Roadha Mihaaru
ޝިދާތާގެ އިސްތިއުފާއަކީ ހިތްވަރުގަދަ އަމަލެއް:އަދާލަތު

އިސްތިއުފާއަކީ ޝިދާތާގެ ހިތްވަރުގަދަ އަމަލެއް: އަދާލަތު

09 ފެބުރުއަރީ 2020

ޖެންޑާ މިިނިސްޓަރުކަމުން ޝިދާތާ ޝަރީފް އިސްތިއުފާދެއްވުމަކީ ހިތްވަރުގަދަ އަމަލެއް ކަަމަށް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖެންޑާ މިިނިސްޓަރުކަމުން ޝިދާތާ ޝަރީފް އިސްތިއުފާދެއްވުމަކީ ހިތްވަރުގަދަ އަމަލެއް ކަަމަށް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަމުގެ އަޑުތަކާ އެކު، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަ އެދުވަހު އޭނާއަށް ތައުރީފުކުރެއްވި އެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާއަކީ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ޕާޓީއަށާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާން މިނެކިރޭވަރަށް ވުރެ ބޮޑު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި އިރު 2018 ވަނަ އަހަރު، އަދާލަތުގެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި އިރު 2018 ވަނަ އަހަރު، އަދާލަތުގެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ ޝިދާތާ އިސްތިއުފާދެއްވި ދެއްވުން އެޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށެވެ. އެއީ ޖެންޑާ މިނިސްޓްރީގެ އިތުބާރު ދަމަހައްޓަން ދެއްވި ފުރުސަތެއް ކަމަށާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރަން އޭނާ ބުރަކޮށް މަސަައްކަތްކުރައްވަައި، އެޅުއްވި ފިޔަވަަޅުތައް ކާމިޔާބު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އެކަމަނާ އެ މަސަައްކަތް ކުރެއްވުމެއްވުމުގައި ގެންގުޅުއްވި އިޚުލާސްތެރިކަމާއި ހަރުދަނާކަން މި ޕާޓީން ނިހާޔަތަށް ބަލައިގަންނަމެވެ،" އަދާތުގެ ބަޔާނުގައި ބުންޏެވެ.

އަދާލަތުން ބުނި ގޮތުގައި އޭނާއަކީ މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި މިނިސްޓަރުކަމުގައި ހުންނަވައިގެން ވެސް ރައްޔިތުންގެ ހާލު ބައްލަވައި، އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ބަޔާނެއްގައި ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ސަރުކާރަށް ރައްޔިތުންގެ އިތުރުބާރު ކުޑަވިޔަ ނުދޭން މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިޔަސް މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކާ އެކު ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ހަރުދަނާ ގޮތެއްގައި މި ވުޒާރާ ހިންގި ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނަށް އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅު ވުމެވެ. އަދި މިނިސްޓްރީއާ މެދު ދައުލަތާއި ރައްޔިތުންގެ އިތުބާރު އިތުރުވެގެން ދިއުމެވެ،" ޝިދާތާގެ ބަޔާނުގައި ވިދާޅުވި އެވެ.

ޝިދާތާ އިސްތިއުފާދެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖެންޑަ މިނިސްޓަރު ކަމަށް، އިންޑިއާގައި މިހާތަނަށް ހުންނެވި ރާއްޖޭގެ ހައި ކޮމިޝަނަރު އައިޝަތު މުހައްމަދު ދީދީ އައްޔަންކުރައްވައިފަ އެވެ.