Roadha Mihaaru
ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓު ހުޅުވާލައިފި

ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

06 އޮކްޓޯބަރ 2016

ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުނީ އަންނަ ޖެނުއަރީ 14ގައި އޮންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕީޕީއެމް ޓިކެޓް ލިބޭނީ މި މަހުގެ ހައެއްގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ކަމަށާއި ދާއިރާ އަށް ކުރިމަތިލާންޖެހޭ އަދަދަށް ވުރެ އިތުރަށް މީހުން ކުރިމަތިލައިފިނަމަ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލިއިރު، ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އަދި މިއަދާ ހަމައަށް އައިއިރު އެ ހިޔާލު ތަފާތުވުންތައް ހައްލުކުރެވިފައެއް ނުވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ ހުޅުވާލައިފަ އެވެ. މިފަހަރު އިންތިހާބުގައި އަދާލަތު ނިކުންނަނީ އެމްޑީޕީއާ ކޯލިޝަން ހަދައިގެންނެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އިންތިހާބުކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު 655 އަށް ވަނީ މަދުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބޭ މެމްބަރުންގެ އަދަދަކީ 1077 އެވެ. އެހެންކަމުން އެއީ 422 ކައުންސިލަރުންގެ މަދުވުމެކެވެ. ރަށު ކައުންސިލަރުންގެ މުސާރައަށް މިހާރު މަހަކު 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، ކައުންސިލަރުންގެ އަދަދު މަދުވުމާ ގުޅިގެން ދެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ހަރަދު ކުރަން ޖެހޭނީ މަހަކު 7.3 މިލިޔަން ރުފިޔާ އެވެ.