Roadha Mihaaru
ބޭލް އަށް ރެއާލް ސްކޮޑުން ޖާގައެއް ނެތް

ބޭލް އަށް ރެއާލް ސްކޮޑުން ޖާގައެއް ނެތް

06 އޯގަސްޓް 2020

މެޑްރިޑް (އޮގަސްޓް 6) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ރެއާލް މެޑްރިޑްގެ ސްކޮޑުން ގަރެތު ބޭލް ބާކީކޮށްފި އެވެ.

މެޑްރިޑް (އޮގަސްޓް 6) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ރެއާލް މެޑްރިޑްގެ ސްކޮޑުން ގަރެތު ބޭލް ބާކީކޮށްފި އެވެ.

ސިޓީ ދަނޑުގައި މާދަމާރޭ ކުޅޭ މެޗަކީ ރެއާލް މޮޅުވުން މަޖުބޫރު މެޗެކެވެ. އެއީ ފެބްރުއަރީ މަހު ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ސިޓީ 2-1 އިން މޮޅުވެފައި އޮތުމުންނެވެ. ރެއާލް ސްކޮޑުގައި މި ވަގުތު ތިބި ކުޅުންތެރިންނަށް ބަލާއިރު ބޭލް އަކީ އިންގްލެންޑްގައި ކުރިން ކުޅުނު މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ސިޓީ މެޗަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑުން ބޭލް އަށް ރެއާލް ފުރުސަތު ނުދޭއިރު، ސިޓީ މެޗަށް ދިޔަ ޓީމުގައި މި މެޗަށް ސަސްޕެންޑްވެފައިވާ ކެޕްޓަން ސާޖިއޯ ރާމޯސް ހިމެނެ އެވެ.

މި އަހަރު ތެރޭ ރެއާލް އިން ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތަކުން ބޭލް އަށް ޓީމުން ފުރުސަތު ދިނީ ފަސް ފަހަރު އެވެ. އަދި ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު މިދިޔަ ޖޫން މަހު އަލުން ސްޕެއިނުގެ ފުޓްބޯޅަ ސީޒަން ފެށި ފަހުން ކުޅުނު މެޗުތަކުގައި ބޭލް ބޭނުންކުރީ ދެ ފަަހަރު އެވެ. ފުރަތަމަ އެގާރައިގައި ކުޅުނީ އެންމެ މެޗެކެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާނާއި ބޭލްއާ ދެމެދު ގުޅުން ގޯސް ވާހަކަ މީޑިއާގައި ދެކެވެ އެވެ. އެކަމަކު މީޑިއާ އިން ޒިދާންއާ އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނަނީ މަސައްކަތްކުރާ ކޮންމެ ކުޅުންތެރިއަކަށް ވެސް ޓީމުން ފުރުސަތު ލިބޭނެ ކަމަށާއި އޭނާ ބަލަނީ ހަމައެކަނި ނަމަކަށް ނޫން ކަމަށެވެ.

ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް ފަހު ވަގުތު ރެއާލުން ވަނީ އެ ޑީލް ހުއްޓުވައިފަ އެވެ. އެއީ ރެއާލުގެ ކޯޗު ޒިނެދިން ޒިދާންގެ ނިންމުމެކެވެ. މި ފަހަރުގެ ސީޒަން ނިމުމާ އެކު ބޭލް ރެއާލް ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަ އޭނާގެ އޭޖެންޓް ޖޮނަތަން ބާނެޓް ވަނީ ދޮގުކޮށްފަ އެވެ.

ބޭލްގެ އިތުރުން މި ފަހަރު ސްކޮޑުން ފުރުސަތު ނުލިބުނު އަނެއް ކުޅުންތެރިއަކީ ހަމޭސް ރޮޑްރިގޭޒް އެވެ. ރިޕޯޓްތައް ބުނާގޮތުން ހަމޭސް އަންނަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން މަޝްވަރާކުރަމުންނެވެ. އެތުލެޓިކޯ އިން ވަނީ ހަމޭސްގެ ސޮއި ހޯދަން 22 މިލިއަން ޑޮލަރުގެ ބިޑް ކޮށްފަ އެވެ.