Roadha Mihaaru
ނަޝީދަށް ރައްދު ދެއްވަން މުއިއްޒު ބޭނުމެއް ނޫން

މުއިއްޒު ވިދާޅުވަނީ ނަޝީދުގެ ލެވެލަށް ވެއްޓެން ބޭނުންނުވާ ކަމަށް

23 ފެބުރުއަރީ 2020

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލެވެލަށް ވެއްޓެން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްްޒު ނުސީދާކޮށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލެވެލަށް ވެއްޓެން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްްޒު ނުސީދާކޮށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި އިދިކޮޅުން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ނަޝީދުގެ ނަން ވިދާޅު ނުވެ، މުއިއްޒު ވިދާޅުވީ "ފާޑުވިދާޅުވާ ބޭފުޅުންގެ ފެންވަރަށް ވެއްޓެން ބޭނުން ނުވާ" ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާއަކީ އިންސާނުންނާ މެދުގައި އޮންނަން ޖެހޭ ކަރާމާތަށް އޭނާ އެއަށް ވުރެ ބޮޑަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ. ކޮންްމެ ރައްޔިތަކީ ވެސް ހެޔޮކޮށް ހިތަން ޖެހޭ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ މެދުގައި ކިތަންމެ ހިތްޕުޅާ ހަމަ ނުވެގެން ބައެއް ބޭފުޅުން ބަސްފުޅު ވިދާޅުވިޔަސް، އެއީ އަޅުގަނޑު އެކަމާ މެދުގައި މާބޮޑަކަށް އެއަށް ރައްްދު ދީ އެބޭފުޅުން އެދާ ލެވެލް އަށް ދާން ބޭނުންވާ ވާހަކަތަކެއް ނޫނޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިހެން މި ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ވެސް ރައީސް ނަޝީދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އޮއްވަ އެވެ. އެމަނިކުފާނު އެ ޖަލްސާގައި ވަނީ މުއިއްޒަށް "ހޮޅި މުއިއްޒު"ގެ ނަމުން ވަނަމެއް ވެސް ދެއްވައިފަ އެވެ.

"މި މާލެ މިފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ އެ ހޮޅިމުއިއްޒު. އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު،" ކޯފާވެ ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވެފައި ވެ އެވެ.

މުއިއްޒަށް އެފަދަ ވަނަމެއް ދެއްވީ މާލޭގައި އިމާރާތްކުރާ ތަންތަނުން މޫދަށް ފެން ބޭރުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މުއިއްޒު ހައުސިން މިނިސްޓަރަަކަށް ހުންނަވައިގެން އަޅާފައިވާ ހޮޅިތަކާ ގުޅުވައިގެން ކަމަށް ބެލެވެ އެވެ. އެ ހޮޅިތަކާ ހެދި އުނދަގޫ ވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ.

ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ "އެ ލެވެލް އަށް ވެއްޓެން ބޭނުންނުވާ" ކަމަށެވެ: "އެހެންވީމާ އަޅުގަނޑު އެގޮތަށް ރައްދުދީ އެވާހަކަތައް އެގޮތަކަށް ނުދައްކާނަން."

ނޫމަޑިއަށް ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުމުގައި މުއިއްޒު އަމަލު ކުރެއްވި ގޮތުގެ ދައުރެއް އޮތް ކަމަށް ކުރާ ތުހުމަތަށް އޭނާ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. ރޭގެ ޖަލްސާ އަށް ވަޑައިގެންނެވީ ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު އެވެ. އެހެންވެ، އެކަމާ ބެހޭ ގޮތުން ވެސް އޭނާ ރޭ ވާހަކަ ދެއްކެވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފުލުހުން މިވަގުތު އޭނާގެ މައްސަލަ ބަލަނީ، "ކުރަމުން އަންނަ ގައުމީ މަސައްކަތަށް ހުރަސް އަޅަން" ވެގެންނެވެ.