Roadha Mihaaru
އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފަކަށް މުސާރަ!

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފަކަށް މުސާރަ!

24 ފެބުރުއަރީ 2020

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފެއްގެ މުސާރާގެ ގޮތުގައި 62،000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއް އޮޑިޓާ ޖެނެރަލް ފެންމަތިކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފެއްގެ މުސާރާގެ ގޮތުގައި 62،000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއް އޮޑިޓާ ޖެނެރަލް ފެންމަތިކުރައްވައިފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވާފައިވާ އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މުސާރައާ ގުޅޭ ލިޔުންތައް އޮޅުވާލައިގެން އެ މިނިސްޓްރީގައި އެއްވެސް އިރަކު ނޫޅޭ މުވައްޒަފެއްގެ ނަމުގައި 62،200ރ. ނަގާފައިވާ ކަމަށެވެ.

އަދި އެ މިނިސްޓްރީގެ މުވައްޒަފަކު އޭނާ އަށް ހައްގުވާ އަދަދަށް ވުރެ އިތުރަށް އެ އަހަރު 13،967ރ. ނަގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން 2018 ވަނަ އަހަރު އޭނާ އަށް މުސާރައިގެ ގޮތުގައި ޖުމުލަ 89،114ރ. ލިބެން ޖެހޭއިރު 93،084ރ. ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އޭނާ އިތުރަށް ފައިސާ ނަގާފައި ވަނީ އިތުރު ގަޑީގެ ގޮތުގައި އޮޅުވާލައިގެން ކަމަށް ރިޕޯޓްގައި ވެ އެވެ.

އެއީ ކޮން މަގާމެއްގައި ހުރި ކޮން މުވައްޒަފެއް ކަމެއް ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރަން ވާނީ އަދި އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ފައިސާ ދޭން ވާނީ، އިތުރު ގަޑީގައި ކުރާ މަސައްކަތަކީ ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެން ނެތް ނުވަތަ އޮފީހުގެ ފަރާތުން އަންގައިގެން ކުރާ މަސައްކަތްތައް ނަމަ އެވެ. އަދި އެ އެ މަސައްކަތަކީ ޕާމަނަންޓް ސެކްރެޓަރީ ނުވަތަ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތީން ހުއްދަ ލިބިގެން ކުރާ މަސައްކަތައް ވާންޖެހެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އިތުރަށް ފައިސާ ދީފައިވާ މުވައްޒަފު އިތުރުގަޑީގައި ކޮށްފައިވާ މަސައްކަތަށް ހުއްދަ ދިނުމުގެ ކުރިން ރަނގަޅަށް ޗެކްކޮށް ބަލާފައި ނުވާ ކަމަށެވެ. އެގޮތުން ބައެއް ރަސްމީ ދުވަސްދުވަހު، 10 ގަޑިއިރަށް ވުރެ ގިނައިރު މެދު ކެނޑުމެއްނެތި އިތުރު ގަޑީގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވުމުން އެކަން ރަނގަޅަށް ނުބަލައި އިތުރު ގަޑީގެ ފައިސާ ދީފައިވާ ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.

"ބައެއް ދުވަސްތަކުގައި އޮފީސް ރަސްމީގައި ނިމިގެން، 14:00 ފެށިގެން ދަންވަރު 00:00 އަށް އިތުރު ގަޑީގެ މަސައްކަތް ކޮށްފައިވާ ކަމަށް ރިކޯޑުތަކުން ދައްކާ ކަމާއި، ބައެއް ދުވަސްތަކުގެ ދަންވަރު 00:00 ފެށިގެން އޮފީސް ރަސްމީ ގަޑި ފެށެންދެން އިތުރުގަޑީގައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައްކައެވެ." ރިޕޯޓްގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ނޫޅޭ މުވައްޒަފުގެ ނަމުގައި ނެގި ފައިސާ އާއި ހައްގުވާ މިންވަރަށް ވުރެ އިތުރަށް ނެގި ފައިސާ ބަހާލައިގެން ދެއްކުމަށް އެ މިނިސްޓްރީގެ މުސާރައާ ބެހޭ ބައިގައި މަސައްކަތް ކުރާ މުވައްޒަފަކު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ގަވައިދުން ދައްކަމުން ނުދާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލަ އިތުރަށް ބަލައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށާއި ސިވިލް ސާވިސް ކޮމިޝަންގެ އިތުރުން ފުލުހަށް ވެސް 2018 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ހުށަހަޅާފައި ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެެރަލް ލަފާ ދެއްވާފައި ވަނީ ޝަރީއަތަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމަށެވެ.