Roadha Mihaaru
މާލެއަށް 5،000 ފްލެޓް އަޅަން މި އަހަރު ފަށާނެ

މާލެ އަށް 5،000 ފްލެޓު މި އަހަރު އަޅަން ފަށާނެ: ރައީސް

04 ފެބުރުއަރީ 2021

މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވީ މާލެ އާއި ރަށްރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދޭން ޚާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ވާހަކަ އެވެ. ޅ. ނައިފަރާއި ބ. ތުޅާދު އާއި ތ. ތިމަރަފުށީގައި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ދާއިރު މ. ކޮޅުފުށީގައި މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަަމަށް ވެސް ވިދާޅުވި އެވެ.

އެއިން ކޮންމެ ރަށެއްގައި އަޅަން ނިންމާފައި ވަނީ 100 ހައުސިން ޔުނިޓެވެ.

ރައީސް ވިދާޅުވީ މާލެއަށް އަމާޒުކޮށް ރޭވި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދިމާވި ސަބަބުތަކާ ހެދި މަޑުޖެހުނީ ކަމަށެވެ.

"އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދޭ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 1،000 ފްލެޓުގެ މަސައްކަތް މިހާރު ވެސް ފަށައިފި އެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2،000 ފްލެޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މި ހަފުތާގައި ސޮއިކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ފްލެޓްތަކުގެ މަސައްކަތް ފަށަން ނިންމާފައި އޮތީ މެއި މަހު އެވެ.

"މި ހައުސިން ޔުނިޓްތަކަކީ ކުރިން ތަރައްގީކޮށްފައިވާ ގިންތީގެ ހައުސިން ޔުނިޓްތަކާ އަޅާބަލާއިރު ސައިޒުގެ ގޮތުން ވެސް ތަނަވަސް އަދި ނިސްބަތުން ވެސް އަގު ހެޔޮ ޔުނިޓްތަކަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިތުރު 2،000 ފްލެޓާ އެކު މި އަހަރު ނިމުމުގެ ކުރިން 5،000 ފްލެޓު އިމާރާތް ކުރަން ފަށާނެ އެވެ.

"އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އިތުރު މަޝްރޫއެއް ފެށުމަށް މި އަންނަނީ ޕްލޭންކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވައުދަކީ ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ފްލެޓްތަކާ އެކު ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ހޯދައި ދެއްވުމެވެ،