަން ރުފިޔާ ހޭދަކޮށްފަ އެވެ. މީގެ ތެރޭގައި ނެއްލައިދޫ ކޮމިއުނިޓީ ޕާކާއި، ދ. މާއެނބޫދޫގެ ސްކޫލު ލައިބްރަރީ ތަރައްގީކުރުމާއި، އއ. ދަނގެތި އަދި ށ. ފޭދޫގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމާއި، ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި ކ. ގާފަރުގައި ސެން ކްލާސްރޫމެއް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.