Roadha Mihaaru
ޕީޕީއެމް އޮފީސް ބަންދުކުރާތީ އީސީގައި ޝަކުވާކޮށްފި

ފުލުހުން ޕީޕީއެމް އޮފީސް ބަންދުކޮށް އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އީސީއަށް ހުށަހަޅައިފި

12 މާޗް 2021

ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކުރާތީ، ލޯކަލް ކައުންސިލް އިންތިހާބަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކުރާތީ، ލޯކަލް ކައުންސިލް އިންތިހާބަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕީޕީއެމް އާއި ޕީއެންސީން ކޮންމެ ހުކުރު ދުވަހަކު "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި މުޒާހަރާ ކުރެ އެވެ. ނަމަވެސް އެ ހަރަކާތްތައް ހެލްތު ޕްރޮޓޭކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހިލާފު ކަމަށް ބުނެ މުޒާހަރާ ހުއްޓުވަން ފުލުހުން ދަނީ ޕީޕީއެމް އޮފީސް ސަރަހައްދުގެ މަގުތައް ބަންދުކޮށް އޮފީހަށް ވަދެނުކުތުން ވެސް ހުއްޓުވަމުންނެވެ. މިއަދު ވެސް ފުލުހުން ވަނީ އެގޮތަށް އަމަލުކޮށްފަ އެވެ.

އެ މައްސަލާގައި ޕީޕީއެމް އިން އީސީއަށް ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބުގެ ވޯޓު ނަގާ ދުވަސް ކައިރިވަމުން އަންނައިރު، އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތަކާއި އެހެނިހެން ގިނަ މަސައްކަތްތަކަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހު މެންދުރު 2:00 އިން ފެށިގެން ދަންވަރު ވަންދެން ވެސް ޕާޓީގެ އޮފީހަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރާ ކަމަށާއި އެކަމުގެ ސަބަބުން ރީރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޕީޕީއެމްގެ އޮފީހަށް ވަދެ އުޅޭ މީހުންނާ ސުވާލުކޮށް، ބައެއް މީހުން ހައްޔަރު ކުރަމުންދާ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

އެ އޮފީހަށް ވަންނަ މީހުން ހައްޔަރުކުރާ ކަމަށް ޕީޕީއެމުން ބުންޏަސް މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވެސް ވަނީ ޖޫރިމަނާކޮށް ދޫކޮށްލައިފަ އެވެ.

"..މިކަމަކީ މި ޕާޓީން އިންތިހާބާ ގުޅިގެން ކުރަމުން ގެންދާ އިދާރީ އަދި އަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިހާބަށް ނުފޫޒް ފޯރުވުމުގެ އަމަލެއް ކަމުގައި މި ޕާޓީން ދެކެން،" ޕީޕީއެމް އިން ބުންޏެވެ.

ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލުތައް ހުއްޓުވަން އެދޭ ކަމަށާއި ކެނޑިޑޭޓުންނަށް ހަމަހަމަ ކަމާއި މިނިވަންކަމާއެކު އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ޕީޕީއެމުން ވަނީ އެދިފަ އެވެ.