Roadha Mihaaru
ޓޮޓެންހަމް ބަލިވިއިރު، އެޓަލަންޓާ ކުއާޓާއާ ގާތަށް

ޓޮޓެންހަމް ބަލިވިއިރު، އެޓަލަންޓާ ކުއާޓާއާ ގާތަށް

20 ފެބުރުއަރީ 2020

ލަންޑަން (ފެބްރުއަރީ 20) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އަމިއްލަ ދަނޑުގައި 1-0 އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގް އަތުން ބަލިވިއިރު، އިޓަލީގެ އެޓަލަންޓާ އިން ސްޕެއިނުގެ ވެލެންސިއާ 4-1 އިން ބަލިކޮށް ކުއާޓާއާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 20) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އަމިއްލަ ދަނޑުގައި 1-0 އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގް އަތުން ބަލިވިއިރު، އިޓަލީގެ އެޓަލަންޓާ އިން ސްޕެއިނުގެ ވެލެންސިއާ 4-1 އިން ބަލިކޮށް ކުއާޓާއާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ލައިޕްޒިގަށް ހަމައެކަނި ލަނޑު ޖަހައިިދިނީ ޕެނަލްޓީ އަކުން ޖަރުމަނު ގައުމީ ޓީމުގެ ފޯވާޑް ޓިމޯ ވާނާ އެވެ. މިއީ ޓޮޓެންހަމްގެ ބެން ޑޭވިސް ލައިޕްޒިގުގެ ކޮންރެޑް ލެއިމާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި މެޗުގައި ޓޮޓެންހަމްގެ ގޯލްކީޕަރު ފްރާންސްގެ ހޫގޯ ލޮރީސް ވަނީ މޮޅުކުޅުމެއް ދައްކައިފަ އެވެ. ވާނާ އާއި އެންޖެލިނޯ ޖެހި ނުރައްކާތެރި ބޯޅަތަކުގެ ހުރަހަކަށްވީ ދާދިފަހުން އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައި ލޮރީސް އެވެ.

މިދިޔަ އަހަރު ފައިނަލުގައި ކުޅުނު ޓޮޓެންހަމަށް ހޯސޭ މޮރީނިއޯ ހަވާލުވި ފަހުން އަދި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. މޮރީނިއޯ އަށް ރޭގެ މެޗަށް ނުކުތްއިރު އޮތް ބޮލުގެ ރިހުމަކީ އަނިޔާގެ މައްސަލަތަކެވެ. މިދިިޔަ މަހު ކުރީކޮޅު ހެރީ ކޭން އަށް ސީރިއަސް އަނިޔާއެއްވިއިރު، އެންމެ ފަހުން ކުޅުނު މެޗުގައި ސޮން ހެއުން މިން ވެސް ވަނީ ދިގު މުއްތަދަކަށް ކުޅުމާ ދުރަށްދާން ޖެހިފަ އެވެ.

މޮރީނިއޯ ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ މި މެޗުން ބަލިވުން ނޫން ކަމަށާއި އެކަމަކު ކުރިއަށް އޮތް ގިނަ މެޗުތަކެއް ކުޅެން ތިބީ އެއް ކުޅުންތެރިންތަކެއް ކަމަށްވެފައި އަނިޔާއެއް ނުވާނެކަމުގެ ޔަގީންކަމާ އެކު އެ ކުޅުންތެރިން ގެންގުޅެވޭނެ ހާއްސަ އުކުޅެއް އޭނާ އަށް ދަސްވެފައި ނެތުން ކަމަށް ބުންޏެވެ.

އެޓަލަންޓާގެ ކުޅުންތެރިން ރޭގެ މެޗުން މޮޅުވުމުން ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެޓަލަންޓާގެ ކުޅުންތެރިން ރޭގެ މެޗުން މޮޅުވުމުން ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި ފަހަރު އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކޮށް ނޮކައުޓު ބުރުން ވެސް ފުރުސަތު ހޯދި އެޓަލަންޓާ ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަމިއްލަ ދަނޑުގައި ރޭ އެ ޓީމު ކުޅުނު މެޗުގައި ލަނޑުތައް ޖެހީ ހާންސް ހޭޓްބޮއާ ދެ ގޯލާއި ޖޯސެފް އިލިޗިޗް އަދި ރެމޯ ފްރޯލާ އެވެ. ވެެލެންސިއާގެ ހަމައެކަނި ގޯލު ޖެހީ ރަޝިއާގެ މިޑްފީލްޑަރު ޑެނިސް ޗެރީޝެފް އެވެ.

އެޓަލަންޓާގެ ކޯޗު ޖިއަންޕީއޭރޯ ގަސްޕެރީނީ ބުނީ މިއީ އެޓަލަންޓާގެ ތާރީހުގައި ވެސް ހާއްސަވާނެ މެޗެއްކަމަށާއި ކްލަބްގެ ސަޕޯޓަރުން ވެސް މި ދުވަސް ގިނަ އަހަރުތަކެއް ވަންދެން ހަނދާންކުރާނެ ކަމަށެވެ.

ޔުއެފާގެ މިންގަނޑަށް ނުފެތޭތީ އެޓަލަންޓާ ދަނޑުގައި އެ ޓީމުގެ ހޯމް މެޗުތައް ނުކުޅެވެ އެވެ. އެހެންވެ ޗެމްޕިއަންސް ލީގުގައި އެޓަލަންޓާގެ ހޯމް މެޗުތައް ކުޅެނީ މިލާންގެ ސެން ސީރޯގަ އެވެ.