Roadha Mihaaru
ކައުންސިލް އިންތިޚާބު ފަސްކުރަން އެދިވަޑައިގެންފި

ކައުންސިލް އިންތިޚާބު ފަސްކުރަން އަލީ ހުސައިން ގޮވާލައްވައިފި

07 މާޗް 2020

ރާއްޖެ އިން ވެސް ކޮވިޑް-19 މިހާރު ފެނިފައިވާއިރު، އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިރޭ ގޮވާލައްވައިފި އެވެ.

ރާއްޖެ އިން ވެސް ކޮވިޑް-19 މިހާރު ފެނިފައިވާއިރު، އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިރޭ ގޮވާލައްވައިފި އެވެ.

ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ސަރުކާރުން މިރޭ އިއުލާން ކުރުމުގެ ކުރިން، ކުރެއްވި ޓުވީޓެއްގައި އަލީ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ އަދި އައިސް ގޮސްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު ތަނުން އިސްކަން ދިނުން މުހިންމު ކަމަށެވެ.

"އޭޕްރީލް މެއި މަހުގެ ހޫނު ދުވަސްތަކަށް ފަހު ވެސް އިންތިޚާބު ބޭއްވޭނެ،" އޭނާ ވިދާޅުވި އެވެ.

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 އެންމެ ފަހުން ރާއްޖެ އިން ވެސް ފެނުމާ ގުޅިގެން ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ސަރުކާރުން މިރޭ ވަނީ ބުނެފަ އެވެ. އެކަމަކު، އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު އިލެކްޝަންސް ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް، ރާއްޖެ އިން މި ވައިރަސް ފެނުމުގެ ކުރިން ވެސް، އެކި ފަރާތްތަކުން އައީ އިންތިޚާބު ފަސްކުރުމަށާއި އެއްވުންތައް ނުބޭއްވުމަށް ގޮވައިލަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އެމްޑީޕީން މިހާރު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންގެ އަމަލީ މަސައްކަތް ހުއްޓާލައި، އެކަން ހަމައެކަނި ސޯޝަލް މީޑީއާގައި ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީ ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބާއްވަން ނިންމި އެއްވުން ފަސްކޮށްފަ އެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އަތޮޅުތަކަށް ކުރާ ކެމްޕެއިން ދަތުރުތައް ވެސް މިވަގުތަށް މެދުކަނޑާލައިފަ އެވެ.