Roadha Mihaaru
ހުރި ހައްގުތައް ވެސް ނުލިބޭ، އަދިވެސް ހަނިކުރަނީތަ؟

މުވައްޒަފުންގެ ގިނަ ހައްގުތައް ނުލިބޭ، އަދިވެސް ހަނިކުރަންވީތަ؟

20 ފެބުރުއަރީ 2020

މުވައްޒަފުން ހައްގުތަކުން މަހްރޫމް ކުރުމަކީ ދާދި ފަހުން އަންނަން ފެށި ޝަކުވާތަކެއް ނޫނެވެ. މުވައްޒަފުންނާ މެދު ތަފާތު ކުރުމާއި ސިިޔާސީ ބޭނުމަށް މުވައްޒަފުންނާ މެދު އަޅާ ފިޔަވަޅުތައް އެކަންޏެއް ނޫނެވެ. އިތުރު ގަޑީގެ ފައިސާ ނުދީ އިތުރު ގަޑީގެ މަސައްކަތް ކުރުވުމާއި ހަފުތާއަކު އެންމެ ގިނަވެގެން މަސައްކަތް ކުރުވޭނެ ކަމަށް ގާނޫނުގައި ބުނާ ވަގުތަށް ވުރެ އިތުރަށް މަސައްކަތް ކުރުވުމަކީ މިހާރު ވެސް ހިނގާ ކަންކަމެވެ. ސަލާމް ބުނުމާއި ޗުއްޓީގެ ހައްގުގެ ބޭނުން ކުރުމުން މުސާރަ އާއި އިނާޔަތްތަކުން ކެނޑުމާއި ރޯދަ އިނާޔަތް ވެސް ގާނޫނުގައި ބުނާ މިންވަރަށް ނުދިނުން ފަދަ އެތައް ޝަކުވާއެއް އަބަދުވެސް އިވެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުވައްޒަފުން ހައްގުތަކުން މަހްރޫމް ކުރުމަކީ ދާދި ފަހުން އަންނަން ފެށި ޝަކުވާތަކެއް ނޫނެވެ. މުވައްޒަފުންނާ މެދު ތަފާތު ކުރުމާއި ސިިޔާސީ ބޭނުމަށް މުވައްޒަފުންނާ މެދު އަޅާ ފިޔަވަޅުތައް އެކަންޏެއް ނޫނެވެ. އިތުރު ގަޑީގެ ފައިސާ ނުދީ އިތުރު ގަޑީގެ މަސައްކަތް ކުރުވުމާއި ހަފުތާއަކު އެންމެ ގިނަވެގެން މަސައްކަތް ކުރުވޭނެ ކަމަށް ގާނޫނުގައި ބުނާ ވަގުތަށް ވުރެ އިތުރަށް މަސައްކަތް ކުރުވުމަކީ މިހާރު ވެސް ހިނގާ ކަންކަމެވެ. ސަލާމް ބުނުމާއި ޗުއްޓީގެ ހައްގުގެ ބޭނުން ކުރުމުން މުސާރަ އާއި އިނާޔަތްތަކުން ކެނޑުމާއި ރޯދަ އިނާޔަތް ވެސް ގާނޫނުގައި ބުނާ މިންވަރަށް ނުދިނުން ފަދަ އެތައް ޝަކުވާއެއް އަބަދުވެސް އިވެ އެވެ.

ސާވިސް ޗާޖްގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ނެގުމަށް ފަހު ބާކީ ހުރިހާ ފައިސާއެއް މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ގާނޫނު ލާޒިމް ކުރިޔަސް، ގިނަ ތަންތަނުން އެގޮތަށް ސާވިސް ޗާޖެއް ނުދެ އެވެ. އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެމުން އަންނަ ފަތުރުވެރި ކަމުގެ ދާއިރާގައި އެ ޝަކުވާ ވަކިން ބޮޑެވެ.

ގާނޫނުގައި ހައްގުތައް ލިބިދޭ ގޮތްތައް ކިތަންމެ ސާފުކޮށް ބަޔާން ކޮށްފައި އޮތަސް، އެ ގާނޫނު އައި ފަހުން ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެތައް ސަރުކާރެއް ބަދަލުވި އިރު ވެސް މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނު ކަމަށް ބުނެވޭކަށް ނެތެވެ. އެހެންވެ، ދެވޭނެ އެންމެ ކުޑަ މުސާރަ ކަމަށްވާ މިނިމަމް ވޭޖް ކަނޑައެޅުމާ ހަމައިން މުވައްޒަފުންގެ ހުރިހާ ކަންބޮޑުވުންތަކަށް ނިމުމެއް ނާދެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ދާދި ފަހުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުތަކަކީ އަނެއްކާވެސް އިތުރު ކަންބޮޑުވުންތަކެކެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ އުސޫލުތައް އެ ބިލުގައި އޮތަސް، އެހެން ބައެއް ކަންކަމަށް ހުށަހެޅި އިސްލާހުތައް ހުރީ އެތައް ހައްގުތަކެއް ހަނިކުރެވޭ ގޮތަށެވެ.

ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނެ އެންމެ ދިގު މުއްދަތު ކަމަށްވާ ޕްރޮބޭޝަންގެ މުއްދަތަކީ ތިން މަހެވެ. އެކަމަކު އެ ބިލުގައި ހުށަހަޅާފައިވަނީ އެ މުއްދަތު ހަ މަހަށް އިތުރު ކުރުމަށެވެ. އޭގެ ނަތީޖާއަކީ ވަޒީފާގެ ޔަގީންކަން ނުލިބި ތިބެން ޖެހޭ މުއްދަތު ދިގުވުމެވެ. އެ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިޔަސް، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އަނެއްކޮޅުން ގިނަ އޮފީސްތަކުގައި ޕްރޮބޭޝަންގެ މުއްދަތުގައި ލިބެނީ ކުޑަ މުސާރައެކެވެ. އެހެންވެ، އެ މުއްދަތު އިތުރުކުރުމަކީ އެކަށީގެންވާ މުސާރައެއް ހޯދުމުގެ އުއްމީދުގައި ވަޒީފާ ހޯދާ މީހުންނަށް ކުރިމަތިވާނެ އިތުރު ތަކުލީފެކެވެ.

ވަޒީފާއާ ބެހޭ ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައިއިރު އޮތީ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރެވޭ ގޮތަށެވެ. ފަހުން ތިން މަހަށް ބަދަލުކުރީ އެވެ. އެހެންވެ، އަނެއްކާވެސް އެންމެ ކުރިން ހަދަން އުޅުނު ގޮތަށް ހަ މަހަށް އެ މުއްދަތު އިތުރު ކުރަންވީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

ސަލާމް ބުނުމުގެ އުސޫލަށް ގެންނަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކޮންމެ އަހަރަކު ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ 30 ދުވަސް ބޭނުން ކުރެވޭނީ މެޑިކަލް ސެޓްފިކެޓް ހުށަހަޅައިގެންނެވެ. މިހާރު ގާނޫނު އޮންނަ ގޮތުން މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހެނީ ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނައިން ސަލާމުގައި ހުރެއްޖެ ނަމަ އެވެ. މާނައަކީ މިހާރު އިސްލާހު އޮތް ގޮތުން ނަމަ، ފައިސާތަކެއް ޚަރަދު ކޮށްގެން ޑޮކްޓަރަށް ދައްކައިގެން ނޫން ގޮތަކަށް ސަލާމް ބުނުމުގެ ހައްގު އެންމެ ދުވަހަކު ވެސް ބޭނުން ކުރެވެން ނެތުމެވެ.

ކުދިކުދި ކަންކަމުގައި ޑޮކްޓަރަށް ދައްކައިގެން ސެޓްފިކެޓް ހޯދުމަކީ ހަމަގައިމު ވެސް ސިއްހީ ދާއިރާއަށް ވެސް އުނދަގޫ ކުރިމަތި ވާނެ ކަމެކެވެ. "ބައްޔަކަށް ވާ ފަދަ ބައްޔެއް" ނެތް ކަން އެނގި ތިބެ ވެސް، ލިބޭ ކުޑަ މުސާރަ ކޮޅުން ބައެއް އުނިވިޔަ ނުދިނުމަށް ހޮސްޕިޓަލާ ހަމައަށް ދާން ޖެހޭ ނަމަ، އެއީ ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެ، މިހާރު ވެސް ބުރަ ބޮޑުވެފައިވާ އެފަދަ ތަންތަނަށް އަންނާނެ އިތުރު ބުރައެކެވެ. ގިނަ އޮފީސްތައް ހުންނަ މާލެއަށް އެކަނި ވިސްނާލިޔަސް، މިކަމުން ކުރިމަތިވާނެ ދަތިތައް ވަރަށް ބޮޑެވެ.

މިވަރުން އަދި ނުނިމެ އެވެ. ވަޒީފާގެ އެއްބަސްވުން ނެތި ވަޒީފާ އަދާކުރުވުމުން ޖޫރިމަނާ ކުރެވޭ ގޮތަށް އެ ބިލުގައި އޮތަސް، ވަޒީފާގެ އެއްބަސްވުމުގައި ހިމެނުން މިހާރު ލާޒިމްވާ އެންމެ މުހިިންމު މައުލޫމާތުތައް ހިމަނަން ނުޖެހޭ ގޮތަށް އިސްލާހުގައިވެ އެވެ. އެ ބިލް އޮތް ގޮތުން މުސާރަ އާއި އިނާޔަތްތައް ދެވޭ މިންގަނޑާއި ހިސާބު ކުރެވޭނެ ގޮތާއި ޗުއްޓީ ދެވޭނެ ގޮތާއި މުވައްޒަފާ މެދު އެޅޭނެ ފިޔަވަޅުތައް ވެސް ވަޒީފާގެ އެއްބަސްވުން ހަދާއިރު ކޮންމެހެން މުވައްޒަފަށް އެނގޭކަށް ނުޖެހެ އެވެ. މާނައަކީ ލިބިގެންވާ ހައްގުތަކަކީ ކޮބައިކަން ވެސް ނޭނގި ވަޒީފާއާ ހަވާލުވާން ޖެހުމެވެ.

މަޖިލިހުގެ އިދާރާ: ގާނޫނަށް މިހާރު ގެންދަނީ ބަހުސްކުރަމުން -- ފޮޓޯ/މިހާރު

މަޖިލިހުގެ އިދާރާ: ގާނޫނަށް މިހާރު ގެންދަނީ ބަހުސްކުރަމުން -- ފޮޓޯ/މިހާރު

މިއީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. މިސާލަކަށް ފިޔަވަޅެއް އެޅިދާނެ ކުށެއް ކަން ނޭނގި އަދި އޭގެ ނަތީޖާ ވެސް ނޭނގި ކުރެވޭ ކަންކަމަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާ ނަމަ، އޭގެ ނަތީޖާއަކަށް ވަނީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި މުވައްޒަފުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އަމަލު ކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް ދެވޭ ލައިސަންސަކަށެވެ. މިއީ އަނެއްކާވެސް ހަމައެއް ލަމައެއް ނެތި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ހުޅުވޭ ދޮރަކަށް ނޫނީ ނުވާނެ އެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އަނެއް ކަމަކީ ސާވިސް ޗާޖް ދިނުމުގެ އުސޫލުތަކަށް ބަދަލު ގެނައުމެވެ. މިހާރު ގާނޫނު އޮތް ގޮތުން ސާވިސް ޗާޖަކީ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ޖެހޭ އެއްޗެއް ކަމަށް ވިޔަސް، އެ ބިލުގައި ހުށަހަޅާފައިވަނީ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދިނުމުގެ ބާރު ލިބޭ ގޮތަށެވެ. އަދި އެ ނޫން މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގައި ކުރި މަސައްކަތާއި ހޭދަކުރި ވަގުތަށް ބަލައި، ސާވިސް ޗާޖުން އޭނާއަށް ހައްގުވާ މިންވަރު ކަނޑައެޅުމުގެ ބާރު ވަޒީފާ ދޭ ފަރާތަށް ލިބޭ ގޮތަށެވެ. މިގޮތަށް އޮތުމުން ސާވިސް ޗާޖް ނުދިނުމުގެ މައްސަލަ މިހާރަށް ވުރެ ވަކިން ބޮޑުވެގެން ދިއުމުގެެ ފުރުސަތު އެބަ އޮތެވެ.

ސާވިސް ޗާޖް ނެގުމުގެ އުސޫލުތައް އެ ބިލުގައި އޮތަސް، ސާވިސް ޗާޖް ނުދިނުމުގެ މައްސަލައަށް ހައްލު ގެނައުމުގެ އުސޫލެއް ނެތެވެ. އެންމެ ބޮޑު ވަރަކަށް އެ ބިލުގައި އޮތީ ސާވިސް ޗާޖް ދިން ގޮތުގެ މައުލޫމާތު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ނުދީފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަމަކު ސާވިސް ޗާޖް ނުދިނަސް، ވަޒީ ފާދޭ ފަރާތާ މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް އެ ބިލުގައި ނުހިމަނަ އެވެ.

ގާނޫނީ ގޮތުން މިހާރު ވެސް ލިބެން ޖެހޭ ހައްގުތައް މުވައްޒަފުންނަށް ނުދޭ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅެ އެވެ. މިފަދަ ކަންބޮޑުވުން ހުރި ބިލެއް ފާސްވެއްޖެ ނަމަ އިތުރަށް މުވައްޒަފުން ނިކަމެތިވުމުގެ ފުރުސަތު ބޮޑެވެ. ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ އުސޫލުތައް އެ ބިލުގައި ހިމެނިޔަސް، މުވައްޒަފުންގެ ހައްގުތައް ހަނިކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނު ވުޖޫދަށް ގެނައި މަގްސަދު ގެއްލިގެެންދާނެ ކަމެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.

އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް

ސަރުކާރުން ހުށަހެޅި އެ އިސްލާހުތަކާ އެކު ކުރިމަތިވާން ފެށި ފާޑުކިޔުންތަކާ ހެދިި ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެންމެ ފަހުން މިހާރު ވަނީ އެ ބިލުގައިވާ ކަންކަން އިތުރަށް މުރާޖާ ކުރާނެ ކަމަށް ބުނެފަ އެވެ. އެ ބިލް އެކުލަވާލީ ގިނަ ކަންތައްތަކަށް ހައްލު ހޯދައި ދިނުމަށް ކަމަށާއި އާންމުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އެކަމަކު އެހާ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ބިލެއް މަޖިލީހަށް ފޮނުވީ ކިހާ މިންވަރަކަށް ބަލާފައިތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ސަރުކާރުން ހުށަހެޅި ބިލެއް އެގޮތަށް އޮތުމުން މުވައްޒަފުންގެ ހައްގުތަކަށް ވުރެ ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރަން ސަރުކާރުން އުޅޭ ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ. އެކަށީގެންވާ މުސާރަ އާއި އިނާޔަތްތައް ނުލިބުމުގެ ޝަކުވާއަށް ހައްލެއް ނެތް އިރު އިތުރު ހައްގުތަކެއް އަނެއްކާވެސް ހަނިކުރަން ހުށަހެޅުމަކީ ގިނަ ބަޔަކަށް ބަލައިގަންނަން ދަތިވި ކަމަށެވެ.

އިސްލާހާ ގުުޅިގެން މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއް

ވަޒީފާއާ ބެހޭ ގާނޫނު ހެދީ ވަޒީފާ ދޭ ފަރާތާއި މުވައްޒަފުންގެ ހައްގުތައް ވެސް ހިމާޔަތް ކުރާށެވެ. އެކަމަކު މިހާތަނަށް ވެސް އެ ގާނޫނު ތަންފީޒު ކުރަމުން އައީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުވާ ގޮތަށް ކަމަށް ބުނެވޭކަށް ނެތެވެ. އެހެންވީއިރު، އަނެއްކާވެސް މުވައްޒަފުން އިތުރު ހައްގުތަކެއް ހަނިކުރަން ޖެހެނީ ކޮން ސަބަބަކާ ހެދިތޯ ސުވާލު އުފައްދަން ޖެހެ އެވެ.