Roadha Mihaaru
"ޗަރުކޭހެއް" ކަން ސާފު، އިމްރާން ދޫކޮށްލާ: އަދާލަތު

"ޗަރުކޭހެއް"ކަން އދ. އިން ސާފުކޮށްދީފި، އިމްރާން ދޫކޮށްލާ: އަދާލަތު

15 ފެބުރުއަރީ 2018

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވީ ޝަރީއަތުގެ ނަމުގައި ހިންގި "ސިޔާސީ ޗަރުކޭހަކުން" ކަން މުޅި ދުނިޔެ އަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ސާފުކޮށްދީފައިވާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވީ ޝަރީއަތުގެ ނަމުގައި ހިންގި "ސިޔާސީ ޗަރުކޭހަކުން" ކަން މުޅި ދުނިޔެ އަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ސާފުކޮށްދީފައިވާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އިމްރާނަށް ބޭއިންސާފުން އަނިޔާދެމުންދާ ކަމަށް އދ.ގެ ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް ނިންމައި، ވަގުތުން މިނިވަންކުރަން އެ ގްރޫޕުން ވަނީ ގޮވާލައިފަ އެވެ. އަދި މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އދ.ގެ ނިންމުމާ އެއްގޮތަށް އިމްރާން ދޫކޮށްލަން ގޮވާލައި އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވީ އދ.ގެ ނިންމުމާއެކު އިމްރާން އިތުރަށް ބަންދުކޮށްގެން ގެންގުޅެން ސަރުކާރަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އިމްރާން މިނިވަންކުރަން އދ. އިން މި ގޮވާލީ އޭނާ މިނިވަންކުރަން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި އަމުރެއް ނެރުއްވާފައި އޮއްވައި ކަން އެ ޕާޓީން ފާހަގަކުރި އެވެ.

އަދާލަތު ޕާޓީގެ ނިއުސް ކޮންފަރެންސެއްގައި އަލީ ޒާހިރު (މ) ސިދާތާ (ކ) އަދި އަނާރާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަދާލަތު ޕާޓީގެ ނިއުސް ކޮންފަރެންސެއްގައި އަލީ ޒާހިރު (މ) ސިދާތާ (ކ) އަދި އަނާރާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ޕާޓީގެ ނައިބު ރައީސް އަދި އިމްރާންގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ އެ އަމުރުން ދައުލަތް ހިންގުން އޮޅުން ބޮޅުވާ ކަމަށް ބުނެ ދެ ފަނޑިޔާރަކު ހައްޔަރުކޮށް، ތިން ފަނޑިޔާރުން ލައްވައި ބާތިލްކުރިކަމަށް އިއުލާންކުރިޔަސް އެ އަމުރު ދެމި އޮންނާނެ ކަމަށެވެ. އެ އަމުރަށް ތަބާނުވާން ސަރުކާރުން ހިންގަމުންދާ ޣައިރު ގާނޫނީ ކަންކަން ހުއްޓާލައި، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެ އިމްރާން ދޫކޮށްލަން އޭނާ ގޮވާލެއްވި އެވެ.

"އަމުރު ނެރުމާއެކު އެ ހިނދުން އެ ހިނދަށް ޝޭހް އިމްރާން އަބްދުﷲ އެ ވަނީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅިފައި. އެކަމަކު އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވަކީލުގެ ބައްދަލުވުމަށް ފުރުސަތެއް ލިބިފައެއް ނުވޭ. އާއިލީ ބައްދަލުވުމާއި ފޯނުކޯލަށް ފުރުސަތެއް ލިބިފައެއް ނުވޭ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެބުރުއަރީ 1ގެ އަމުރާއެކުު އިމްރާން ވަނީ ހުރިހާ ހައްގުތަކުން މަހްރޫމްކޮށްފަ އެވެ. އޭގެ ފަހުން އިމްރާން ހުންނެވީ ކޮންތާކު ކަމެއް، ކޮން ހާލެއްގައި ކަމެއް ވެސް ސާފު ނުވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އިމްރާނާ ބައްދަލުކުރުން ވަކީލުންނާއި އާއިލާ އަށް މަނާކޮށްފައިވާއިރު އޭނާގެ ސިއްހީ ހާލަތާ ދޭތެރޭ އެ ޕާޓީން ކަންބޮޑުވުންފާޅުކުރި އެވެ. އިމްރާންގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ބަންދުން ދޫކޮށްލަން މީގެ ކުރިން ކޯޓުން އަމުރުކޮށް އދ.ގެ ނިންމުމުގައި ވެސް ފާހަގަކޮށްފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކާ އެކު އަނިޔާވެރިކަން ކުރިއަށް ނެރެ، ގާނޫނާ ޚިލާފަށް ސަރުކާރުން އަމަލުކުރާ ތަން މި ފެންނަނީ. މިކަމުގައި ރައްޔިތުން އިހުތިޖާޖްކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށްގެން ހިންގާ އަމަލުތަކާއި ގާނޫނުއަސާސީ އަށް ސަރުކާރުން ގޮންޖަހައި ހިންގާ އަމަލުތަކާ ހެދި ވެރިކަމުގެ ސައްހަ ކަން ވެސް ވަނީ ގެއްލިފަ އެވެ. އިމްރާން ޖަލަށް ލީ، ސަރުކާރުގެ އަމާޒު އޮތީ އެގޮތަށް ކަމަށް އެނގިވަޑައިގެން އެ ވާހަކަ ދެއްކެވުމުން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އިމްރާން ޖަލަށް ލީ ގާނޫނުއަސާސީން ލިބިދީފައިވާ ވަރަށް އަސާސީ ހައްގެއް ބޭނުން ކުރެއްވުމުން ކަމަށެވެ. އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓާއި އދ.ގެ ވޯކިން ގްރޫޕުން ނިންމި ނިންމުން މިހާތަނަށް ތަންފީޒު ނުކުރުމަކީ ކަންބޮޑުވުމެއް ކަމަށް އަނާރާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމް މިވަނީ ވަރަށް ބޮޑަށް ގަޑުބަޑުވެފައި. މިކަމާ ވިސްނައި ރައްޔިތުން ވެސް މިކަން ހައްލުކުރަން އިސްލާހުކުރަން މަސައްކަތް ކުރަން ޖެހޭ. ވަރަށް ބޮޑަށް އޮޅުންބޮޅުވެ، މުއައްސަސާތަކަށް އިތުބާރު ގެއްލޭ ގޮތަށް ކަންތައް ވަމުން މި އަންނަނީ،" އިމްރާން މިނިވަންކުރަން ގޮވާލައްވަމުން އަނާރާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ ރައީސާ ސިދާތާ ޝަރީފް ވިދާޅުވީ އިމްރާނަށް އިންސާފުވެރި ޝަރީއަތަކަށް ފުރުސަތު ދީފައި ނުވާ ކަމާއި އޭނާއާ ދޭތެރޭ އަމަލުކުރަމުން އަންނަނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފަށް ކަން ވޯކިން ގްރޫޕުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

"އެއްވެސް ހުއްޖަތެއް އެއްވެސް އަސާސެއް ނެތް މިހާރަކު ނެތް، ޝޭހް އިމްރާން ބަންދުގައި ގެންގުޅޭކަށް،" ސިދާތާ ވިދާޅުވި އެވެ.

އިމްރާނަށް 12 އަހަރުގެ ހުކުމެއް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ.