Roadha Mihaaru
ވައުދުތަކުން ނަތީޖާ ފެނުމަކީ އެންމެ ބޮޑު އުފާ: ރައީސް

ވައުދުތަކުން ނަތީޖާ ފެނުމަކީ އެންމެ ބޮޑު އުފާ: ރައީސް

03 ފެބުރުއަރީ 2020

ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކުރައްވާ ގިނަ މަސައްކަތްތަކުން ނަތީޖާ ފެންނަމުން ދިއުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކުރައްވާ ގިނަ މަސައްކަތްތަކުން ނަތީޖާ ފެންނަމުން ދިއުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ވެރިކަަމަށް ވަޑައިގަތުމަށް ވެވަޑައިގަތް އަދި ރައްޔިތުން ސާފު އަޣުލަބިއްޔަތު ދިން ވައުދުތައް ފުއްދުމުގެ މަސައްކަތް އެކި ދާއިރާތަކުން ކުރިއަށް އެބަ ދާ ކަމަށެވެ. ތައުލީމީ ދާއިރާ އިން ދަރިވަރުންނަށް ދުޅަހެޔޮ ބަދަލުތަކާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ފަސްް ސަރަހައްދެއްގައި ޓާޝާރީ ހޮސްޕިޓަލް ގާއިމްކުރުމާއި އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތާއި އިޖުތިމާއީ ދާއިރާގެ މައްސަލަތަކުގައި ހޯއްދަވައި ދެއްވި ހައްލުތަކާ އެކު ގައުމަށް ހަމަޖެހުމާއި އަމާންކަން ގާއިމްވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ޖަޒީރާ ރާއްޖޭގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ކޮންމެ ހާލަތެއްގައި ވެސް ގައުމީ މަސްލަހަތަށް އިސްކަންދީގެންނެވެ.

"މިއީ، ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވާފައިވާ އަމާނާތް އަދާކުރުމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑު އަމަލުކުރަމުން އަންނަ އަދި އިސްކަންދޭ އުސޫލު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރު ދިވެހި ގައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުގައި ވެސް، ސަރުކާރުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ އަދި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އަޅާފައިވާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެންނެވެ.

"ރަައްޔިތުންނަށް އެންމެ ލާބަ ހުރި ގޮތްތަކަށް ވިސްނައިގެން. އަދި މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އޮތް ސަރުކާރެއްކަން ގަބޫލުކޮށްގެން ހުރެ،" ރައީސް ވިދާޅުވި އެވެ.

ކޯލިޝަނަކުން އުފެއްދި މި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން، ކޯލިޝަންގެ އެހެން ޕާޓީތަކަށް ފާޑުކިޔަމުން ދިޔަ ނަމަވެސް ރައީސް ވިދާޅުވީ "އިންތިޚާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން" ކަމަށެވެ.