Roadha Mihaaru
"ޕެރަސައިޓް" ގެ ޑައިރެކްޓަރާ އެކު ޕެޓިންސަން

"ޕެރަސައިޓް" ގެ ޑައިރެކްޓަރާ އެކު ޕެޓިންސަން

21 ޖެނުއަރީ 2022

ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ޕެރަސައިޓް" އިން އޮސްކާ އެވޯޑްސްގެ ތާރީހު ވެސް ބަދަލުކޮށްލި ދެކުނު ކޮރެއާގެ ކުޅަދާނަ ޑައިރެކްޓަރު ބޮންގް ޖުން ހޯގެ އާ ފިލްމުގެ ބަތަލުގެ ރޯލު ރޮބަޓް ޕެޓިންސަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ޕެރަސައިޓް" އިން އޮސްކާ އެވޯޑްސްގެ ތާރީހު ވެސް ބަދަލުކޮށްލި ދެކުނު ކޮރެއާގެ ކުޅަދާނަ ޑައިރެކްޓަރު ބޮންގް ޖުން ހޯގެ އާ ފިލްމުގެ ބަތަލުގެ ރޯލު ރޮބަޓް ޕެޓިންސަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ވޯނާ ބްރަދާސްއާ ގުޅިގެން ހަދަން ނިންމާފައިވާ މި ފިލްމަކީ ލިޔުންތެރިޔާ އެޑްވަޑް އޭޝްޓަން އަންނަ މަހު ނެރެން ތައްޔާރުވަމުން އަންނަ ވާހަކަ "މިކީ7" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. ޑެޑްލައިނުން ބުނި ގޮތުގައި އޭގެ ރައިޓްސް ހޯދައިގެން ބޮންގް އާ ފިލްމު ހަދަން ތައްޔާރުވާ އިރު މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އޭނާ ބައިވެރިވާނެ އެވެ.

"މިކީ7" އަކީ ސައިންސް ފިކްޝަން ޖޯންރާގެ ވާހަކައެކެވެ. މިއަށް ބިނާކޮށް ހަދާ ފިލްމު "ޓުވައިލައިޓް" ސާގާ އިން ވިދި އެކްޓަރަށް ހުށަހަޅާފައިވާ އިރު، އޭނާ 2020 ގައި ވެސް ސައިންސް ފިކްޝަން އެކްޝަން ތުރިލާއަކުން ފެނިފައިވެ އެވެ. އެއީ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ "ޓެނެޓް" އެވެ.

ޕެޓިންސަން، 35، ގެ ކުރިއަށް އޮތް ފިލްމަކީ މާޗް ހަތަރަކަށް ތާވަލުކޮށްފައި އޮތް "ދަ ބެޓްމޭން" އެވެ.

ނުފޫޒު ގަދަ ޑައިރެކްޓަރެއްގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ ބޮންގް އާ ފިލްމަކަށް ތައްޔާރުވާ އިރު، އޭނާގެ "ޕެރަސައިޓް" އަކީ 2020 ގެ އޮސްކާގެ މޮޅު ފިލްމާއި މޮޅު ޑައިރެކްޓަރާއި މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް ގެންދިޔަ ފިލްމެކެވެ.

އެ ފިލްމަށް ފަހު ބޮންގް ދެން ހަދާނެ ކަމަށް ކުރިން ބެލެވުނީ މިއުޒިކަލްއެކެވެ.

އޭނާ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި 2017 ގެ "އޮޖާ" އާއި 2009 ގެ "މަދާ" އާއި 2005 ގެ "އެންޓާކްޓިކް ޖާނަލް" އަދި 2000 ވަނަ އަހަރު ގެނެސްދިން "ބާކިން ޑޯގްސް ނެވާ ބައިޓް" ހިމެނެ އެވެ.