Roadha Mihaaru
އިގުތިސާދު ދަށްވިޔަސް މަޝްރޫއުތައް ކުރިއަށްދާނެ: އަމީރު

ވައިރަސް ފެތުރޭތީ އިގުތިސާދު ދަށްވިޔަސް މަޝްރޫއުތައް ކުރިއަށް ދާނެ: އަމީރު

12 ފެބުރުއަރީ 2020

ކޮރޯނާވައިރަހާ އެކު ޗައިނާ އާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުމުގެ އަސަރު ރާއްްޖޭގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުން މި އަހަރަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް ކަމެއް ހުއްޓައިލުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮރޯނާވައިރަހާ އެކު ޗައިނާ އާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުމުގެ އަސަރު ރާއްްޖޭގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުން މި އަހަރަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް ކަމެއް ހުއްޓައިލުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

ވަަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ދައުލަގެ ހަރަދު ކުޑަކުރަން ނިންމާފައި ވަނީ ރިކަރެންޓް ހަރަދުގެ ތެރެއިން ކަމަށެވެ.

މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަަލީމް ސުވާލު ކުރެއްވީ "ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ އާމްދަނީއަށް ގެއްލުންވަމުން ދާކަން ފާހަގަކުރެއްވޭތޯ އާއި މި އަހަރަށް ރާވާފައިވާ އެއްވެސް މަޝްރޫއުތަކަށް އެކަމުގެ އެއްވެސް އަސަރެއް ކުރާނެތޯ" އެވެ. އަދި އެއްވެސް މަޝްރޫއެއް މަޑުޖައްސާލާފައި ވާނެތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އާމްދަނީ އަށް އަސަރުކުރާނެ ކަމަށެވެ. ނަމަވެސް މި އަހަރަށް ބަޖެޓްކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެން ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓްތައް އެއްވެސް ވަރަކަށް ހުއްޓައިލުމަށް، އެކަހަލަ އެއްވެސް ވިސްނުމެއް ނެތް. އިރާދަކުރެއްވިއްޔާ ހަމަ ބަޖެޓްގައި ހިމެނިފައިވާ ގޮތަށް ޕްރޮޖެކްޓްތައް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާމްދަނީ މި އަހަރު ދަށްވާނެ ކަމަށް ބެލެވެނީ ކުޑަ މިންވަރަކަށެވެ. ނަމަވެސް ދަށްވާ މިންވަރު ފެންނަން ފަށާނީ ދެތިން ހަތަރު މަސް ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމިރާ ސުވާލުކުރައްވަނީ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމިރާ ސުވާލުކުރައްވަނީ.

ޗައިނާގެ ވޫހާން އިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހާހަކަށް ވުރެ މަތިވެފަ އެވެ. އަދި އެ ވައިރަސް އެރި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 45،000 އަށް އަރައިފަ އެވެ.

އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ޗައިނާ އިންނެވެ. މިދިއަ އަހަރު ޗައިނާ އިން އައި ޓޫރިސްޓުގެ އަދަދު އުޅެނީ 260،000 އަށް ވުރެ މަތީގަ އެވެ.

އެކަމަކު ބައްޔާ ގުޅިގެން ޗައިނާ އިން މީހުން އައުން ރާއްޖެ އިން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން ޗައިނާގެ ގިނަ އަދަދެއްގެ ޓޫރިސްޓުންގެ ބުކިންސް ކެންސަލްކުރި އެވެ.

ޗައިނާގެ ބައެއް ސިޓީތައް ބަންދުކޮށް، ފެކްޓްރީތައް ހުއްޓިފައި ވާތީ ޗައިނާގެ އިގުތިސާދަށް އޭގެ ނުބައި އަސަރު ދަނީ ކުރަމުންނެވެ. ޗައިނާގެ އިގުތިސާދަށް މަޑުޖެހުމެއް އަތުވެއްޖެ ނަމަ ދުނިޔޭގެ އިގުތިސާދަށް ވެސް އޭގެ ނުބައި އަސަރުކުރާނެ ކަމަށް އަމީރު ވެސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ދުނިޔޭގެ އިގުތިސާދުގެ ފެކްޓްރީއަކީ ޗައިނާ. ޗައިނާގެ މާކެޓަށް، ޗައިނާގެ އިގުތިސާދަށް އަންނަ ކޮންމެ ލޮޅުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގުތިސާދަށް އަންނާނެ ލޮޅުމެއް،" އޭނާ ވިދާޅުވި އެވެ.