Roadha Mihaaru
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ

ނަޝީދާ ބެހޭގޮތުން ދޮގު ވާހަކަ ދެއްކި މީހަކަށް ދައުވާ ކުރަން އެދި ހުށަހަޅުއްވަނީ

18 މެއި 2020

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެ މަނިކުފާނު ނިންމަވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެ މަނިކުފާނު ނިންމަވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވީ ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ދެއްކި ކަމަށް ބުނާ އެ ވާހަކަތަކުގެ ވީޑިއާ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ މީގެ ހަތް އަހަރު ކުރިން، 20113 ގައި އާންމުވި ވީޑިއޯ އެކެވެ. އޭރު ނަޝީދާ އިދިކޮޅު، އެކަމަކު މިހާރު ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް އިސް ބޭފުޅުން މި ވީޑިއޯ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ކަން މިހާތަނަށް ހާމަވެފައިވާ ޓުވިޓާ ޕޯސްޓުތަކުން އެނގެ އެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނީ، އިބްރާހިމް އަލީގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ، ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް މިފަދަ ވާހަކައެއް ދެއްކުމުގެ މަގްސަދަކީ އެ މަނިކުފާނު ގަތުލުކޮށް، ލޭ ހުއްދަ ކަމަށް ދެއްކުމެވެ.

ގާނޫނުލްއުގޫބާތުގެ 617 ވަނަ (ހ) ގެ (5) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، މީހުންގެ މެދުގައި ދީނީ ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

"އަޅުގަނޑަކީ ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކު ކަމަކާ ނުލައި ހިތުގެ އަޑިން ގަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާ އަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް،" ނަޝީދު

ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސްތަކެއް ނަޝީދު ވިދާޅުވި ކަމަށް ބުނާ މައްސަލައިގައި، އެމަނިކުފާނުގެ އެމްޑީޕީން ވެސް ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ މައްސަލަ "ހަރުއަޑުން" ކުށްވެރިކޮށް އެމްޑީޕީން ވަނީ އެ ވާހަކަތައް ދެއްކި ދެއްކުން ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި، އެ ޕާޓީގެ އެންމެ އިސް އެއް އަމާޒަކީ އިސްލާމް ދީން ހިމާޔަތް ކުރުމެވެ. ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ ސިޔާސަތުތައް ވެސް އެކުލަވައިލާފައި ވަނީ އިސްލާމް ދީން ހިމާޔަތްކޮށް، އިންސާނީ ގަދަރާއި ކަރާމާތް ރައްކާތެރިކޮށް، ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަަތައް ނެގެހެއްޓުމަށް އިސްކަންދީގެން ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާން

"މި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ކީރިތި ގުރުއާނާއި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ރިސާލަތު ފުރިހަމައަށް ގަބޫލުފުޅު ކުރައްވާ ބޭފުޅެކެވެ. އަދި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި އަސާސްތައް މަތީ ދެމިހުންނެވި މުސްލިމެކެވެ،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ބަޔާނުގައި ވެ އެވެ.

"އަޅުގަނޑަކީ ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކު ކަމަކާ ނުލައި ހިތުގެ އަޑިން ގަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާ އަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް،" ނަޝީދު ވިދާޅުވި ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި، ނަޝީދުގެ ދީނީ އަގީދާއާ ގުޅޭ ގޮތުން ސުވާލު އުފައްދައި، ރައްޔިތުންގެ މެދުގައި އެ މަނިކުފާނަށް ނަފްރަތު އުފެއްދުމަށް ދައްކާ ވާހަަތައް ބަލައެއް ނުގަންނާނެ އެވެ.