Roadha Mihaaru
ދިދަ މައްސަލައިގައި ޒިދާން ވާހަކަ ނުދެއްކި

ދިދަ މައްސަލައިގައި ޒިދާން ވާހަކަ ނުދެއްކި

23 ނޮވެމްބަރ 2019

މެޑްރިޑް (ނޮވެމްބަރު 23) - ޔޫރޯ ކޮލިފައިންގައި ގަރެތު ބޭލް އާއި ވޭލްސް ކުޅުންތެރިން މަޖާޒީ ގޮތަކަށް މެޑްރިޑަށް ނިސްބަތްވާފަދަ ބަސްތަކެއް ލިޔެފައިވާ ދިދައެއް ގެންގުޅުނު މައްސަލައިގައި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ނުރުހުން ބޭލް އަށް އަމާޒުވެފައިވީ ނަމަވެސް އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ނޮވެމްބަރު 23) - ޔޫރޯ ކޮލިފައިންގައި ގަރެތު ބޭލް އާއި ވޭލްސް ކުޅުންތެރިން މަޖާޒީ ގޮތަކަށް މެޑްރިޑަށް ނިސްބަތްވާފަދަ ބަސްތަކެއް ލިޔެފައިވާ ދިދައެއް ގެންގުޅުނު މައްސަލައިގައި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ނުރުހުން ބޭލް އަށް އަމާޒުވެފައިވީ ނަމަވެސް އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ބޭލް ހިފައިގެން ހުރި އެ ދިދައިގައި ޖަހާފައިވަނީ "ވޭލްސް. ގޮލްފް، މެޑްރިޑް. އިން ދެޓް އޯޑާ" މިހެންނެވެ. އެ ދިދައާ ބެހޭގޮތުން ސްޕެއިންގެ ނޫސްތަކުން ބޭލް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ރެއާލްގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޕެޖާ މިޔަޓޯވިޗް ބުނީ މީގެ އިން ދޭހަވަނީ ބޭލްގެ ޝައުގުވެރިކަން ހުރި ގޮތް ކަމަށެވެ. އެގޮތުން ބޭލް ފުރަތަމަ ބޭނުންވަނީ ވޭލްސް ކަމަށާއި އެ އަށް ފަހު ގޮލްފް ކުޅުން ކަމަށްވާއިރު، މެޑްރިޑް އަންނަނީ އެއަށް ވުރެ ފަހުން ކަން އޭގެން ސިފަވާ ކަމަށް އޭނާ ބުންޏެވެ.

ގޮލްފް ކުޅެން ހާއްސަ ޝައުގުވެރިކަމެއް ހުންނަ ބޭލްއާ ދިމާކޮށްލުމަށް ރެއާލްގެ ބައެއް ސަޕޯޓަރުން ގޮލްފްގެ ވާހަކަތައް ހިމެނޭގޮތަށް ދަނޑުގައި އަޑުއުފުލަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ދިދައިން ބޭލް ދޭން ބޭނުންވާ މެސެޖަކީ ސަޕޯޓަރުގެ ކަންތައްތަކަށް އޭނާގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އެކަމަކު ބޭލްގެ އޭޖެންޓް ވަނީ މިއީ ރެއާލް ސަޕޯޓަރުންނާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ވޭލްސް މެޗުގެ ތެރެއިން ބޭލް (މ) އެ ޓީމުގެ ކުޅުންތެރިންނާ އެކު މައްސަލަ ބޮޑުވި ދިދަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ވޭލްސް މެޗުގެ ތެރެއިން ބޭލް (މ) އެ ޓީމުގެ ކުޅުންތެރިންނާ އެކު މައްސަލަ ބޮޑުވި ދިދަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ޒިދާން ބުނީ އޭނާ އެ ފަދަ ކަންތައްތަކަކީ އޭނާ އަށް މުހިއްމު ކަމެއް ނޫން ކަަމަށެވެ.

"އެއީ ކްލަބުން ބޭރުގެ ކަމެއް. އަހަރެމެން އަބަދުވެސް ވިސްނުން ހުންނާނީ ކްލަބްގެ ކަންތައްތަކުގައި. އަހަރެންގެ ޝައުގުވެރިކަމެއް ނެތް އެހެން ކަންތައްތަކާ މެދު. ބޭލް ރަނގަޅަށް ޓްރެއިނިންތަކުގައި ބައިވެރިވެއްޖެ. އޭނާ އަކީ މި ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިޔެއް. ބޭރުގައި ހިނގާ ކަންތައްތަކާ މެދު ވާހަކަ ދައްކަން ޝައުގުވެރިވާ ގިނަ ބަޔަކު ހުރެދާނެ. އެކަމަކު އަހަންނަކީ އޭގެ މީހެއް ނޫން،" ޒިދާން ބުންޏެވެ.

ރެއާލުގެ ކޯޗު ޒިދާނާއި ބޭލްގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށް ބުނެ، ސްޕެއިނުގެ މީޑިއާގައި ގިނަ ވާހަކަތަކެއް އަބަދުވެސް ދެކެވެ އެވެ. އަދި ބޭލް އެ ޓީމުގައި މަޑުކުރުވަން ޒިދާން ބޭނުންނުވާ ކަމަށް ތުހުމަތުކޮށް އެ ސުވާލުތައް ވެސް ނޫސްވެރިން އޭނާއާ ކުރިމަތިކުރެ އެވެ. މި ސީޒަން ފެށުމުގެ ކުރިން ބޭލް ޗައިނާގެ ޖިއާންސޫ ސަނިން އަށް ސޮއިކުރަން ނިންމާފައިވަނިކޮށް ފަހު ވަގުތު ރެއާލުން ވަނީ އެ ޑީލް ހުއްޓުވައިފަ އެވެ.