Roadha Mihaaru
އުނދަގޫ އަހަރަކަށް ފަހު ދެން އޮތީ ތަރައްގީ: ރައީސް

އުނދަގޫ އަހަރަކަށް ފަހު ދެން އޮތީ ތަރަައްގީ: ރައީސް

04 ފެބުރުއަރީ 2021

ކޮވިޑް-19 އިން އަރައިގަނެ، ގައުމު އަލުން އާރާސްތުކުރަން އެކި ދާއިރާތަކުން އިސްކަންދޭނެ ތަރުތީބާ އެކު ރައްޔިތުންގެ ހާލަތު ރަނގަޅުވެ، މަޝްރޫއުތައް ހިނގައިގަންނާނެ ކަމުގެ ޔަގީންކަން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އިން އަރައިގަނެ، ގައުމު އަލުން އާރާސްތުކުރަން އެކި ދާއިރާތަކުން އިސްކަންދޭނެ ތަރުތީބާ އެކު ރައްޔިތުންގެ ހާލަތު ރަނގަޅުވެ، މަޝްރޫއުތައް ހިނގައިގަންނާނެ ކަމުގެ ޔަގީންކަން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ދެއްވާ ތަގުރީރު ރައީސް ފެއްޓެވީ މުޅި ދުނިޔެ ހުއްޓުވާލި ކޮރޯނާވައިރަހުގެ ބަލިމަޑުކަން ރާއްޖެ ވަށާލައި ގައުމުގެ އާއްމު ހާލަތު ބަދަލުވެ، އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކުންނެވެ. އެއާ އެކު މިދިޔަ އަހަރަށް އިސްކަންދޭން ކަނޑައެޅި ތަރުތީބުތައް ބަދަލުކޮށް ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ ބަލިން ރައްޔިތުން ރައްކާތެރިކުރަން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ފިޔަވަޅުތައް އަޅަން ޖެހުނީ އޭގެ ނަތީޖާ އެނގި ތިބެ އެވެ. ރާއްޖޭގެ އިގްތިސާދީ މައި ދޮރޯށި ބަންދުކުރަން ޖެހުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ކޮވިޑާ ހެދި އިގްތިސާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ވެސް ރާއްޖެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިސްކަން ދެއްވީ ބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިއްހީ ނިޒާމުގެ ގާބިލްކަން އިތުރުކުރަން ކަމަށާއި ދުވާލަކު 5،600 ޓެސްޓް ހެދުމުގެ އިންތިޒާމާ އެކު އެ ބަލިން ރައްކާތެރިވުމުގައި ކުރިއެރުންތަކެއް ރާއްޖެ ހޯދި ކަމަށް ވެސް ވިދާޅުވި އެވެ.

މި މަސައްކަތުގައި ސިއްހީ ޚިދުމަތްތެރިން ކުރި ބުރަ މަސައްކަތާއި ރައްޔިތުން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާ އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމާ އެކު ސަރުކާރުގެ މިހާރު އަމާޒަކީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ވެކްސިން ދީ ނިންމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު(މ)، ފަސްޓް ލޭޑީ ފަޒުނާ އަހުމަދު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު(މ)، ފަސްޓް ލޭޑީ ފަޒުނާ އަހުމަދު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އެކަމުގައި މިއަދާ ހަމައަށް ކުރެވުނު މަސައްކަތުން އަޅުގަނޑުމެންނަށް މިވަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑާ ހެދި އިގްތިސާދު ހީނަރުވުމުން ވަޒީފާތައް ގެއްލި، ދިރިއުޅޭ ތަނުގެ ކުއްޔާއި ބިލްތައް ނުދެއްކުމާއި މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ އިތުރަށް ވިޔަފާރިތަކަށް އެރި ލޮޅުމުން ކުރިމަތިވި ކަންބޮޑުވުމާއި ހާސްކަން އެމަނިކުފާނަށް ވެސް ވަޒަންކުރެއްވުނެވެ. އެގޮތަށް ރައްޔިތުން ދޫކޮށްލި ނަމަ ގައުމަށް ކުރިމަތިވާނެ ގެއްލުން ވެސް ސަރުކާރަށް އަންދާޒާ ކުރެއްވުނު ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޭގައި ކޭކުއަޅާ މީހާއިން ފެށިގެން ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށް ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރު ސަރުކާރަށް ފެނުނު ކަމަށެވެ.

އަޅުގަނޑުމެންގެ ވިސްނުމަކަށް ވީ މި ވިޔަފާރިތައް ހަލާކުވިޔަ ނުދީ ހިފެހެއްޓުން. ވަޒީފާއަށް އަސަރުކުރި މީހުންނަށް ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދިނުން. އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން. --ރައީސް

އެކަމަށް ސަރުކާރުން ރިލީފް ޕެކޭޖެއް ތައާރަފްކޮށް މިހާތަނަށް ދީފައިވާ އެހީތަކުގެ ތަފްސީލް ވެސް ރައީސްގެ ތަގުރީރުގައި ހިމެނުއްވި އެވެ.

ހާލަތު ރަނގަޅުކުރަން މިދިޔަ އަހަރު އެޅި ބައެއް ފިޔަވަޅުތައް

- ކުދި ވިޔަފާރިތައް ހަލާކުވިޔަނުދީ ހިފަހައްޓަން އެހީ ފޯރުކޮށްދިނުން.

- ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ކުޑަކުރި މީހުންނަށް ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތް ހޯދައިދިނިން.

- ކޮވިޑާ ހެދި ވަޒީފާ ގެއްލުނު 17،147 މީހަކަށް 221 މިލިއަން ރުފިޔާ ދޫކުރުން.

- އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން.

- ކަރަންޓާއި ފެން ބިލްތަކުން 117 މިލިއަން ރުފިޔާއަށް ވުރެން ބޮޑު އަދަދެއް އުނިކޮށްދިނުން.

- ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި އަމިއްލަ މަސައްކަތް ކުރާ މީހުންގެ އިތުރުން ދިވެހިން ވަޒީފާ ކަށަވަރުކޮށްދޭން ޝަރުތުކޮށް ބޮޑެތި ވިޔަފާރި ހިމެނޭ ގޮތަށް 1 ބިލިއަން ރުފިޔާގެ ލޯން ދޫކުރުން.

- ހައުސިން/މަތީ ތައުލީމްގެ ލޯން ދެއްކުމުގެ މުއްދަތު ފަސްކުރުން.

- ޓޫރިޒަމަށް ދޫކުރި ބިންތަކާއި ރަށްތަކުގެ ކުލި ދެއްކުން ހަ މަހަށް ފަސްކޮށްދިނުން.

- ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯން ދޫކުރުން.

- މަސްވެރިކަން ކުރިއެރުވުމަށް، މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލައި ވިޔަފާރި ތެރެއަށް އާއްމުކޮށް ވަނުމުގެ ފުރުސަތު ހުޅުވާލުން.

- މަސްވެރިކަމުގެ ބޭނުންތަކަށް އެތެރެކުރާ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުން. ބޮޑު ކަންނެލި ގަނެ އެކްސްޕޯޓްކުރާ ހަ ކުންފުންޏަކަށް 55 މިލިއަންގެ ލޯން ދޫކުރުން.

- މިފްކޯ އަށް 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދޫކުރުން.

- އާއިލީ އަޅާލުމާއި ލޯބި ނުލިބި ނިކަމެތި ހާލުގައި ހިޔާތަކުގައި ދިރިއުޅުނު 51 ކުއްޖަކު ރަށްރަށުގެ އަމާން ވެއްޓަށް ބަދަލުކުރުން.

- ކުޅިވަރު ވަސީލަތްތައް، ތާރީޚުގައި ވެސް ތަރައްގީނުވާ މިންވަރަށް ގާއިމްކުރުން.

- އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރަން 26 ރަށެއްގައި އަވިން ކަރަންޓް އުފައްދާ 2.86 މެގަވޮޓްގެ ސޯލާ ޕެނަލްތައް ގާއިމްކުރުން.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް ފާސްކޮށްދިނީ 37.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި ޚަރަދު ކުޑަކުރަން އިސްކަންދިން ކަމަށާއި ކޮވިޑުގެ ޚަރަދުތަކާ އެކު މިދިޔަ އަހަރުގެ ހޭދައަކީ 28.5 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ޚަރަދު ކުޑަކޮށް ޚިދުމަތް ދެމުން އައީ ސިވިލް ސާވިސްގެ އެންމެ މުވައްޒަފަކު ވެސް ވަކިނުކޮށް އަދި މުސާރަ ވެސް އުނިނުކޮށެވެ.

ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތް ކުރެވުނު. ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓު ނުވެ ހިންދެމިލާނެ ފުރުސަތު ލިބުނު. އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު. --ރައީސް

ރައީސް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، އިގްތިސާދު އަލުން އާރާސްތުކުރަން އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ އިގްތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުން ކަމަށާއި އެކަން ހިނގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރުގެ އަމާޒުތަކާއި މިސްރާބު

- އުތުރާއި ދެކުނުގައި ޓޫރިސްޓު ހޮޓަލާއި ގެސްޓް ހައުސް ތަރައްގީކުރުން. އެކަމަށް ބިންތަކެއް ވަނީ ބީލަމަށް ހުޅުވާލާފައި.

- ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަކަށް ކުއްޔަށް ދިނުން.

- ތަރައްގީކުރަމުން މިހާރު އަންނަ ރިސޯޓްތަކާ އެކު މި އަހަރު އަލަށް 18 ރިސޯޓް ހުޅުވި 5،062 އެނދު މާކެޓަށް ނެރުން.

- ޓޫރިޒަމް ދާއިރާ އިން އިތުރު 9،000 ވަޒީފާ އުފެއްދުން.

- ޓޫރިޒަމް ދާއިރާ ފުޅާކުރަން މަދުވެގެން 1،200 ޒުވާނުން ތަމްރީންކުރުން.

- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުން، އެކަމަށް 400 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައި.

- މަސްވެރިކަން ކުރިއަރުވަން ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8،200 މެޓްރިކް ޓަނު އިތުރުކުރުން.

- މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ގދ. ތިނަދޫގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމަށް ތައްޔާރުވުން.

- ރާއްޖޭގައި މުޅިން އަލަށް ކޮންޓްރެކްޓް ފާމިން އުސޫލުން 45 ރަށެއްގައި ދަނޑުވެރިކަން ފެށުން. ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އެގްރޯ ކުންފުނިން އަންނަނީ ތައްޔާރުވަމުން. މިއާ އެކު އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުވާނެ.

- ފެރީ ނިޒާމަކުން ދަތުރުފަތުރު ފަސޭހަކޮށްދިނުން.

- ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށް ޑިސެބިލިޓީ މެނޭޖްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރުން.

- އެލްޑާލީ ވިލެޖެއް އައްޑު އަތޮޅުގައި ގާއިމްކުރުމުގެ މަސައްކަތް ފެށުން.

- ފުލުހުންގެ ޚިދުމަތް ފުޅާކޮށް 42 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމްކުރުން.

- ޑޮލަރު ދަތި ނުވެ ލިބޭނެ ގޮތް ހެދުމަށް ސިޔާސަތުތައް ބަދަލުކުރުން.

- ފަސް ރަށެއްގައި އެއާޕޯޓް ތަރައްގީކުރަން ފެށުން. މ. މުލީގެ އެއާޕޯޓް މި މަހުގެ ތެރޭގައި ހަވާލުކުރެވޭނެ. ހދ. މަކުނުދު އާއި ށ. ބިލެއްފައްސާއި ބ. ތުޅާދު އާއި ވިލުފުށީ އެއާޕޯޓް ވަނީ ބީލަމަށް ލާފައި. - އައްޑު އަށް ކަނޑައަޅާފައި ހުރި ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށުން.

- މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖް ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުން.

- ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ އެޅުމުގެ އަމަލީ މަސައްކަތް ފެށުން. ދެ އަހަރު ތެރޭގައި ގިނަ ރަށްތަކެއްގައި އެކަން ފަށައިފި، 20 ރަށް ފިޔަވައި ހުރިހާ ރަށެއްގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ހަވާލުކުރާނެ.

- ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށެއްގެ ކުނިތައް ހަތް މަސް ތެރޭގައި ސާފުކޮށް ނިންމަން ވެމްކޯއާ ވަނީ ހަވާލުކޮށްފައި. ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ކުނި މެނޭޖްކުރާނެ ވަސީލަތްތައް ތިން ސަރަހައްދެއްގައި ގާއިމްކުރުން.

- މަތީ ތައުލީމްގެ ލޯނަށް ހުޅުވާލުން.

- ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ކާމިޔާބު އެއް ސިޔާސަތު، ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތް ރަށްރަށުގައި ހަރުދަނާކުރުން. ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ދައުރު މި އަހަރު ފުޅާކުރަން މަސައްކަތް ކުރުން.

- ގެވެށި އަނިޔާ އާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުން. މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރަން ވަށައި ޖެހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުން.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފާޅުވި ހަގީގަތަކީ އެކަންކަން ހައްލުކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ދޫކޮށްލެވިފައި ހުރި އިޖުތިމާއީ މައްސަލަތައް ގިނަކަން. ގެވެށި އަނިޔާ އާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ އަވަސް ހައްލަކަށް ބޭނުންވާ ކަންކަން. --ރައީސް

"ތަރައްގީގެ ފަލްސަފާއަކީ ތައުލީމީ ޒުވާން ޖީލެއް ބިނާކުރުން"

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ތަރައްގީގެ ފަލްސަފާއަކީ ގައުމު ކުރިއަރުވައި ތަރައްގީކުރުމަށް، ތަރައްގީގެ ވިސްނުން ހުރި ޒުވާން ތައުލީމީ ޖީލެއް ބިނާކުރުމެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމާއި މަތީ ތައުލީމަށް ހުޅުވާލި ލޯންގެ ފުރުސަތަކީ އެ ޖީލަށްޓަކައި މުހިއްމު އިންވެސްޓެއް ކަމަށާއި ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 9،430 ކުދިންނަށް ތައުލީމްގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑުގެ ސަބަބުން އިގްތިސާދު އެންމެ ބޮޑަށް ހީނަރުވެެގެން ދިޔަ ވަގުތު ވެސް މަތީ ތައުލީމްގެ ސްކޮލަޝިޕްތަކާއި މަތީ ތައުލީމާއި ތަމްރީނުގެ ލޯންތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔައީ އެ ސަބަބަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާދެއްވަނީ.-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާދެއްވަނީ.-- ފޮޓޯ: މަޖިލިސް

ކޮވިޑާ ހެދި މާލެ ލޮކްޑައުންކުރަން ޖެހުނުއިރު ވެސް އޮންލައިންކޮށް ސްކޫލްތައް ކުރިއަށް ގެންދިޔައީ، ރައީސް ވިދާޅުވި ގޮތުގައި، ދަރިވަރުންނަށް ކިޔަވައި ދިނުމަކީ ގައުމު ކުރިއެރުވުމުގެ ބިންގާ ކަމަށް ވާތީ އެވެ.

ރައީސް ވިދާޅުވީ ލޯނަށް މި އަހަރު ހުޅުވާލާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްސަ ކެޓަގަރީއަކާ އެކުގައި ކަަމަށެވެ. އެއީ ގައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދޭން ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާއަށް އައި އިސްލާހުގެ ނަތީޖާ ފެނޭ"

މި ވެރިކަން ފެށުނުއިރު ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތަސް ފަނޑިޔާރުގެތައް އިސްލާހުކުރަން ދެ އަހަރުގެ ތެރޭގައި ކުރި މަސައްކަތުން ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން ދަށު ކޯޓާ ހަމައަށް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޝަރުއީ މަރުހަލާ އަވަސްކޮށް އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރު ކުރުމަށް ސާކިޓް ކޯޓު ތައާރަފްކުރަން ބޭނުންވާ ގާނޫނުގެ ބިލް އެކުލަވާލައި މި އަހަރުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން ގަސްދުކުރަން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު މަޖިލީހުން 35 ބިލެއް ފާސްކޮށްފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ހެޔޮ ވެރިކަމުގެ އުސޫލުން ރާއްޖެ ކުރިއަރުވައި ތަރައްގީކުރަން ބޭނުންވާ އިތުރު ގާނޫނުތަކުގެ ބިލްތައް މި އަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.