Roadha Mihaaru
ޔުނައިޓެޑު ހިމެނުނު ގުރޫޕުގެ ދެވަނަ ވިޔަރެއާލަށް

ޔުނައިޓެޑް ހިމެނުނު ގުރޫޕުގެ ދެވަނަ ވިޔަރެއާލަށް

10 ޑިސެމްބަރ 2021

ބާގެމް، އިޓަލީ، (ޑިސެމްބަރު 10) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭގުގައި އިނގިރޭސި ޓީމް މެންޗެސްޓާ ޔުނައިޓެޑު ހިމެނުނު ގުރޫޕް އެފްގެ ފަހު މެޗު ކާމިޔާބުކޮށް، ގުރޫޕްގެ ދެވަނަ ޓީމު ގޮތުގައި ސްޕެއިންގެ ވިޔަރެއާލް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާގެމް، އިޓަލީ، (ޑިސެމްބަރު 10) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭގުގައި އިނގިރޭސި ޓީމް މެންޗެސްޓާ ޔުނައިޓެޑު ހިމެނުނު ގުރޫޕް އެފްގެ ފަހު މެޗު ކާމިޔާބުކޮށް، ގުރޫޕްގެ ދެވަނަ ޓީމު ގޮތުގައި ސްޕެއިންގެ ވިޔަރެއާލް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗް ވިޔަރެއާލް ކާމިޔާބު ކުރީ، 3-2 އިން އިޓަލީގެ އެޓަލާންޓާ ބަލި ކޮށްގެންނެވެ. ބުދަ ދުވަހުގެ ރޭ ކުޅެން އޮތް މި މެޗް ފަސް ކުރަން ޖެހުނީ، އެރޭ މެޗް ނުކުޅެވޭ ވަރަށް ދަނޑަށް ސްނޯ ފައިބަމުން ދިޔުމުގެ ސަބަބުންނެވެ.

ވިޔަރެއާލް އަތުން މޮޅު ނުވެވުމުން، ތިންވަނައިގައި ނިންމި އެޓަލާންޓާ ވާދަކުރާނީ، ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފުގަ އެވެ. މި ގުރޫޕުގެ އެއްވަނަ ހޯދީ ބުދަ ދުވަހުގެ ރޭ ޔަންގް ބޯއީޒްއާ 1-1 އިން އެއްވަރުކުރި މެންޗެސްޓާ ޔުނައިޓެޑެވެ.

ވިޔަރެއާލުން ވަނީ މެޗުގެ ތިންވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާނަފް ޑަންޖުމާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިޔަރެއާލްގެ ދެވަނަ ލަނޑު ޖަހައިދިނީ، ކުރިން ޓޮޓެންހަމް އަށާއި ވަޓްފޯޑަށް ވެސް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު އެޓިއެން ކަޕޫ އެވެ. ދެވަނަ ހާފު ފެށިގެން ހަ މިނިޓު ތެރޭ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖެހި ޑަންޖުމާ އެވެ.

އެޓަލާންޓާއިން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ، މެޗުގެ ފަހު 20 މިނިޓުތެރޭގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ރުސްލާން މިލާނޯވްސްކީ ޖެހިއިރު، ފަރަގު ކުޑަކުރީ 80 ވަނަ މިނިޓުގައި ޑުވާން ޒަޕާޓާ ޖެހި ލަނޑުންނެވެ.

މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލި ކޮށްގެން، މި ސީޒަނުގެ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދި ވިޔަރެއާލް ގުރޫޕް ސްޓޭޖުގައި ބަލިވީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

މި މެޗާ އެކު ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގެ ކުޅުން ނިމިފައި ވާއިރު، ގަދަ 16 އަށް ހޮވުނު ޓީމުތަކުގެ މެދުގައު ގުރުއަތުލުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އަދި މި ބުރުގެ ފުރަތަމަ ލެގުގެ މެޗްތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ކުޅެން ހަމަޖެހިފައިވާއިރު، ދެވަނަ ލެގު ކުޅޭނީ މާޗު މަހު އެވެ.