Roadha Mihaaru
ބޭލް އަށް ރެކޯޑް މުސާރައެއް ދޭން ޓޮޓެންހަމް ދެކޮޅު

ބޭލް އަށް ރެކޯޑް މުސާރައެއް ދޭން ޓޮޓެންހަމް ދެކޮޅު

04 ފެބުރުއަރީ 2020

ލަންޑަން (ފެބްރުއަރީ 4) - ނިމިގެން ދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑްގެ ތަރި ގަރެތު ބޭލް އަލުން ގެންނަން ޓޮޓެންހަމް ހޮޓްސްޕާސް އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ކްލަބުން ނުހިފީ އޭނާ އަށް ރެކޯޑް މުސާރައެއް ދޭން ބޭނުންނުވުމުން މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 4) - ނިމިގެން ދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑްގެ ތަރި ގަރެތު ބޭލް އަލުން ގެންނަން ޓޮޓެންހަމް ހޮޓްސްޕާސް އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ކްލަބުން ނުހިފީ އޭނާ އަށް ރެކޯޑް މުސާރައެއް ދޭން ބޭނުންނުވުމުން މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ފަހަކަށް އައިސް ރެއާލްގައި އުމުރުން 30 އަހަރުގެ ބޭލް އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ އޭނާ ޓީމުން ބަދަލުކުރަން ތަކުރާރުކޮށް ބޭނުންވި ނަމަވެސް އެ ފުރުސަތު ރެއާލުން ނުދެ އެވެ.

މި ސީޒަން ފެށުމުގެ ކުރިން މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް ފަހު ވަގުތު ރެއާލުން ވަނީ އެ ޑީލް ހުއްޓުވައިފަ އެވެ. އެއީ ރެއާލުގެ ކޯޗު ޒިނެދިން ޒިދާންގެ ނިންމުމެކެވެ.

ޔޫރަޕްގެ ކްލަބްތަކުގެ ޓްރާންސްފާގެ ފަހު ދުވަހު ޓޮޓެންހަމުން ވަނީ ލޯން އެއްބަސްވުމަކަށް ބޭލް ގެންދަން ހުށަހަޅައިފަ އެވެ. އެއީ ސީޒަން ނިމުމުން 65 މިލިއަން ޔޫރޯ ދޭ ގޮތަށެވެ. އެ ޑީލް ކުރިއަށް ގެންދަން ރެއާލުން ރުހުން ދީފައިވަނިކޮށް މައްސަލަ ދިމާވީ ޓޮޓެންހަމާއި ބޭލް އަށް މުސާރައަކާ މެދު އެއްބަސްނުވެވިގެންނެވެ. ބޭލް ބޭނުންވީ ހަފްތާ އަކު 550،000 ޕައުންޑެވެ. އެކަމަކު އެއީ މިހާތަނަށް ޓޮޓެންހަމުން އެއްވެސް ކުޅުންތެރިޔަކަށް ދީފައިވާ މުސާރަ އަކަށްނުވާތީ އެ ކްލަބުން އެ މުސާރަ ދޭން އެއްބަސްނުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމްގެ މި ނިންމުމަކީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެންގުމެކެވެ. މޮރީނިއޯ އާއި ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީ ވަނީ އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރަން ގިނަ ޕްލޭންތަކެއް ހަދައިފަ އެވެ.

ޓޮޓެންހަމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައީ ލޯން އެއްބަސްވުމެއްގެ ދަށުން ބެންފީކާ އިން ޖެޑްސަން ފެނާންޑޭސް އާއި ޕީއެސްވީގެ ފޯވާޑް ސްޓީވެން ބާގްވެއިން އެވެ. ޕީއެސްވީން ސީޒަނުގެ ނިޔަލަށް ބާގްވައިން ޓީމުގައި މަޑުކޮށްފިނަމަ ހަ މިލިއަން ޔޫރޯގެ ބޯނަހެއް ހުށަހަޅާފައިވަނިކޮށް އޭނާ އޭގެ އަށް ނޫނެކޭ ބުނެ ޓޮޓެންހަމަށް ބަދަލުވީ 28 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. ބާގްވެއިން ޓޮޓެންހަމަށް ކުޅުނު ފުރަތަމަ މެޗުގައި ވަނީ މެންޗެސްޓާ ސިޓީ ކޮޅަށް ގޯލު ޖަހައިފަ އެވެ.