Roadha Mihaaru
ރޮނާލްޑޯ ފަހު ވަގުތު ޔުވެންޓަސް ސަލާމަތްކޮށްދީފި

ރޮނާލްޑޯ ފަހު ވަގުތު މިލާން އަތުން ޔުވެންޓަސް ސަލާމަތްކޮށްދީފި

14 ފެބުރުއަރީ 2020

މިލާން (ފެބްރުއަރީ 14) – ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީއަކުން ވައްދާލި ގޯލުން ޔުވެންޓަސް އިން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާނާ 1-1 އިން އެއްވަރުކޮށްފި އެވެ.

މިލާން (ފެބްރުއަރީ 14) – ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީއަކުން ވައްދާލި ގޯލުން ޔުވެންޓަސް އިން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާނާ 1-1 އިން އެއްވަރުކޮށްފި އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމެއް ފައިނަލަށް ދާނެ އެވެ. އެ މެޗު 0-0 އިން އެއްވަރުވެއްޖެ ނަމަ ފުރުސަތު ލިބޭނީ ޔުވެންޓަސް އަށެވެ. އެ މެޗު 1-1 އިން އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހޭނެ އެވެ. އެ ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ފުރުސަތު ލިބޭނީ މިލާނަށެވެ. އަނެއް ސެމީގެ ފުރަތަމަ ލެގުން ނަޕޯލީން ވަނީ ބުދަ ދުވަހުގެރޭ ސެން ސީރޯގައި އިންޓަ މިލާން 1-0 އިން ބަލިކޮށްފަ އެވެ. އެ މެޗުގެ ދެ ވަނަ ލެގު އޮންނާނީ ނޭޕްލްސްގައި އަންނަ މަހުގެ 5 ވަނަ ދުވަހުގެރެ އެވެ.

ސެމީގެ ދެ ވަނަ ލެގާ ކުރިމަތިލާއިރު އޭސީ މިލާނަށް އޮތް ބޮލުގެ ރިހުމަކީ އެ ޓީމުގެ އެންމެ މުހިއްމު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗާއި ވިންގާ ސަމޫ ކަސްޓިލޭހޯ އަދި ފުލްބެކް ތެއޯ ހެނާންޑޭޒް އެ މެޗަށް ސަސްޕެންޑްވުމެވެ. ތިން ކުޅުންތެރިން ވެސް ސަސްޕެންޑްވީ ރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑުތަކާ އެކު އެވެ. އަދި މީގެ ތެރެއިން ހެނާންޑޭޒަށް ފަހުން ވަނީ ރަތްކާޑެއް ވެސް ދައްކައިފަ އެވެ.

މިލާނުން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ދިޔައީ ލަނޑެއް ނުފެނި އެވެ. އެކަމަކު މިލާނުގެ ޑެވިޑޭ ކަލަބްރިއާ އާއި އަންޓެ ރެބިޗް ވަނީ ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފަ އެވެ. އެ ޓީމުން ލީޑު ނެގީ 61 ވަނަ މިނެޓުގައި ރެބިޗް ޖެހި ގޯލުންނެވެ. މިއީ މި ސީޒަނުގައި އެއިންޓްރެކްޓް ފްރެންކްފަޓުން މިލާނާ ލޯނެއްގެ ދަށުން ގުޅި ސީޒަނުގެ ކުރީކޮޅު ފުރުސަތުތަކެއް ނުލިބުނު ފޯވާޑް އެންމެ ފަހުން ކުޅުނު ހަ މެޗުން ޖެހި ފަސް ވަނަ ގޯލެވެ.

މިލާނަށް ލީޑު ހިފަހައްޓަން އުނދަގޫވީ 71 ވަނަ މިނެޓުގައި ހެނާންޑޭޒް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން އެއް ކުޅުންތެރިޔަކު މަދުވުމުންނެވެ. އެގޮތުގައި މި މެޗުން ޔުވެންޓަސް ސަލާމަތްވީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. މިއީ ރޮނާލްޑޯ ވެއްޓިގެންފައި ފޮނުވާލި ބައިސިކަލް ކިކެއް، މިލާނުގެ ކަލަބްރިއާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އޭރިއާ ތެރެއަށް ހުރަސްވި އެ ބޯޅަ ރޮނާލްޑޯ އަށް ލިބި ފޮނުވާލިއިރު ކަލަބްރިއާ ހުރީ އެ ބޯޅަ އޭރިއާ ތެރެއަށް ހުރަސްވާ ވަގުތު ބޮލުން ދިފާއުކުރަން އަރައި ރޮނާލްޑޯ އަށް ފުރަގަސްދީގެންނެވެ. އެހެންވެ ރޮނާލްޑޯ އަށް އަށް ފުރަގަސްދީގެން ހުރި ކުޅުންތެރިޔަކަށް، އޭނާ ބޯޅައިގައި ޖަހާ މަންޒަރު ނުވެސް ފެނި އެ ބޯޅަ ހުއްޓުވަން ބޯޅައިގައި އަތްލާނެ ގަސްދެއް ނޯންނާނެ ކަމަށް ބުނެ އެ ޕެނަލްޓީއާ މެދު މިލާނުން ވަނީ ސުވާލު އުފައްދައިފަ އެވެ.