Roadha Mihaaru
ބަރެސްދޫން ގެސްޓް ހައުސްއެއް 10،000 ޑޮލަރަށް

ބަރެސްދޫގައި ހަދާ ގެސްޓް ހައުސްއެއް މަހަކު 10،000- 18،000ޑޮލަރަށް

13 ސެޕްޓެމްބަރ 2017

ގެސްޓް ހައުސް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ލ. ބަރެސްދޫގައި ހަދާ ގެސްޓް ހައުސްއެއް މަހަކު 10،000 ޑޮލަރަށާއި 18،000 ޑޮލަރަށް ކުއްޔަށް ދޭން އެމްއައިޓީޑީސީން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގެސްޓް ހައުސް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ލ. ބަރެސްދޫގައި ހަދާ ގެސްޓް ހައުސްއެއް މަހަކު 10،000 ޑޮލަރަށާއި 18،000 ޑޮލަރަށް ކުއްޔަށް ދޭން އެމްއައިޓީޑީސީން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

ބަރެސްދޫ ތަރައްގީކޮށް ހިންގާ ކުންފުނިން ބުނީ އެ ރަށުގައި ހަދާ ގެސްޓް ހައުސްތަކުގެ އިތުރުން 100 އެނދުގެ ދެ ހޮޓެލް ކުއްޔަށް ދޭނީ ހޮޓަލެއް މަހަކު 45،000 ޑޮލަރަށް ކަމަށެވެ.

މަހަކު 10،000 ޑޮލަރަށް ކުއްޔަށް ދެނީ އެރަށުގައި ހަދާ 35 ކޮޓަރީގެ ގެސްޓް ހައުސްތަކެވެ. އަދި 60 ކޮޓަރީގެ ގެސްޓް ހައުސްއެއް ކުއްޔަށް ދެނީ މަހަކު 18،000 ޑޮލަރަށެވެ.

"އަޅުގަނޑުމެން އެ ގެސްޓްހައުސްއެއް ކުއްޔަށް ދޭނީ ކުއްޔަށް ހިފާ ފަރާތުން ބޭނުންވާ ގޮތަށް ތަން އިމާރާތްކުރުމަށް ފަހު. އޭރުން އެތަން ހުންނާނީ ކުއްޔަށް ހިފައިގެން ހިންގަން ފެށޭ ގޮތަށް،" އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫގައި ހަދާ ގެސްޓްހައުސްތަކާ ބެހޭ މައުލޫމާތު ހޯދަން ގޮސް ތިބި ބައެއް މީހުން މަޑުކޮށްލައިގެން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ބަރެސްދޫގައި ހަދާ ގެސްޓްހައުސްތަކާ ބެހޭ މައުލޫމާތު ހޯދަން ގޮސް ތިބި ބައެއް މީހުން މަޑުކޮށްލައިގެން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އޭނާ ވިދާޅުވީ ތަފާތު ކޮންސެޕްޓަކަށް ތަރައްގީކުރާ ރަށުގެ އިމާރާތްތައް މި އަހަރުގެ ތެރޭގައި ފަށައި 18 މަސް ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.

އެ ކުންފުނިން ވަނީ ބަރެސްދޫގައި ހަދާ ގެސްޓްހައުސްތަކާއި ހޮޓާތައް ކުއްޔަށް ދިނުމާ ބެހޭ މައުލޫމާތު ދޭން މިއަދު ބައްދަލުވުމެއް ބާއްވައިފަ އެވެ. އޭގެ އިތުރުން އެ ރަށުގައި ހަދާ ތަންތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވެސް ވިއްކި އެވެ.

އެ މަޝްރޫއުގެ ބިޑް ފޮތްތައް ވިއްކުން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ބިޑު ފޮތެއް 3،000ރ. އަށް ވިއްކާއިރު ބިޑު ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހުން އެވެ.

ބަރެސްދޫގައި 11 ރެސްޓޯރެންޓާއި ފިހާރަ ފަދަ ވިޔަފާރިކުރާ 40 ތަން ހުރެ އެވެ.