Roadha Mihaaru
ކައުންސިލް އިންތިހާބުގައި 1487 ކެންޑިޑޭޓުން ވާދަކުރޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 1،487 ކެންޑިޑޭޓުން ވާދަކުރޭ: އީސީ

13 މާޗް 2017

އަންނަ މަހުގެ 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 1،487 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 1،487 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އީސީ އިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި ސިޔާސީ ޕާޓީތަކުން 1،124 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަ ކުރެ އެވެ. އަދި 363 ކެންޑިޑޭޓަކު ވާދަކުރަނީ އަމިއްލަ ގޮތުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ވަނީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އާންމުކޮށް އިއުލާންކޮށްފަ އެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު، އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރުވެފައި ވާތީ، ހަތަރު ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލެއްގެ އިންތިޚާބު ނުބާއްވަން ނިންމައި ކެންޑިޑޭޓުން އިންތިޚާބުވި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އާ ދައުރަކަށް އިންތިޚާބުވީ ތ. ގުރައިދޫ ކައުންސިލަށް ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނާއި މ. ރަތްމަންދޫ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ތިން ކެންޑިޑޭޓުންނާއި އދ. ދިއްދޫ ކައުންސިލަށް ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނައި ރ. ކިނޮޅޮހު ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި ތިން ކެންޑިޑޭޓުން އަދި ހދ. އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާ އަށް ކުރިމަތިލެއްވި އެމްޑީޕީ ކެންޑިޑޭޓެވެ.